އަނަސް: ފައިދާ ދަމަހައްޓައި، އިހުގެ ގޮތް ދޫކޮށް ޒަމާނީ މިފްކޯއަކާ ދިމާލަށް

ކުންފުންޏަށް 30 އަހަރު ފާއިތުވެގެން ދިޔަ ނަމަވެސް ހިންގަމުން އަންނަނީ އިހުގެ ސްޓައިލަށެވެ. ޒަމާންވީ އުސޫލުތަކެއް ނެތެވެ. ސްޓްރަކްޗާ އޮތީ އަދިވެސް އިހުގެ ގޮތަށެވެ. މިފްކޯ އަށް މި އަހަރު 33 އަހަރު ފުރޭއިރު އަދިވެސް ދައްކަނީ ކާރުހާނާތަކުގެ ކެޕޭސިޓީތައް ނެތް ވާހަކައެވެ. ބޭނުންކުރާ މެޝިނަރީތަކަށް ވަނީ ބޮޑެތި މަރާމާތުތައް ބޭނުންވެފަ އެވެ.
ބަނގުރޫޓުވާ ހިސާބުގައި އޮންނަ ކަމަށް އަބަދުވެސް އަޑު އަރާފައިވާ އެ ކުންފުންޏަށް މިހާރު ފައިދާ ދެއްކިޔަސް އެކަން ދާއިމީ ކުރެވޭނެ ހަރުދަނާ ގޮތްތަކެއް ބޭނުންވެ އެވެ. ދާދި ފަހަކާ ޖެހެންދެން ވެސް އުޅުނީ މިފްކޯ ނުހިންގިގެން ކޮންމެވެސް އެހެން ކުންފުންޏެއްގެ ދަށަށް ބަދަލުކޮށްގެން ވިޔަސް ފައިދާ ނެރެވޭނެ ގޮތެއް ވޭތޯ އެވެ. އެކަމަކު، އެ ހާލަތު މި ފަހުން ބަދަލުވެފައިވާ ކަމަށް ހިސާބުތަކުން ދެއްކުމުން ދެން އޮތީ ހިންދެމެލޭވެނެ މަގަކަށް މިސްރާބު ޖެހުމެވެ. 
މިއީ ދައުލަތުގެ މަސްކުންފުނީގެ ހިންގުމާ އަލަށް ހަވާލުވެވަޑައިގެންނެވި މުހައްމަދު އަނަސް ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނެ ކަންކަމެވެ. މިފްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާ އޭނާ ހަވާލުވެވަޑައިގެންނެވިތާ މަހެއްހާ ދުވަސްވީއިރު، ކޮންމެ ދުވަހެއްގެ ބޮޑު ބައި އަދިވެސް ހޭދަކުރައްވަނީ އެ ކުންފުނީގެ ކަންކަން ދަސްކުރައްވައި، ހާލަތު ބަދަލު ކުރެވޭނެ ގޮތްތައް ހޯއްދެވުމަށެވެ. މިހާތަނަށް ބޮޑު ދަރަނީގައި ހިންގަމުން އައި މިފްކޯގެ މިސްރާބު ރަނގަޅު މަގަކަށް ގެއްދިއުމަކީ އާ މެނޭޖިން ޑިރެކްޓަރު އަނަސްގެ އެންމެ ބޮޑު އަމާޒެވެ.
އޭނާ އަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ މިފްކޯއަކީ މިއަދު ފައިދާވަމުން އަންނަ ކުންފުންޏެއްގެ ގޮތުގައި އޮތުމެވެ.
"މިހާރު" އަށް މިދިޔަ ހަފުތާގައި ދެއްވި އިންޓަވިއު ފެށުމުގެ ގޮތުން އޭނާގެ ކުރިމަގުގެ ޕްލޭންތައް ވިދާޅުވެދެއްވަން ބޭނުންވީ އެ ވާހަކަތަކާ ހިސާބުންނެވެ.
މިފްކޯ އަށް ސަރުކާރުން ދޭ ގްރާންޓް އެޖަސްޓް ކުރުމަށް ފަހު، މިދިޔަ އަހަރު ގާތްގަނޑަކަށް 160 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވާކަން އޮޑިޓް ނުކުރާ ހިސާބުތަކުން ސާފުވެ އެވެ. އެހެންވެ، އަނަސް އަށް އޮތް އެންމެ ބޮޑު އެއް ލުޔަކީ ކުންފުނީގެ ހާލަތު ރަނގަޅުވަމުން ދިއުމެވެ. ނަމަވެސް ކުރިމަތީގައި ދެން އޮތީ މާ ބޮޑު ގޮންޖެހުމެކެވެ. އެ ފައިދާ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދުމެވެ. މިހާރަށް ވުރެ ހާލަތު ރަނގަޅު ތަނަކަށް މިފްކޯ ހެދުމަކީ ހުރި ދަތިތަކަށް ބަލާއިރު އަނަސްގެ ކުރިމަތިލައްވާނެ އެންމެ އުނދަގޫ މަރުހަލާ އެވެ. 
މަގާމާ ހަވާލުވެވަޑައިގެން، މީޑިއާއަކަށް ދެއްވި ފުރަތަމަ އިންޓަވިއުގައި އަނަސް "މިހާރު" އަށް ވިދާޅުވީ، މިފްކޯގެ ކަންކަމުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަވީ އެ ކުންފުނީގެ މުސްކުޅި ހިންގުމުގެ ސަގާފަތް ކަމަށެވެ. އެއާ އެކު، މަސައްކަތްތައް ގެންދަން ބޭނުންވާ ބާރު ސްޕީޑުގައި ގެންގޮސް، ޕްރޮފެޝަނަލް ނިޒާމެއްގެ ތެރެއިން ކަންކަން ކުރުމަށް އުނދަގޫތައް ކުރިމަތިވާނެ ކަމެވެ.
އެ ހާލަތުން އަރައިގަތުމަށް މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި އޭނާ އެންމެ ބޮޑު އިސްކަމެއް ދެއްވީ ދުވަސްވީ، މުސްކުޅި ގޮތްތައް ދޫކޮށްލާ، ސްޓްރަކްޗާ ބަދަލުކޮށް، ޒަމާނީ ސްޓްރަކްޗާއަކަށް މިފްކޯ ބަދަލު ކަމަށެވެ. އަނެއްކޮޅުން، މިފްކޯގެ މަސް ފެކްޓަރީއަކީ ވެސް ގިނަ ދުވަސްތަކެއް ވެފައި، މާބޮޑު ބަދަލުތަކެއް ނުގެނެސް ހިންގަމުންދާ ތަނެކެވެ. ފެކްޓަރީގެ އޮޕަރޭޝަންގެ ތެރެއިން ވެސް ވޭސްޓޭޖުތައް އިތުރު ވެފައިވާއިރު، އެ ހާލަތު ރަނގަޅު ކުރެވޭނެ ގޮތްތައް ހޯދުމަކީ އާ އެމްޑީ އެންމެ އިސްކަން ދެއްވަން ޖެހިވަޑައިގަންނަވާ ކަމެކެވެ.
އަނަސް ވިދާޅުވި ގޮތުގައި، މިފްކޯއަކީ ގިނަ ދުވަސްވެފައިވާ ކުންފުންޏަކަށް ވިޔަސް ހިންގުމުގެ އޮނިގަނޑަށް ބަދަލު ގެނެސްގެން، ހިންގުން ހަރުދަނާކޮށް، އިތުރަށް އެފިޝަންސީ ވަރުގަދަ ކުރެވޭނެ އެވެ.
މި ވަގުތަށް ބަލާއިރު ވެސް ހިންގުމުގެ އޮނިގަނޑުގެ ތެރޭގައި ހުރި އިސްރާފުތައް މަދުކޮށް، އެކަންކަން ވެސް އިސްލާހު ކޮށްފައިވާނެ ކަަމަށް އޭނާ ވިދާޅުވި އެވެ. އާ އޮނިގަނޑު ކުންފުނީގެ ބޯޑުން ފާސްކޮށް، ޕޮލިސީތަކާއި ފްރޭމްވޯކްތައް އެކުލަވައިލުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެއީ އިންޓާނަލް ކޮންޓްރޯލް ވަރުގަދަކޮށް، ދެމެހެއްޓެނިވި ގޮތްތަކެއް މިފްކޯ އަށް ތައާރަފް ކުރުމަށެވެ. އިންޓާނަލް ކޮންޓްރޯލް ހަރުދަނާ ކުރުމުގެ ގޮތުން ކުންފުނީގެ ސީއެފްއޯގެ ދައުރު ވަރުގަދަކޮށް، ހަރަދުތަކާއި އާމްދަނީ އިތުރު ކުރުމާ ގުޅޭ ބާރުތައް އޭނާއާ ހަވާލު ކުރަން އަނަސް ވަނީ ނިންމަވައިފަ އެވެ.
އަނަސް ވިދާޅުވީ، އިންޓާނަލް އޮޑިޓް ވެސް ރަނގަޅުކޮށް އިތުރު މުވައްޒަފުން ނެގުމަށް މަސައްކަތް ކުރައްވާ ކަމަށެވެ.
"އިންޓާނަލް ކޮންޓްރޯލް ހަރުދަނާކޮށް ކުންފުނި އެހެން ހަރުފަތަކަށް ގެންދަން މި މަސައްކަތް ކުރަނީ،" އޭނާ ވިދާޅުވި އެވެ.
އިހުގައި އުފެދިފައި ހުރި ދުވަސްވީ މައްސަލަތަކުގެ އިތުރަށް އަނަސް މިފްކޯއާ ހަވާލުވެވަވޑައިގެންނެވިއިރު އޮތީ، މެދުއިރުމަތީގެ ހަނގުރާމައާ ހެދި އިތުރަށް ކުންފުންޏަށް ގޮންޖެހުންތަކާ ކުރިމަތިވެފަ އެވެ. ތެލުގެ އަގު އުފުލި މިފްކޯގެ އޮަޕަރޭޝަނަލް ހަރަދުތައް ވަނީ ވަރަށް ބޮޑަށް އިތުރު ވެފަ އެވެ.
"ދަޅުގައި ބަންދުކުރާ މަހުގެ ޕްރޮސެސިން އަށް ބޭނުންވާ ހުރިހާ އައިޓަމްތަކެއްގެ އަގު ވަނީ ބޮޑުވެފައި. އޭގެ އިތުރަށް ފްރައިޓް ވެސް ވަނީ ބޮޑުވެފައި. އެހެންވެ މިވަގުތު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އޮޕަރޭޝަނަލީ އަޅުގަނޑުމެންގެ ހަރަދުތައް ފުދޭވަރަކަށް ބޮޑުވެގެން ގޮސްފައިވުން،" އަނަސް ވިދާޅުވި އެވެ.
މި ސަރުކާރުގެ ވިސްނުމާ އެއްގޮތަށް މިފްކޯ އިން މަސައްކަތް ކުރަނީ ރޯމަހުގެ ގޮތުގައި މަސް އެކްސްޕޯޓްކުރުމުގެ ބަދަލުގައި ރާއްޖޭގައި މަސް ޕްރޮސެސް ކުރާ އަދަދު އިތުރުކޮށް، ވެލިއު އެޑްކޮށްގެން ނުވަތަ ދަޅުގައި މަސް ބަންދުކޮށްގެން މަސް އެކްސްޕޯޓު ކުރުމަށެވެ. މިވަގުތު މިފްކޯއިން ގަންނަ މަހުގެ 84 ޕަސެންޓް އެކްސްޕޯޓު ކުރަނީ ގަނޑުކޮށްގެންނެވެ.
އަނަސް ވިދާޅުވީ، އެ ހާލަތު ބަދަލުކުރުމަށް ފެލިވަރުގައި އިތުރު ފެކްޓްރީއެއް/ކޭނަރީއެއް އެޅުމަށްޓަކައި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. 
"ފެލިވަރުގައި މިވަގުތު ދުވާލަކު 50 ޓަނު އެބަ ބެހެއްޓޭ. އެ 50 ޓަނުގެ ތެރެއިން އަޅުގަނޑުމެން މި ޕްރޮސެސް ކުރަނީ ނުވަތަ ދަޅަށް މި އެޅެނީ 16 ޕަސެންޓު. ބާކީ 84 ޕަސެންޓު މި ހުންނަނީ ގަނޑުކުރި މަހުގެ ގޮތުގައި އެކްސްޕޯޓް ކުރަން ތައްޔާރުކޮށްފައި،" އޭނާ ވިދާޅުވި އެވެ.
އަލަށް ހަދާ ކޭނަރީތަކާ އެކު، އެ ހާލަތު ބަދަލު ކުރެވޭނެ ކަމަށް އަނަސް ގަބޫލު ކުރައްވަ އެވެ. އެކަމަށްޓަކައި މިހާރު ވަނީ ފެލިވަރުގެ އާ ކޭނަރީ އަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތްތައް ފަށައިފަ އެވެ. ބޭނުންވާ ދިރާސާތައް ވެސް އެ ކުންފުނިން ވަނީ ކޮށްފަ އެވެ. އެ ހުރިހާ ކަމެއް ހަމަޖެހި، އާ ކޭނަރީގެ ދޮރު ހުޅުވާނީ ފެލިވަރުގެ ކެޕޭސިޓީ 150 ޓަނަށް އިތުރު ކޮށްގެންނެވެ.
އެންމެ ޒަމާނީ ކޭނަރީއެއްގެ ތެރެއިން މަސް ބަންދުކުރަން ފެށުމުން މިފްކޯ އަށް ލިބޭ އާމްދަނީ އިތުރަށް މަތިކޮށް، ކުންފުނީގެ ފައިދާ އިތުރުކުރެވޭނެ އެވެ.
އަނަސް ވިދާޅުވީ، އަމާޒަކީ ދެ އަހަރުގެ ތެރޭގައި ފެލިވަރުގައި އާ ކޭނަރީއެއް ހެދުން ކަމަށެވެ.
ސަރުކާރުން ވަނީ ފެލިވަރުގެ އިތުރުން ފ. ނިލަދު އާއި ގދ. ފިއޯރީން ކުރެ ކޮންމެ ރަށެއްގައި ވެސް ދުވާލަކު 100 ޓަނުގެ މަސް ޕްރޮސެސް ކުރެވޭ ދެ ކޭނަރީ އެޅުމަށް ނިންމައިފަ އެވެ. އެކަމަށްޓަކައި ބިން ހިއްކައި، އެ މަސައްކަތަށް ބޭނުންވާ ޖާގަ އުފެއްދުމަށް ސަރުކާރުން އެ ރަށްރަށުގައި މަޝްރޫއުތައް އެބަ ކުރިއަށް ގެންދެ އެވެ. 
މިފްކޯގެ ހާލަތު ރަނގަޅުކޮށް އަވަހަށް ކުންފުނި ފުޅާކުރުމަށްޓަކައި އެންމެ މުހިއްމު އެއް މަސައްކަތަކީ ކުންފުނީގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުމެވެ. އެއީ މަސް ޕްރޮސެސް ކުރުމުގެ މަސައްކަތް ވެސް ދެމެހެއްޓެނިވި ގޮތެއްގައި، ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމަށްޓަކައި މުހިއްމު މަސައްކަތެވެ. މިއީ މިފްކޯ ދާން ބޭނުންވާ މަންޒިލަށް ދިއުމަށް އެންމެ ފުރަތަމަ ކުރަންޖެހޭ މަސައްކަތް ކަމަށް އަނަސް ފާހަގަކުރެއްވި އެވެ.  
މިފްކޯއިން އަންނަނީ ސައުދީ ފަންޑާއި އިންޑިއާގެ އެގްޒިމް ބޭންކުގެ އެހީގައި ކޯލްޑް ސްޓޯރޭޖްގެ ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ފެލިވަރުގައި 4،000 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖާއި 200 ޓަނުގެ ބްރައިން ސްޓޯރޭޖް ސިސްޓަމްގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އިންޑިއާގެ އެގްޒިމް ބޭންކުން ފައިނޭންސްކުރާ އެ ޕްރޮޖެކްޓް  މި އަހަރު ނިމުމުގެ ކުރިން ނިންމާލައި، ބޭނުންކުރަން ފެށޭނެ ކަމަށް އަނަސް ވިދާޅުވި އެވެ.
އެ މަޝްރޫއުގެ އިތުރުން ސައުދީ ފަންޑުގެ ދަށުން ކޫއްޑޫގައި ވެސް 4،000 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް އެޅުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. އަދި ކަނޑުއޮތްގިރީގައި ވެސް 200 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ހެދުމުގެ މަސައްކަތް ކުރަން ވަރަށް އަވަހަށް ފެށުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.
"ކޯލްޑް ސްޓޯރޭޖް ހުރި މިންވަރަށް ބަލާފައި ރަނގަޅަށް މަސްބާނާ ދުވަސްވަރެއްގައި، އަޅުގަނޑުމެން ޖެހެނީ އެންމެ ރަނގަޅު އަގު ނުލިބުނަސް މަސް އެކްސްޕޯޓު ކުރަން. އެ ހާލަތުތައް މިހާރު ވެސް އާދޭ،" އަނަސް ވިދާޅުވި އެވެ.
"ކޯލްޑް ސްޓޯރޭޖް އިތުރު ކުރުމުން އަޅުގަނޑުމެންނަށް ފުލް ކޮންޓްރޯލް ލިބި، ރަނގަޅު އަގެއްގައި މަސް އެކްސްޕޯޓު ކުރެވޭނެ ގޮތްތައް ފަހިވެގެންދާނެ."
އެއީ އެ ކުންފުނީގެ އާމްދަނީ އިތުރުކުރަން އޮތް މަގު ކަމަށް އަނަސް ވިދާޅުވި އެވެ.
މިވަގުތު މިފްކޯގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީއަކީ 5،700 މެޓްރިކް ޓަނެވެ. އެއީ ކުއްޑޫގައި 2،000 މެޓްރިކް ޓަނާއި އައްޑޫގައި 1،500 މެޓްރިކް ޓަން، ފެލިވަރުގައި 700 މެޓްރިލް ޓަނުގެ އިތުރުން މިފްކޯގެ އުޅަނދުތަކުގައި 1،500 ޓަނެވެ.
އަނަސް ވިދާޅުވީ، ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ އިތުރު ކުރުމަށް މިހާރު ކުރިއަށް ގެންދާ މަޝްރޫއޫތަކާ އެކު އެ ކުންފުނީގެ ކެޕޭސިޓީ ގާތްގަނޑަކަށް 11،000 މެޓްރިކް ޓަނަށް އިތުރު ކުރެވޭނެ ކަމަށެވެ. 
މިފްކޯ އިން މިހާރު ވެސް އަންނަނީ ޔޫރަޕްގެ ގައުމުތަކުގެ އިތުރުން ސްރީ ލަންކާ އާއި އެމެރިކާ އާއި ތުރުކީ ފަދަ ގައުމުތަކަށް މަހުގެ އުފެއްދުންތައް އެކްސްޕޯޓް ކުރަމުންނެވެ. އަނަސް ވިދާޅުވީ، ޖަޕާނަށް މަހުގެ އުފެއްދުންތައް އެކްސްޕޯޓު ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ފަށާފައިވާ ކަމަށެވެ.
އަނަސްގެ ލިސްޓުގައި ދެން އޮތީ މިފްކޯ ޑައިވާސިފައި ކުރުމެވެ. އެކަންކަން ހާސިލްވުމުން، މަހުގެ އަގު ވަކިވަރެއްގައި ހިފެހެއްޓުމަށްޓަކައި މިފްކޯ އަށް ސަރުކާރުން ދޭ ފައިސާއާ ނުލާ ވެސް މަހުގެ އަގު ރަނގަޅު އަގެއްގައި ބަހައްޓައި އެ ކުންފުނިން މަހުގެ ވިޔަފާރި ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު އެ ހިސާބަށް ކުންފުނި ގެންދިއުމައްޓަކައި އިތުރު ކޭނަރީ އާއި ކޯލްޑް ސްޓޯރޭޖްތައް ބޭނުންވެ އެވެ.
އާ މެނޭޖިން ޑިރެކްޓަރު އަނަސް އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ވެސް މިވަގުތު އެކަންކަން ހާސިލު ކުރެވޭތޯ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ