އަނިޔާއިން ރަނގަޅުނުވާތީ ޓިމްބާ އަށް ވޯލްޑް ކަޕް ގެއްލިއްޖެ

ނިއު ޔޯކް، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 8) - ނެދަލެންޑްސްގެ ގައުމީ ޓީމުގެ ފުލްބެކް، ޖޫރިއަން ޓިމްބާ އަށް ލިބިފައިވާ އަނިޔާއިން ރިކަވާވެ، އެއްކޮށް ފިޓްވެފައިނުވާތީވެ، އަންނަ ބުރާސްފަތި ދުވަހު، އެމެރިކާ، ކެނަޑާ އަދި މެކްސިކޯގައި ފަށާ މި ފަހަރުގެ ފީފާ ވޯލްޑް ކަޕްގެ ފުރުސަތު ގެއްލިއްޖެ އެވެ. 
އުމުރުން 24 އަހަރުގެ ޓިމްބާގެ އުކުޅުވަޅަށް އަނިޔާވީ މިދިޔަ މާޗް މަހުގެ ތެރޭގަ އެވެ. އެ އަނިޔާއިން ރަނގަޅުވެ، ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ޕީއެސްޖީއާ ދެކޮޅަށް އާސެނަލަށް ކުޅޭ ޓިމްބާ ވަނީ ކުޅެފަ އެވެ. އެކަމަކު، ނެދަލެންޑްސްގެ ވޯލްޑް ކަޕް ސްކޮޑުގެ 26 ކުޅުންތެރިންގެ ތެރޭގައި ހިމެނުނު ނަމަވެސް، ލިބުނު ފުރުސަތުގައި ފިޓްނަސް ޓެސްޓްތަކުން އެއްކޮށް ރިކަވާވިކަމަށް ނުދައްކަ އެވެ. 
"ގައުމީ ޓީމުން ބަލާ މިންގަނޑުގެ ތެރެއަށް ފެތޭވަރަށް ޓިމްބާގެ ފިޓްނަސްއެއް ނެތް، އެހެންވީމަ މެޑިކަލް ކޮންސަލްޓަންޓުންގެ ލަފަޔާއެއް ގޮތަށް ޓިމްބާ އަށް ކުޅުމުގެ ފުރުސަތު ނެތުމުން، އުޒްބެކިސްތާން މެޗަށް ފަހު، އޭނާ ޓީމުގެ ކޭމްޕް ދޫކޮށްލާނެ،" ނެދަލެންޑްސްގެ ބަޔާނުގައި ބުނެފައިވެ އެވެ. 
ޓިމްބާގެ ބަދަލުގައި ނެދަލެންޑްސްގެ ސްކޮޑަށް ނަގާފައިވަނީ، ސްޓޭންޑްބައި ލިސްޓުގަައި ހިމަނާފައިވާ ލުޓްޝަރެލް ގީޓްރުއިޑާ އެވެ. ސަންޑަލެންޑަށް ލޯން އެއްބަސްވުމެއްގެ ދަށުން މިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި ގީޓްރައިޑާ އަކީ ޑިފެންސްގެ ކޮންމެ މަގާމަކަށް ކުޅުމުގެ އިތުރުން، ޑިފެންސިވް މިޑްފީލްޑަރަކަށް ވެސް ކުޅެ އެވެ. 
ރޮނާލްޑް ކޫމަންގެ ކޯޗުކަމުގައި ކުޅޭ ނެދަލެންޑްސް އިން ނެދަލެންޑްސް އިން މި ފަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރާ ގްރޫޕްގައި ހިމެނެނީ، ޖަޕާން އާއި ސްވިޑެން އަދި ޓިއުނީޝިއާ އެވެ. ނެދަލެންޑްސް އަކީ 2010 ވަަނަ އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލުގައި ވާދަކޮށްފައިވާ ޓީމެކެވެ. މި ފަހަރުގެ މުބާރާތުގައި އެ ޓީމަށް ކާމިޔާބު ހޯދޭނެ ކަމަށް ކޫމަން ވަނީ ބުނެފަ އެވެ. 
މި މަހު 14 ވަނަ ދުވަހު ނެދަލެންޑްސް އިން ފުރަތަމަ މެޗުގައި ކުޅޭނީ ޖަޕާނާ ދެކޮޅަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ