މަހުދީ މަރުވުން: "އަވަހަށް އެދެންވީ ބޭރުގެ ޓެކްނިކަލް ޑައިވަރުންގެ އެހީއަށް"

ވ. އަތޮޅު ކައިރިއަށް ޑައިވްކުރަން ގޮސް އުޅެނިކޮށް ބުރާސްފަތި ދުވަހު ގެއްލުނު އިޓަލީވިލާތުގެ ޖުމްލަ ފަސް މީހުންގެ ތެރެއިން ނުފެނިވާ ހަތަރު ފަތުރުވެރިއަކު ހޯދުމުގެ މަސައްކަތް ކުރަނިކޮށް، އެ އޮޕަރޭޝަންގައި ބައިވެރިވި ސިފައިންގެ ޑައިވަރަކު ނިޔާވެފައިވާ މި ދަނޑިވަޅުގައި، ބޭރުގެ ޓެކްނިކަލް ޑައިވަރުންގެ އެހީތެރިކަން އަވަހަށް ހޯދަން ގޮވައިލާ އަޑުތައް ގަދަވެއްޖެއެވެ. މަރުވެފައިވަނީ ކޯސްޓްގާޑުގެ ސްޓާފް ސާޖަންޓް، އުމުރުން 44 އަހަރުގެ މުޙައްމަދު މަހުދީއެވެ. https://sun.mv/222067 އެ ޚަބަރާއެކު، ސޯޝަލް މީޑިއާގައި ޚިޔާލު ފާޅުކުރި ބައެއް ފަރާތްތަކުން ވަނީ، 60 މީޓަރަށް ވުރެ އަޑިއަށް ފީނުމުގެ ގާބިލުކަން ދިވެހި ސިފައިންގެ އަދި ނެތްކަން ފާހަގަކޮށް، ބޭރުން ތަޖުރިބާކާރު ޑައިވަރުން ގެނައުމަށް ގޮވައިލައިފައެވެ. އެގޮތުން، ފްރީޑައިވް މޯލްޑިވްސްގެ ފައުންޑަރު އަދި ތަޖުރިބާކާރު ޑައިވަރު އަދި އިންސްޓްރަކްޓަރު ފަހުދު ފާއިޒް 'ފޭސްބުކް'ގައި ކުރި ޕޯސްޓެއްގައިވަނީ، ރާއްޖެއަށް ހުޅަނގު މޫސުމުގެ އަސަރުކޮށް، ކަނޑުތައް ވެސް ގަދަ މި ދަނޑިވަޅުގައި އިޓަލީވިލާތުގެ ފަތުރުވެރިން ސަލާމަތްކުރުމަށް މި އޮޕަރޭޝަން ކުުރިއަށް ގެންދިއުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ. ފަހުދު ލިޔެފައިވާ ގޮތުގައި ގޮތުގައި، ގަދަ މޫސުމުގައި ފުނަށް ފީނުމަކީ ނުރައްކާތެރިކަމެއްކަން، ކަމާބެހޭ މާހިރުން ފާހަގަކުރެއެވެ. އެގޮތުން، 60 މީޓަރަށްވުރެ ފުނަށް ޑައިވްކުުރުމަކީ ނުރައްކާތެރި، އަދި ރިސްކު ބޮޑު ކަމެއް ކަން އޭނާ ވެސް ފާހަގަކުރިއެވެ. "އޮކްސިޖަން ވިހަވުމާއި ނައިޓްރޯޖަން ނާކޮސިސްއާއި ޑީކޯވުމުގެ ފުރުސަތު ބޮޑުވުމާއި ފެނުން ދަށްވުމާއި ރާޅުތަކާއި ހޮހޮޅަ ފަދަ މާހައުލުތަކުގެ ސަބަބުން ނުރައްކާ އިތުރުވޭ،" ފަހުދުގެ ޕޯސްޓުގައިވެއެވެ. މިއީ އާދައިގެ ރިކަވަރީ ޑައިވެއްނޫންކަން ފާހަގަކޮށް ފަހުދު ލިޔެފައިވާ ގޮތުގައި، މިފަދަ ބޮޑު އޮޕަރޭޝަނަކަށް ޚާއްސަވެގެންވާ ޓެކްނިކަލް ކޭވް ޑައިވަރުންނާއި، އެކަށީގެންވާ ގޭސް އިކުއިޕްމަންޓާއި ރިޑަންޑަންޓް ސިސްޓަމްތަކާއި ޑީކޮމްޕްރެޝަން ޕްލޭނިންނާއި ސަޕޯޓް ޓީމެއް ބޭނުންވާނެއެވެ. "އޭގެ ބަދަލުގައި މި ފެނުނީ ގަދަ މޫސުމުގައި މި އޮޕަރޭޝަން ކުރިއަށް ގެންދިޔަ މަންޒަރު، މިފަދަ ބޮޑު ޑައިވަކަށް ބޭނުންވާ ތަޖުރިބާއާއި އިކުއިޕްމަންޓްތައް ނެތި،" އޭނާ ލިޔުނެވެ. އެއްވެސް ވަރަކަށް އޮޕަރޭޝަން ހިންގުމަށް ތައްޔާރުވެފައިނުވާ ސަރަހައްދަކަށް ދިއުމުގެ ބަދަލުގައި ސަރުކާރާއި އެމްއެންޑީއެފުން ބައިނަލްއަގުވާމީ ޓެކްނިކަލް ޑައިވަރުންގެ އެހީތެރިކަމަށް އެދުމަށް، އެ ޕޯސްޓުގައި ފަހުދު ވަނީ ގޮވައިލައިފައެވެ. "މަރުވީ އެކުވެރިއެއް، ގެއްލުނު މީހުންގެ އާއިލާތަކަށް ހަމަޖެހުން ގެނައުމަށް ޓަކައި [ގެއްލުނު މީހުން] ސަލާމަތްކުރަން ދިޔަ މީހެއް..." އެ ޕޯސްޓުގައިވެއެވެ. އެމްއެންޑީއެފުން މީގެ ކުރިން މައުލޫމާތު ދިން ގޮތުގައި، ގެއްލުނު ފަސް މީހުންގެ ތެރެއިން އެކަކުގެ ހަށިގަނޑު ފެނިފައިވަނީ ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:13 ހާއިރު، ގާތްގަނޑަކަށް 60 މީޓަރު އަޑީގައި އޮތް ހޮހަޅައެއްގެ ތެރެއިންނެވެ. އެ މައްސަލައާ ގުޅިގެން އެ ފަތުރުވެރިން ޑައިވިންއަށް ދިޔަ ސަފާރީގެ އޮޕަރޭޓިން ލައިސެންސް ވެސް މިހާރު ވަނީ ސަސްޕެންޑްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ