ސޯބެ އައްޑޫ ބަހުން ވާހަކަ ދެއްކުމުން ސުވާލު ދޭހަނުވި ކަމަށް ވިދާޅުވެ މިނިސްޓަރު ޖަވާބެއް ނުދެއްވި

ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސޯދިގު (ސޯބެ) އައްޑޫ ބަހުން ރައްޔިތުންގެ މަޖިލީހުގައި ހެލްތު މިނިސްޓަރު ގީލާ އަލީއާ ސުވާލުކުރެއްވުމުން، އެ ސުވާލު ދޭހަ ނުވި ކަމަށް ވިދާޅުވެ ޖަވާބެއް ނުދެއްވި އެވެ. 
ސޯބެ ސުވާލުކުރެއްވީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ނަފްސާނީ ބައްޔަށް ބޭސްކުރާ މީހުންނަށް ބޭހާއި އިންޖެކްޝަން ނުލިބޭތީ އެކަމަށް އޮތް ހައްލާއި، ހޮސްޕިޓަލުގައި ބޭހާއި އިންޖެކްޝަން ހުރިކަން ޔަގީންކުރަން މިނިސްޓްރީން ކުރާ މަސައްކަތާއި އޭއީއެޗްގެ އައު އިމާރާތުގެ މަސައްކަތް ފެށޭނެ ދުވަހާ ގުޅޭގޮތުންނެވެ. 
"އައްޑޫ އޭއީއެޗް ހޮސްޕިޓަލުން ނަފްސާނީ ބަލިއަށް ބޭސްކެރާ ފަރާއްތަކަށް ބޭހާއި އިންޖިކްޝަން ނިލިބޭ ޝަކުވާ ވަރަށް ގިނައިން ލިބެއި އަފިންނަށް. މިކަމަށް އޮތް ހައްލަކީ ކޮބައިތޯ؟ މިނިސްޓްރީން މިކަން ޔަގީންކެރާއް ހޮސްޕިޓަލި ބޭހާއި އިންޖިކްޝަން ތިބިތޯ ޔަގީންކެރާއް ހޮސްޕިޓަލާއި އެއްކޮށް ކެރާ މަސައްކަތަކީ ކޮބާތޯ؟،" ސޯބެ ސުވާލުކުރެއްވި އެވެ. 
"ދެވަނަ ސުވާލަކީ ހޮސްޕިޓަލުގެ، އޭއީއެޗްގެ ދަތިކަން ވަރަށް ބޮޑަ. އެތަނި އެޑާ އޮށް އައު އިމާރާތުގެ  މަސައްކަތް ފެށޭނެއި ކޮން ހިސާބަކިތޯ. ޝުކުރިއްޔާ." 
ސޯބެގެ ސުވާލަށް ޖަވާބު ދެއްވަމުން ގީލާ ވިދާޅުވީ އައްޑޫ ބަހުން ވާހަކަ ދެއްކުމުން ދެއްކި ވާހަކަ ދޭހަނުވި ކަމަށާއި އައްޑޫ މީހަކަށްނުވތީ އައްޑޫ ބަހުން ދައްކާ ވާހަކަ ނޭގޭ ކަމަށެވެ. ނަމަވެސް ސޯބެގެ އެއް ސުވާލަށް ޖަވާބު ދެއްވަމުން ގީލާ ވިދާޅުވީ އޭއައިއެޗްގެ މަސައްކަތް އަންނަ އޯގަސްޓް މަހުގެ ތެރޭގައި ފެށޭނެ ކަމަށެވެ. 
ސޯބެ ކުރެއްވި އެންމެ މުހިންމު ސުވާލު ގީލާއަށް ދޭހަ ނުވާ ކަމަށް ވިދާޅުވެ ޖަވާބު ނުދެއްވަ އެވެ. އެއީ އޭއީއެޗްގައި ބޭހާއި އިންޖެކްޝަން ލިބެން ނުހުންނަ ވާހަކަ އާއި އެކަން ހައްލުކުރަން ކުރަމުންދާ މަސައްކަތާ ގުޅޭގޮތުންނެވެ. 
"ދެންމެ ވާހަކަފުޅު ދެއްކެވީ އައްޑޫ ބަހުންވީމަ އަޅުގަނޑަށް މާބޮޑަކަށް ދޭހައެއް ނުވި ވިދާޅުވި ވާހަކަތަކެއް ވެސް. އެހެންނަމަވެސް ކޮންމެވެސް ވަރަކަށް ފާހަގަވި ކަންނޭނގޭ ވިދާޅުވި ވާހަކަ. އަޅުގަނޑަކީ އައްޑޫ މީހެއް ނުވީމަ އަޅުގަނޑަކަށް ނޭގުނު ވިދާޅުވި ވާހަކަތަކެއް. އައްޑޫ ހޮސްޕިޓަލުގެ މަސައްކަތްތައް މި އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ކުރިއަށް ގެންދެވޭނެ. ޝުކުރިއްޔާ އިއްޒަތްތެރި ރައީސް،" ސޯބެގެ ސުވާލަށް ޖަވާބުދެއްވަމުން ގީލާ ވިދާޅުވި އެވެ. 
މި މަހު 6، ގައި ބޭއްވި ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބުކުރެއްވި ސޯބެ މަޖިލީހަށް ހުވާކުރެއްވުމަށްފަހު މުހާތަބުކުރައްވަނީ އައްޑޫ ބަހުންކަން ފާހަގަކުރެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ