މިއީ އެމްޑީޕީގެ ސަފުތައް ރުކުރުވާލައި ސަރުކާރު ބަލިކުރަންވީ ވަގުތު: ޝާހިދު

މިއީ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ސަފުތައް ރުކުރުވާލައި މުހައްމަދު މުއިއްޒުގެ ސަރުކާރު ބަލިކުރަންވީ ވަގުތު ކަމަށް އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ. 
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ކާމިޔާބުކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މަރުހަބާ ދަންނަވައި ޝާހިދު އެކްސް ގައި ވިދާޅުވީ މިއީ ސަރުކާރު ބަލިކޮށް، ރައްޔިތުން ބޭނުންވާފަދަ އެމްޑީޕީގެ ވެރިކަމެއް ހޯދައިދިނުމުގެ މަސައްކަތް ފަށަންވީ ވަގުތު ކަމަށެވެ. 
"މިއީ އެމްޑީޕީގެ ސަފުތައް ރުކުރުވާލައި، އެންމެންއެކުގައި މިސަރުކާރު ބަލިކޮށް، ދިވެހި ރައްޔިތުން ބޭނުންވާފަދަ އެމްޑީޕީގެ ވެރިކަމެއް ހޯދައިދިނުމުގެ މަސަތްކަތައް ފަށަންވީ ވަގުތު،" އޭނާ ވިދާޅުވި އެވެ. 
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބަކީ މިފަހުން ސިޔާސީ ޕާޓީއަކުން ބޭއްވި އެންމެ ބޮޑު އެތެރޭގެ ސިޔާސީ ހަރަކާތްކަން ފާހަގަކުރައްވާ ޝާހިދު ވަނީ ޑިމޮކްރަސީގެ ރޫހު ނެރުނު އެންމެހާ މެންބަރުންނަށާއި އަމާންކޮށް އިންތިހާބުގެ ކަންކަން ކުރިއަށް ގެންދިޔަ ޕާޓީގެ ވޮލަންޓިއަރުންނަށް ޝުކުރު އަދާކޮށްފަ އެވެ. 
މީގެއިތުރުން އިންތިހާބުގައި ވާދަކުރެއްވި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމް އާއި އިބްރާހިމް މުހައްމަދު ދެއްކެވި ޑިމޮކްރަސީގެ ނަމޫނާ ފާހަގަކުރައްވާ އެ ދެ ބޭފުޅުންނަށް ޝާހިދު ޝުކުރު އަދާކުރެއްވި އެވެ. 
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ޖުމްލަ 50،176 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބުނުއިރު، ރާއްޖޭގެ އެކި ކަންކޮޅުގައި ވޯޓުލާން ޖުމްލަ 241 ފޮށި ބަހައްޓާފައިވެ އެވެ. އޭގެތެރެއިން އެއްފޮށި އަވަށްޓެރި ސްރީލަންކާގައިވެސް ބެހެއްޓި އެވެ. 
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަކީ އެ ޕާޓީގެ އެންމެ ބާރުގަދަ މަގާމެވެ. މީގެކުރިން ވެސް ނަޝީދު ވަނީ އެ ޕާޓީގެ ޗެއާޕާސަންގެ މަގާމު އަދާކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ