އަދަދު އޮފީހުން ފުލުހުން ގެންދިޔަ ތަކެތި ހޯދަން ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް ބާއްވައިފި

އަދަދު ނޫހުގެ އޮފީސް ރެއިޑުކޮށް ނޫސްވެރިކަން ކުރަން ބޭނުންކުރާ ހުރިހާ ސާމާނެއް ފުލުހުން ގެންދިޔަ މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު ބާއްވައިފި އެވެ.
އަދަދު ނޫހުން މާޗު 28، ގައި ގެނެސްދިން އައިޝާ ޑޮކިއުމެންޓްރީއާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގަކަށް ހެކި ހޯދަން ކަމަށް ބުނެ އަދަދުގެ އޮފީހަށް ކޯޓު އަމުރެއް ހިފައިގެން އައިސް ފުލުހުން ވަދެގަތީ އެޕްރީލް 27، ގަ އެވެ. ގާތްގަނޑަކަށް ހަތަރު ގަޑިިއިރު އޮފީހުގައި ހަރަކާތްތެރިވުމަށް ފަހު އަދަދު ނޫހުން ބޭނުންކުރާ ލެޕްޓޮޕްތަކާއި، ހާޑް ޑްރައިވްތަކާއި އެހެނިހެން އިލެކްޓްރޯނިކް ސާމާނު ހިމެނޭހެން 20 ޑިވައިސްއެއް ފުލުހުން ގެންދިޔަ އެވެ.
އެ މައްސަލަ އަދަދު ނޫހުގެ ފަރާތުން ކޯޓަށް ހުށަހެޅީ، މި އޮފީސް ބަލައި ފާސްކުރުމަށްފަހު، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ސާމާނު ހިފަހައްޓާފައި ވަނީ ގާނޫނީ އިމުގެ ބޭރުން ކަމަށް ބަޔާންކޮށެވެ. މައިގަނޑު ހަތަރުކަމެއް އަދަދުގެ ހުށަހެޅުމުގައި ފާހަކޮށްފައިވެ އެވެ.
އެގޮތުން، ތަންތަން ބަލައި ފާސްކުރުމާއި ތަކެތި ހިފެހެއްޓުމަކީ ދެ ބާވަތެއްގެ އަމުރެއްކަމާއި ބަލައިފާސްކުރުމުގެ އަމުރެއްގެ ދަށުން ތަނެއް ބަލައިފާސްކުރާއިރު، އެ ތަނަކުން ހިފެހެއްޓޭނެ ހަމައެކަނި މުދަލަކީ ކުށާ ގުޅުންހުރި ހެއްކެއްގެ ގޮތުގައި ދެނެގަނެވެން ހުންނަ ތަކެތި ކަމަށް އަދަދުގެ ފަރާތުން ހުށަހެޅި ބަޔާނުގައި ބުނެފައިވެ އެވެ.
ނަމަވެސް، އަމިއްލަ ތަނެއް ބަލައިފާސްކުރުމުގެ ތެރޭގައި ތުހުމަތު ކުރެވޭ ކުށާ ގުޅުން އޮތް ގޮތެއް ދެނެގަނެވެން ނުހުންނަ މުދާ ހިފެހެއްޓޭނީ އެ އެއްޗެހި ހިފެހެއްޓުން ހުއްދަކުރާ ސީޒް އޯޑަރެއް އޮވެގެން ކަމަށް އެ ހުށަހެޅުމުގައި ބަޔާންކޮށްފައިވެ އެވެ.
އަދި، އެގޮތަށް ހިފަހައްޓަން ބޭނުންވާ މުދަލަކީ ގާނޫނެއްގެ ދަށުން އިމްތިޔާޒު ލިބިގެންވާ އެއްޗެއް ނަމަ އެފަދަ މުދަލެއް ނުހިފެހެއްޓޭނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާކަން އެ ހުށަހެޅުމުގައި ބަޔާންކޮށްފައިވެ އެވެ.
އޭގެ އިތުރުން، ނޫސްވެރިން ޝާއިއުކުރާ މައުލޫމާތުތަކުގެ މަސްދަރަކީ ގާނޫނުއަސާސީން ހިމާޔަތާއި އިމްތިޔާޒު ލިބިފައިވާ މައުލޫމާތު ކަމާއި ވަކި ހާއްސަ ހާލަތްތަކެއްގައި މެނުއީ މަސްދަރު ހާމަކުރަން އެއްވެސް މީހަކަށް މަޖުބޫރުކުރުމަކީ ގާނޫނުއަސާސީގެ 28 ވަނަ މާއްދާއިން ކަނޑައެޅިގެން މަނާކުރާ ކަމެއް ކަމަށް އެ ހުށަހެޅުމުގައި ބަޔާން ކޮށްފައިވެ އެވެ.
އެހެންކަމުން، އަދަދު ނޫހުގެ އޮފީހަށް ވަދެ މި އޮފީހުގެ ނޫސްވެރިން، ނޫސްވެރިކަން ކުރުމަށް ބޭނުންކުރާ ސާމާނުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 36 ވަނަ މާއްދާއާ ހިލާފަށް ކަމަށް ވެސް އެ ހުށަހެޅުމުގައި ބަޔާން ކޮށްފައިވެ އެވެ.
އަދަދު ނޫހުގެ އިލެކްޓްރޯނިކް ސާމާނުތައް ފުލުހުން ހިފެހެއްޓި މައްސަލައިގައި ދެން އޮންނާނީ ހުކުމް އިއްވުމެވެ. ހުކުމް އިއްވުމަށް ބާއްވާ ޝަރީއަތުގެ މަޖިލިސް އަދި ވަކި ދުވަހަކަށް ތާވަލެއް ނުކުރެ އެވެ.
މި ނޫހަށް ޖެހި ރެއިޑުގައި ގާތްގަނޑަކަށް 10 ފުލުހަކު ބައިވެރިވި އެވެ. އޭގެ ތެރޭގައި ޓޭޒާ ބަޑި ހިފައިން ހުރި ފުލުހަކު ވެސް ހުއްޓެވެ.
"އައިޝާ" ޑޮކިއުމެންޓްރީގެ ވާހަކަ ދެއްކުން މަނާކުރި އަމުރާ ހިލާފުވި ކަމަށް ކަނޑައަޅައި މި ނޫހުގެ ދެ ނޫސްވެރިން ޖަލުގައި ވެސް ބަންދުކުރި އެވެ.
އަދި އެ މައްސަލައާ ގުޅިގެން އަދަދުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް އަންނަނީ ޝަރީއަތެއް ހިންގަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ