ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަހަރު ބާއްވާ "އޯޝަން ފެސްޓިވަލް" ގައި ކާބޯތަކެތީގެ ސްޓޯލްތައް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިން ފުރުސަތު ހުޅުވާލައިފިއެވެ.
މި ފެސްޓިވަލް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 20 ވާ ބުރާސްފަތި ދުވަހު ހުޅުމާލޭ ދިރާގު ބީޗް ސަރަހައްދުގައެވެ. ހެނދުނު 9:00 އިން ހަވީރު 5:30 އަށް ކުރިއަށްދާ މި ފެސްޓިވަލްގެ މިއަހަރުގެ ޝިއާރަކީ "ރީއިމޭޖިން: ބިޔޯންޑް ދަ ވޯލްޑް ވީ ނޯ، އޭ ނިއު ރިލޭޝަންޝިޕް ވިތް އަވާ އޯޝަން" އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނި ގޮތުގައި މި ފެސްޓިވަލްގައި ކުޑަކުދިންނަށް ހާއްސަ މޫދު ކުޅިވަރުތަކާއި، ސަރުކާރުގެ މުއައްސަސާތަކާއި އަމިއްލަ ކުންފުނިތަކުގެ މަސައްކަތްތައް ދައްކާލާ މައުރަޒުތައް ކުރިއަށްދާނެއެވެ. މީގެ އިތުރުން، ފެސްޓިވަލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ކާބޯތަކެއްޗާއި ފިނި ބުއިންތައް ފޯރުކޮށްދިނުމަށް ސްޓޯލްތައް ހިންގުމުގެ ފުރުސަތު ވިޔަފާރިވެރިންނަށް ވަނީ ހުޅުވާލާފައެވެ.
މި ހަރަކާތުގައި ޖުމްލަ ފަސް ސްޓޯލް ދޫކުރުމަށް ހަމަޖެހިފައިވާއިރު، ސްޓޯލްތައް ހަވާލުކުރާނީ ކުރިމަތިލާ ތަރުތީބުން (ފަސްޓް ކަމް ފަސްޓް ސާވްޑް އުސޫލުން) ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ. އެހެންކަމުން ވީހާވެސް އަވަހަށް ކުރިމަތިލުމަށް މިނިސްޓްރީން އިލްތިމާސްކުރެއެވެ.
ސްޓޯލްތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ ޖޫން 14 ވާ ހުކުރު ދުވަހުގެ ނިޔަލަށެވެ. ޝައުގުވެރިވާ ފަރާތްތަކުން މިނިސްޓްރީން ކަނޑައަޅާފައިވާ ގޫގުލް ފޯމު މެދުވެރިކޮށް ފޯމު ހުށަހެޅޭނެއެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް މިނިސްޓްރީގެ ނަންބަރު 3339251 އަށް ގުޅުމަށް ވަނީ އެދިފައެވެ.
އޯޝަން ފެސްޓިވަލްގައި ކާބޯތަކެތީގެ ސްޓޯލްތައް ބެހެއްޓުމުގެ ފުރުސަތު ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ