ތިމަރަފުށި ޓެރަރިޒަމް މައްސަލަ: މައްސަލައިގެ އަޑުއެހުންތަައް ކޯޓުން ނިންމާލައިފި!

ތ. ތިމަރަފުށީގައި ހަރުކަށި ފިކުރުގެ އަމަލުތަކެއް ހިންގަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކުރި 8 މީހެއްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތުގެ އަޑުއެހުންތައް ކޯޓުން އިއްޔެ ނިންމާލައިފިއެވެ.
8 ފެބްރުވަރީ 2021 ގައި ކޯޓަށް ހުށަހެޅި މި މައްސަލައިގެ އެންމެ ފަހު އަޑުއެހުން ބާއްވާފައިވަނީ 8 އެޕްރީލް 2024 ގައެވެ.
މި މައްސަލައަކީ ތިމަރަފުށީގައި އިސްލާމް ދީން ކުރިއެރުވުމުގެ ނަމުގައި ޓެރަރިސްޓް ޖަމާޢަތްތަކަށް ތާޢީދުކޮށް، ޓެރަރިޒަމަށް ހިތްވަރުދީ، އިސްލާމިކް ސްޓޭޓް (އައިއެސް) ގެ އިރުސާދުގެ ދަށުން ރާއްޖޭގައި ޓެރަރިޒަމްގެ އަމަލުތައް ހިންގަން ރޭވިކަމުގެ ތުހުމަތުގައި ހިންގާ މައްސަލައެކެވެ.
މީގެއިތުރުން، އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް (އައިއީޑީ) އެއް ތައްޔާރުކޮށް ރާއްޖޭގެ ސަރަހައްދެއްގައި ގޮއްވާލައި، ގައުމީ ސަލާމަތަށް ނުރައްކާކުރަން އުޅުނު ކަމުގެ ބޮޑެތި ތުހުމަތުތަކެއް ވަނީ ކުރެވިފައެވެ.
ތަހުގީގުން ހާމަވެފައިވާ ގޮތުގައި، މި މީހުން ވަނީ ދަތުރު ދިއުމުގެ ނަމުގައި ފަޅުރަށްރަށަށް ގޮސް ތަމްރީނުތައް ހަދައި، ތިމަރަފުށީގެ ބައެއް ގޭގޭގައި ހަރުކަށި ފިކުރުގެ ކްލާސްތަކާއި އޮންލައިން ދަރުސްތައް ބާއްވާފައެވެ. އަދި ސަރުކާރުން ކަނޑައަޅާފައިވާ އިމާމުންގެ ފަހަތުގައި ނަމާދު ނުކޮށް ވަކި ޖަމާޢަތް ހަދައިގެން ނަމާދުކުރުމާއި، ހަރުކަށި ފިކުރުގެ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިން ކަމަށްވެސް ތުހުމަތު ކުރެވެއެވެ.
މި މައްސަލައިގައި 8 މީހެއްގެ މައްޗަށް ޖުމްލަ 6 ދައުވާއެއް ވަނީ އުފުލާފައެވެ. ދައުވާލިބޭ މީހުންނަކީ ތ. ތިމަރަފުށީގެ ޢަލީ މުނީޒު، މުޙައްމަދު އާޞިރު، އަބްދުﷲ ޝަރީފް، އަޙްސަން މުޙައްމަދު، އަދި ސައިމާ ޝަމާޚު ޝަރީފްގެ އިތުރުން ރ. މަޑުއްވަރީ ޢަބްދުﷲ ޢިމާދު، ނ. ކުޑަފަރީ ޢިބްރާހިމް ލޫޠު އަދި ރ. ކަނދޮޅުދޫ ޢަލީ އަރުހަމް މުޙައްމަދެވެ.
މި ފަރާތްތަކުގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ ތެރޭގައި ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމާއި، ހިތްވަރު ދިނުމާއި، ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރާކަން ދޭހަވާ ލިޔުން ގެންގުޅުމާއި، ހަނގުރާމައަށް ދާން އުޅުމާއި، އުކުޅުތައް ދަސްކުރުމުގެ އިތުރުން އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުން ހިމެނެއެވެ.
އިއްޔެ ބޭއްވި އަޑުއެހުމުގައި ދެފަރާތުން ވަނީ މައްސަލައިގެ ޚުލާޞާ ބަޔާން ހުށަހަޅައި ފަހު ބަސް އިއްވާފައެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން، ޚުލާޞާ ބަޔާން ހުށަހަޅާތާ 30 ދުވަހުގެ ތެރޭގައި ހުކުމް ކުރަންޖެހެއެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ ”8 މޭ 2024 ގެ ކުރިން މި މައްސަލައިގައި ކޯޓުން ގޮތެއް ނިންމަވާނެ ކަމަށް ބެލެވޭ“ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ