މެޑްރިޑް (މެއި 16) - ރެއާލް މެޑްރިޑްގެ ކޯޗުކަމާ ހޯސޭ މޮރީނިއޯ ހަވާލުވެއްޖެނަމަ، އެއީ އޭނާ އަށް ވެސް ލިބޭނެ އުފަލެއް ކަމަށް ރެއާލްގެ ކޯޗަކަށް މި ވަގުތު ހުރި އެ ޓީމުގެ ކުރީގެ ކުޅުންތެރިޔާ، އަލްވާެރޯ އާބެލޯއާ ބުނެފި އެވެ.
ރެއާލުން މި ސީޒަން ފެށީ، ޒަބީ އަލޮންސޯގެ ކޯޗުކަމުގަ އެވެ. އެކަމަކު، ނަތީޖާތައް ދަށްވުމާއި، ޓީމު ކުޅުންތެރިންނާ ޖެހުނު މައްސަލަތަކާ ހެދި އަލޮންސޯ އަށް އެ ޓީމުގައި ކުރިއަށް ނުދެވުނެވެ. އެހެންވެ، ރެއާލުން ވަގުތީ ކޯޗަކަށް ގެނައީ ކުރީގެ ކުޅުންތެރިޔާ އަދި ރިޒާވް ޓީމުގެ ކޯޗު، އާބެލޯއާ އެވެ.
އާބެލޯއާގެ ކޯޗުކަމުގައި ވެސް ކުރިއެރުމެއް ނުފެނި، ރެއާލުން އާ ކޯޗެއް ގެންނަން މަސައްކަތް ފަށާފައިވަނީ އަންނަ ސީޒަނުން ފެށިގެން ކޮންޓްރެކްޓް ކުރިއަށްދާ ގޮތަށެވެ.
މޮރިިނިއޯ ވަނީ 2010 އިން 2013 އަށް ރެއާލް މެޑްރިޑަށް ކޯޗުކޮށްދީފަ އެވެ. އެ ގޮތުން، އެ މުއްދަތުގައި، 2012 ވަނަ އަހަރުގެ ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ރެއާލަށް ހޯދައިދިން މޮރީނިއޯ އަކީ އަންނަ ސީޒަނުގައި އެ ޓީމާ ހަވާލުވާނެ ކޯޗުކަމަށް ސްޕެއިނުގެ މީޑިއާގައި ވަނީ އަޑުފެތުރިފަ އެެވެ.
މޮރީނިއޯ ހަވާލުވެ ހުރި ބެންފީކާއާ ދެކޮޅަށް އާބެލޯއާ ވަނީ މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި ނުކުމެފަ އެވެ.
އާބެލޯއާ ބުނީ، ރެއާލުގެ ކޯޗަކަށް ދެން ގެންނަނީ މޮރީނިއޯ ކަމަށްވާނަމަ އެއީ އުފާކުރާނެ ކަމެއް ކަމަށެވެ.
"އަހަންނަށް ރެއާލްގެ ކުރިގެ ކުޅުންތެރިއެއްގެ ގޮތުގައި، މެޑްރިސްޓާއެއްގެ ގޮތުގައި، މޮރީނިއޯ އަކީ އެއް ވަނަ. އެއީ އަހަރެމެންގެ މީހެއް. އަންނަ ސީޒަނުގައި އޭނަ (މޮރީނިއޯ) އަތުވެއްޖެނަމަ، އަހަރެން ވަރަށް އުފާކުރާނަން. އެއީ މޮރީނިއޯ އެނބުރި އެ އަންނަނީ ގެ އަށް،" އާބެލޯއާ ބުންޏެވެ.
ރިޕޯޓްތައް ބުނާގޮތުން، ރެއާލުން އަންނަނީ ދެ އަހަރުގެ ކޮންޓްރެކްޓެއްގައި މޮރީނިއޯ ގެންނަން މަސައްކަތް ކުރަމުންނެވެ.
ކުރިން ދެ ފަހަރެއްގެ މަތިން ޗެލްސީ އަށް ކޯޗުކޮށްދިނުމުގެ އިތުރުން، އިނގިރޭސި ޕްރިމިއާ ލީގުަގައި މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ހޮޓްސްޕާސް އަށް ކޯޗުކޮށްދިން މޮރީނިއޯ ދާދި ފަހުން ބުނީ، ބެންފީކާއާ އެކު، އޭނާ ހަދާފައި އޮތް އެއްބަސްވުމުގައި ބާކީ އެއް އަހަރު އެބައޮތް ކަމަށެވެ. އަދި، މުސްތަގުބަލާ ގުޅޭގޮތުން ގޮތެއް ނިންމާނީ މި ކަމުގައި ބެންފީކާ އިން ނިންމާ ގޮތަކާ މެދު ވިސްނުމަށް ފަހު ކަމަށް ވެސް މޮރީނިއޯ ދާދި ފަހުން ވަނީ ބުނެފަ އެވެ.
ރެއާލާ މޮރީނިއޯ ހަވާލުވުމަކީ އާބެލޯއާ އަށް ވެސް ލިބޭނެ އުފަލެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ