އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ވަގުތީ ހައްލެއް

މެދުއިރުމަތީގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެކުލަވައިލި އިބުތިދާއީ އެއްބަސްވުމުގެ ދަށުން ބޭއްވި ފުރަތަމަ މަޝްވަރާތަކަށް ފަހު، އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް 60 ދުވަހުގެ މުއްދަތަށް ފަސްކޮށްފިއެވެ. ސުވިޓްޒަލެންޑުގައި ބޭއްވި މި މަޝްވަރާތަކަށްފަހު، ޔަހޫދީންނާއި ޙިޒްބުالله ޖަމާޢަތާ ދެމެދު ލުބްނާނުގައި ހިނގަމުންދިޔަ ކުރިމަތިލުންތައް ވެސް ވަނީ މަޑުޖެހިފައެވެ. އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ވިދާޅުވީ މި މަޝްވަރާތަކަކީ ދާއިމީ ސުލްޙައަކަށް އެޅުނު ވަރުގަދަ ބިންގަލެއް ކަމުގައެވެ.
މި ބަދަލުތައް އައީ ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައިވާ ކަން އީރާނުން އިޢުލާނުކުރުމާ ގުޅިގެން ޢުދުވާނީ ޙަމަލާތައް އަލުން ފަށާނެ ކަމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވާފައި ވަނިކޮށެވެ. ނަމަވެސް، ޖޫން 22 ވަނަ ދުވަހު އެ ކަނޑުއޮޅިން ތެޔޮ އުފުލާ ބޯޓުތައް އަލުން ދަތުރުކުރަން ފެށުމާއެކު، ބައިނަލްއަޤުވާމީ ބާޒާރުގައި ތެލުގެ އަގު ވަނީ %3 އިން ދަށަށް ގޮސްފައެވެ. މަޝްވަރާތަކުގައި މެދުވެރިންގެ ދައުރު އަދާކުރާ ޕާކިސްތާނާއި ޤަޠަރުން ބުނީ، ކުރިއަށް އޮތް 60 ދުވަހުގެ ތެރޭގައި ދާއިމީ ސުލްޙައިގެ އެއްބަސްވުމަކަށް ދިއުމުގެ މަގުޗާޓެއް އެކުލަވައިލާފައިވާ ކަމުގައެވެ. އަދި، ކަނޑުއޮޅީގައި ރައްކާތެރިކަން ކަށަވަރުކުރަން މުވާޞަލާތީ ނިޒާމެއް ޤާއިމުކޮށްފައިވާ ކަމުގައެވެ.
އެމެރިކާގެ މާލީ ވުޒާރާއިން ދިން ލުޔާއެކު އޮގަސްޓު 21 ގެ ނިޔަލަށް އީރާނަށް ތެޔޮ ވިއްކުމުގެ ހުއްދަ ލިބޭނެއެވެ. އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީ ވިދާޅުވީ، އެމެރިކާއިން ފްރީޒްކޮށްފައި ނުވަތަ ހިފަހައްޓާފައިވާ އީރާނުގެ ފައިސާ ދޫކޮށްލުމަށް ވެސް އެމެރިކާއިން އެއްބަސްވެފައިވާ ކަމުގައެވެ. އެމެރިކާއިން ބުނީ، ޓްރަމްޕްގެ ދަނބިދަރިކަލުން ޖެރަޑް ކުޝްނަރ ރޭއްވެވި ގޮތަށް އެ ފައިސާ ހޭދަކުރާނީ އެމެރިކާއިން ގޮދަނާއި ޒުވާރި ގަތުމަށް ކަމުގައެވެ. ނަމަވެސް، އީރާނުގެ މަރުކަޒީ ބޭންކުން ވަނީ އެ ކަން ދޮގުކޮށްފައެވެ. ހަމައެއާއެކު، އީރާނުން ހަތިޔާރު ބަލައިފާސްކުރުމަށް އެއްބަސްވި ކަމުގައި އެމެރިކާއިން ބުނި ނަމަވެސް، އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާޢީލް ބަޣާއީ ވަނީ ނިއުކްލިޔަރ މައްސަލައިގައި އައު އެއްބަސްވުމެއް ނެތް ކަމުގައި ވިދާޅުވެފައެވެ.
ލުބްނާންގެ ރައްޔިތުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓައިލުމަށް އެއްބަސްވެފައިވާއިރު، ލުބްނާންގެ ސަރުކާރާއި ޔަހޫދީ ދައުލަތާ ދެމެދު ޖޫން 23 ވަނަ ދުވަހު ވޮޝިންގޓަނުގައި ސީދާ މަޝްވަރާތައް ފެށިގެންދާނެެއެވެ. އެމެރިކާއިން އީރާނާ ދެކޮޅަށް ފެށި ޣައިރުޤާނޫނީ ހަނގުރާމައާއި، ލުބްނާންގެ ރައްޔިތުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ޢުދުވާނުގެ ސަބަބުން މިލިޔަނަކަށްވުރެ ގިނަ މީހުންގެ ގެދޮރުވަނީ ގެއްލިފައެވެ. ބައިރޫތުން ސީދާ މަޝްވަރާތަކަށް ތައްޔާރުވަމުންދާއިރު، އީރާނުން އެމެރިކާއާއެކު ކުރާ މަޝްވަރާތަކުގައި ލުބްނާންގެ މައްސަލަ ހިމެނުމާ ގުޅިގެން މަސްރަޙު އިތުރަށް ނުތަނަވަސްވެފައިވާ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ޤަބޫލުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ