އެއްބަސްވުމަށްފަހުވެސް ލުބުނާނަށް 3،500 ވައިގެ ޙަމަލާ

މިދިޔަ އޭޕްރިލް މަހުގެ 16ވަނަ ދުަވަހު ލުބުނާންއާއި ޔަހޫދީންނާ ދެމެދު ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމަށް އެމެރިކާ މެދުވެރިވެ އެއްބަސްވި ފަހުން ޔަހޫދީން ލުބުނާނަށް 3،500އެއްހާ ވައިގެ ޙަމަލާ ދީފައިވާ ކަމަށް އެ ޤައުމުން ބުނެފިއެވެ.
ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު ޔަހޫދީންނާއި އެމެރިކާއިން އީރާނާށް ޙަމަލާ ދިނުމާއެކު ލުބުނާނުން ވަނީ އީރާނުގެ ދިފާޢުގައި ޙަމަލާތަކެއް ދީފައެވެ. އެއާއެކު ޔަހޫދީން ވަނީ ލުބުނާނަށް ދެމުންދިޔަ ޙަމަލާތައް އިތުރުކޮށްފައެވެ.
އޭޕްރިލް މަހުގެ ތެރޭގައި ޙިޒްބުاللهއާއި ޔަހޫދީންނާ ދެމެދު ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމަށް ޢަމަލުކުރަން ފެށިއިރު ދެކުނު ލުބުނާނުގައި ގިނަ ޢަދަދެއްގެ ޔަހޫދީ ސިފައިން ޤާއިމްވެ ތިއްބެެވެ. އެއްބަސްވުމަށްފަހު ލުބުނާނުގެ ވެރިރަށް ބައިރޫތާއި އެ ފަދަ އެހެން ސަހަރުތަކަށް ޙަމަލާ ދިނުން އެއްކޮށްހެން ހުއްޓުމަކަށް އައިއިރު، ދެކުނު ލުބުނާނަށް ދެމުންދިޔަ ޙަމަލާތައް ހުއްޓިފައެއް ނުވެއެވެ.
ލުބުނާނުގެ ވަޒީރުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން އެ ޤައުމުނެ ދިފާޢީ ވަޒީރު މިޝެލް މެނައްސަ ވިދާޅުވީ އޭޕްރިލް މަހުގެ 17ވަނަ ދުވަހާއި ޖޫން މަހުގެ 7ވަނަ ދުވަހާ ދެމެދު ޔަހޫދީން 3،491 ވައިގެ ޙަމަލާދީ، 407 އިމާރާތް ސުންނާފަތިކޮށްލާފައިވާ ކަމަށެވެ. އަދި ލުބުނާނުގެ އެކި އެކި އަވަށްތައް ހަ ފަހަރެއްގެ މަތިން ބިމާ ހަމަކޮށްލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެ ޤައުމުގެ ބޮޑުވަޒީރު ނަވާފް ސަލާމްގެ އޮފީހުން ވެސް މި ތަފާސްހިސާބުތައް ފަހުން އެކްސްގައި ޙިއްޞާކޮށްފައިވެއެވެ.
ސަލާމް ވިދާޅުވީ ޔަހޫދީންނާއި އީރާންއާ ދެމެދު އެންމެ ފަހުން ބަދަލުކޮށްފައިވާ ޙަމަލާތަކުގެ ސަބަބުން ގިނަ ބަޔަކު ގެދޮރު ދޫކޮށް ދިޔުމަށް މަޖުބޫރުވެފައިވާ ކަމަށެވެ. އެއާއެކު ރައްކާތެރިކަން ހޯދުމަށް މަސައްކަތްކުރަމުންދާ ޢާއިލާތަކަށް އެހީތެރިވުމަށް ލުބުނާނަށް ދަތިވެފައިވާ ކަމަށް ވެސް އޭނާ ވަނީ ފާހަގަކުރައްވައިފައެވެ.
މާރިޗު މަހުގެ 2ވަނަ ދުވަހު ލުބުނާނަށް ޙަމަލާތައް އަމާޒުވާން ފެށީންސުރެ މިހާތަނަށް އެއް މިލިޔަނަށްވުރެ ގިނަ މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ. އެއީ ލުބުނާނުގެ ޖުމްލަ އާބާދީގެ ގާތްގަނޑަކަށް ފަސްބައިކުޅަ އެއްބައެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ