އިނގިރޭސި ގައުމީ ޓީމުގެ ޓްރޭނިން ވަސީލަތްތަކުން ވައްކަން ކޮށްފި

ކަންޒަސް ސިޓީ (ޖޫން 13) - ފީފާ ވޯލްޑް ކަޕްގައި ކުޅެން އިނގިރޭސި ގައުމީ ޓީމް ކޭމްޕް ކުރާ ސްވޯޕް ސޮކާ ވިލެޖަށް ދިއުމުން ޓީމުގެ ފަރިތަކުރުންތަކުގައި ބޭނުންކުރާ ބައެއް ސާމާނު ވަގަށް ނަގައިފި އެވެ.
ފްލޮރިޑާގައި ކޭމްޕް ކޮށްގެން ތިބި އިނގިރޭސި ގައުމީ ޓީމު، ކަންޒަސް ސިޓީ އަށް މިއަދު ދަތުރު ކުރުމަށް ހަމަޖެހިފައިވާއިރު، ޓީމު ދިއުމުގެ ކުރިން ޓްރޭނިން ބޭސް އަށް އެ ޓީމުގެ ވަސީލަތްތައް ގެންދިޔަ ވެހިކަލްގައި ހުރި ބޯޅަތަކާއި ކުޅުންތެރިންގެ ބޫޓުތައް ވަގަށް ނަގާފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓް ކޮށްފައިވެ އެވެ.
މި މައްސަލައިގެ ތަހުގީގު، އެމެރިކާގެ ފުލުހުން ތަހުގީގު ކުރަން ފަށާފައި ވާއިރު، ތުހުމަތު ކުރެވޭ ދެ މީހަކު ހައްޔަރު ކޮށްފައި ވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
"ކަންޒަސް ސިޓީއަށް އައި [އިނގިރޭސި] ޓީމުގެ އުޅަނދަކުން ޓްރޭނިން ސާމާނުތަކަކުން ވައްކަން ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ މައްސަލައެއް އަހަރެމެން ތަހުގީގު ކުރަން ފަށައިފިން. ތަހުގީގު ކުރިއަށް ދާއިރު، ތުހުމަތު ކުރެވޭ ދެ މީހަކު ވަނީ ހައްޔަރު ކޮށްފައި،" އެމެރިކާގެ ފުލުހުންގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.
ފުލުހުން މައްސަލަ ތަހުގީގު ކުރަމުން ގެންދާތީ އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަނުން މިކަމާ ގުޅިގެން މީޑިއާގައި ވާހަކަ ދައްކާފައެއް ނުވެ އެވެ.
މިދިޔަ ހަފްތާ އިންގްލެންޑް ގައުމީ ޓީމު ކޭމްޕް ކުރާ ސަރަހައްދު ކައިރީގައި ބަޑި ޖެހުމުގެ ހާދިސާއެއް ވެސް ވަނީ ހިނގައިފަ އެވެ.
The most trusted news source in the Maldives
އިނގިރޭސި ގައުމީ ޓީމު، ސްވޯޕް ސޮކަ ވިލެޖުގައި އެ ޓީމުގެ ފުރަތަމަ ތަމްރީނުތައް މިއަދު ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
ތޯމަސް ޓުޗެލްގެ އިރުޝާދުގެ ދަށުން އިނގިރޭސި ގައުމީ ޓީމު، ވޯލްޑް ކަޕްގައި ކުޅޭ ގުރޫޕް ސްޓޭޖް ފުރަތަމަ މެޗުގައި ވާދަކުރުމަށް ހަމަޖެހިފައި ވަނީ ކްރޮއޭޝިއާއާ އެވެ. އިންގްލެންޑާއި ކްރޮއޭޝިއާގެ އިތުރުން ގާނާ އާއި ޕެނަމާ ހިމެނެނީ ގުރޫޕް އެލްގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ