ވާވު އަތޮޅުގެ ކަނޑުއަޑީގެ ހޮހަޅައަކަށް ފީނަން އުޅުމުގެ ތެރޭގައި ގެއްލުނު އިޓަލީގެ 5 ޑައިވަރުންގެ ތެރޭގައި މަންމައަކާއި އޭނާގެ އަންހެން ދަރިފުޅު ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ބީބީސީ އާއި އޮސްޓްރޭލިއާގެ 9 ނިއުސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މެއި 14 ވާ ބުރާސްފަތި ދުވަހު ހިނގި މި ހާދިސާގައި ގެއްލިފައިވަނީ ޔުނިވަރސިޓީ އޮފް ޖެނޯއާގެ އެސޯސިއޭޓް ޕްރޮފެސަރެއް ކަމަށްވާ މޮނިކާ މޮންޓެފަލްކޯނޭ އާއި، އޭނާގެ ދަރިފުޅު އަދި ބަޔޯމެޑިކަލް އިންޖިނިއަރިންގ ކިޔަވާ ދަރިވަރު ޖިއޯޖިއާ ސޮމަކާލް އެވެ.
މީގެ އިތުރުން ދެން ގެއްލިފައިވަނީ އެ ޔުނިވަރސިޓީގެ ރިސާޗް ފެލޯއެއް ކަމަށްވާ މިއުރިއަލް އޮޑެނީނޯ އާއި، ދާދިފަހުން ގްރެޖުއޭޓްވި ފެޑެރީކޯ ގުއަލްޓިއޭރީގެ އިތުރުން، އެމީހުންގެ ޑައިވިންގ އިންސްޓްރަކްޓަރު ޖިއާންލޫކާ ބެނެޑެޓީއެވެ. ޔުނިވަރސިޓީން ބުނިގޮތުގައި މޮނިކާ ރާއްޖެއަށް އައީ ސައިންޓިފިކް ރިސާޗް ދަތުރެއްގައެވެ. ނަމަވެސް، މި ހޮހަޅައަށް ފީނި ފީނުމަކީ އެމީހުންގެ ރަސްމީ ރިސާޗް މިޝަންގެ ބައެއް ނޫނެވެ.
އިޓަލީގެ ފޮރިން މިނިސްޓްރީން ބުނީ މި ޑައިވަރުން ގެއްލިފައިވަނީ 50 މީޓަރު (164 ފޫޓު) ފުންމިނުގައި ހުރި ކަނޑުއަޑީގެ ހޮހަޅަތަކެއް ބަލައި ހޯދަން އުޅުމުގެ ތެރޭގައެވެ.
އިޓަލީގެ ”ލާ ރިޕަބްލިކާ“ ނޫހަށް މަޢުލޫމާތު ދެމުން މޮނިކާގެ ފިރިމީހާ ބުނީ، އޭނާގެ އަންހެނުންނަކީ ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ޑައިވަރު ކަމަށާއި، އޭނާގެ ދަރިފުޅާއި އެހެން ކުދިންގެ ފުރާނަ ނުރައްކަލަށް ހުށަހަޅާނެ ފަދަ ކަމެއް އޭނާ ދުވަހަކުވެސް ނުކުރާނެ ކަމަށެވެ. އެހެންކަމުން، ހޮހަޅައިގެ ތެރޭގައި ހީނުކުރާ ފަދަ ކުއްލި ކަމެއް ދިމާވީ ކަމަށް ގަބޫލުކުރާ ކަމަށް އޭނާ ބުންޏެވެ.
ގެއްލިފައިވާ އިޓަލީ ޑައިވަރުންގެ ތެރޭގައި މަންމައަކާއި އޭނާގެ ދަރިފުޅު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ