ހިމަބިހި ފެތުރޭތީ ވެކްސިން ޖަހަން ފަށައިފި؛ ފުރަތަމަ ދެނީ ކުޑަ ކުދިންނަށާއި ސިއްހީ ޚިދުމަތްތެރިންނަށް
ހިމަބިހި އަލުން ފެތުރެން ފަށާފައި ވާތީ 18 އަހަރުން ދަށުގެ ކުދިންނަށާއި ސިއްހީ ޚިދުމަތްތެރިންނަށް މީސްލްސް އެންޑް ރުބެއްލާ (އެމްއާރް) ވެކްސިން ދޭން ފަށައިފިއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނީ، އެމްއާރް ވެކްސިން ދިނުމަށް ހަމަޖެހިފައި ވަނީ ފިޔަވަހިތަކަކަށް ބަހައިލައިގެން ކަމަށެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި ވެކްސިން ދިނުމަށް ހަމަޖެހިފައި ވަނީ ސިއްހީ ޚިދުމަތްތެރިންނަށާއި ވެކްސިން ފުރިހަމަނުކޮށް ތިބި 18 އަހަރުން ދަށުގެ ކުދިންނަށެވެ. މިއަދުން ފެށިގެން އަންގާރަ ދުވަހުގެ ނިޔަލަށް މާލޭ ސަރަހައްދުގައި ހެނދުނު 8:30އާއި ހަވީރު 4:00އާ ދެމެދު ވެކްސިން ދިނުން ކުރިއަށް ގެންދާނެއެވެ. މާލޭ ސަރަހައްދުގައި ވެކްސިން ދިނުމަށް ހަމަޖެހިފައި ވަނީ: ޔޫޕީއެޗްސީސީ: ހެނދުނު 8:30އިން މެންދުރު 12 ޖަހަންދެން ހުޅުމާލޭ ހޮސްޕިޓަލް: ހެނދުނު ނުވަޔަކުން 11 ޖަހަންދެން، އަދި މެންދުރު އެކަކުން ފެށިގެން ތިނެއް ޖަހަންދެން ސެނަހިޔާ ހޮސްޕިޓަލް: ހެނދުނު 10އިން ފެށިގެން ހަވީރު ހަތަރެއް ޖަހަންދެން ވިލިމާލޭ ހޮސްޕިޓަލް: މެންދުރު 1:30އިން 3:30އަށް https://x.com/HPA_MV/status/2071083402670092447 ދެވަނަ ފިޔަވަހީގެ ދަށުން، އުމުރުން 30 އަހަރުން ދަށުގެ، ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރި ފަރާތްތަކަށް ވެކްސިން ދޭން ފަށާނެއެވެ. އޭގެ އިތުރުން 49 އަހަރުން ދަށުގެ މީހުންގެ ތެރެއިން ވެކްސިން ފުރިހަމަ ނުކުރާ މީހުންނަށް ވެކްސިން ދިނުމަށް ތައްޔާރުވަމުން އަންނަ ކަމަށް، އެޗްޕީއޭއިން ބުންޏެވެ. އެ އިދާރާއިން ބުނީ، ފްރަންޓް ލައިންގައި މަސައްކަތްކުރާ ސިއްހީ ޚިދުމަތްތެރިންގެ ތެރެއިން މިހާތަނަށް 1،537 ޚިދުމަތްތެރިއަކަށް ވެކްސިން ދީފައިވާ ކަމަށެވެ. އެޗްޕީއޭއިން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރު މިހާތަނަށް ރާއްޖޭން 22 މީހަކަށް ވަނީ ހިމަބިހި ޖެހިފައެވެ. އޭގެ ތެރޭގައި ގިނައީ 18 އަހަރުން މަތީގެ ދިވެހީން ކަމަށް، އެ އިދާރާއިން މައުލޫމާތު ދެއެވެ. ފާހަގަކުރެވޭ ގޮތުގައި، ރާއްޖޭގައި ހިމަބިހި ޖެހޭ މިންވަރު އިތުރުވަމުން އަންނަ މި ދަނޑިވަޅުގައި، އެ ބަލި ކޮންޓްރޯލް ކުރުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން އިންޑިއާ ސަރުކާރުން 20،000 ޑޯޒްގެ ހިމަބިހި ވެކްސިނާއި، ގާތްގަނޑަކަށް ތިން ޓަނުގެ ސިއްހީ ސާމާނު ހަދިޔާކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ