ފީފާގެ އެހީގައި ސްރީ ލަންކާގެ އެހީގައި ރަނގަޅު ފެންވަރެއްގެ ފުޓްބޯޅަ ސްޓޭޑިއަމެއް އަޅާގޮތަށް ހަމަޖެހިފައިވާ ކަމަށް ސްރީ ލަންކާ ފުޓްބޯޅަ ފެޑެރޭޝަން އާއި އެ ގައުމުގެ ސަރުކާރުން އިއުލާނުކޮށްފި އެވެ.
އެ ގޮތުން، ނިގަމްބޯ ސިޓީގައި އަޅަން ނިންމާފައިވާ މި ސްޓޭޑިއަމަށް ފީފާގެ އެހީތެރިކަމުގެ އިތުރުން ސްރީ ލަންކާގެ ސަރުކާރުން ވެސް ބޮޑު ހޭދައެއް ކުރާނެ އެވެ. ސްރީ ލަންކާގެ ފޮރިން އެފެއާޒް، ފޮރިން އެމްޕްލޯއިމަންޓް އެންޑް ޓޫރިޒަމް މިނިސްޓަރު، ވިޖިތާ ހެރާތު ވިދާޅުވީ، މިއީ، ސްޕޯޓްސް ޓޫރިޒަމް އާއި ލަންކާގެ ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދިއުމަށް ކުރިއަށްގެންދާ ޕްރޮޖެކްޓެއް ކަމަށެވެ.
މި ސްޓޭޑިއަމްގެ މައުލޫމާތު އިއުލާނުކުރީ، މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގެ ކަންކަން ރާވާ ހިންގަން ކޮލަމްބޯ ފޯޓު ކުރިމަތީގައި ހުރި ވޯލްޑް ކަޕް ފޭން ޒޯންއެއްގައި ބޭއްވި ހަފްލާއެއްގައި ވިޖިތާ ދެއްކެވި ވާހަކަފުޅުގަ އެވެ.
އޭނާ ވިދާޅުވީ، ފީފާ އިން އެއްބަސްވެފައިވަނީ މާލީ ގޮތުންނާއި ޓެކްނިކަލް ދާއިރާއިން މި އާ ސްޓޭޑިއަމް ބިނާކުރުމުގެ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށެވެ. މިއީ، މިދިޔަ އަހަރު ފީފާގެ ނައިބު ރައީސް، ލަންކާ އަށް ކުރެއްވި ދަތުރުގައި ހަމަޖެހިގެންދިޔަ ޕްރޮޖެކްޓެއް ކަމަށް ވެސް ވިޖިތާ ފާހަގަކުރެއްވި އެެވެ.
މި ސްޓޭޑިއަމް އަޅަން ހަމަޖެހިފައިވަނީ ނިގަމްބޯގައި ބޯޑް އޮފް އިންވެސްޓްމަންޓް (ބީއޯއައި) އަށް ދޫކޮށްފައިވާ ބިމެއްގަ އެވެ.
ވިޖިތާ ވިދާޅުވީ، ސްރީ ލަންކާ އިން މި ވަގުތު އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތްތައް ހޯސްޓްކުރަމުން އަންނަނީ، ވަރަށް އުނދަގޫ ހާލަތެއްގައި އޮތް ދަނޑުތަކެއްގައި ކަމަށާއި އާ ސްޓޭޑިއަމެއް ލިބުމުން، ރަނގަޅު ފެންވަރުގެ މުބާރާތްތައް ބޭއްވުމާއި އެ ޕްރޮމޯޓްކުރުމަށް ކުރެވޭ މަސައްކަތްތައް ވެސް ރަނގަޅުކުރެވޭނެ ކަމަށެވެ.
ސްރީ ލަންކާގައި ކުރިން ފުޓްބޯޅައިގައި މައި ސްޓޭޑިއަމެއްގެ ގޮތުގައި ބޭނުންކުރި ސުގަތަދާސާ ސްޓޭޑިއަމް ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ. އަދި، މިހާރު މެޗުތައް ކުޅޭ ކޮލަމްބޯ ރޭސް ކޯސް ސްޓޭޑިއަަމަކީ އޭގެ ޒާތުގައި ފުޓްބޯޅަ އަށް ހާއްސަ ޕިޗެއް އޮތް ދަނޑަކަށް ނުވާތީ މެޗުތައް ކުޅުމަށް ފަހު، ރަަނގަޅަށް ބަލަހައްޓަން އުނދަގޫތަކާ ވަނީ ކުރިމަތިވެފަ އެވެ.
ފީފާގެ އެހީގައި ލަންކާ އިން ފެންވަރު ރަނގަޅު ސްޓޭޑިއަމެއް އަޅަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ