ޑައިވިންއަށްދިޔަ ޕްރޮފެސަރުގެ ފަހު ބަސް: ކަނޑުއަޑިއަކީ ސިއްރުތަކުން ފުރިފައިވާ ތަނެއް

މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު ޑައިވިންއަށް ފޭބުމަށްފަހު އަނބުރާ ނައިސްގެން ހޯދަމުން އަންނަ, ކަނޑު އަޑީ މަރުވެފައިވާކަމަށް ބެލެވޭ އިޓަލީގެ ފަސް ފަތުރުވެރިންގެ ތެރޭ ހިމެނޭ ތަޖުރިބާކާރު މެރިން ބަޔޮލޮޖިސްޓް، މޮނިކާ މޮންޓެފަލްކޯން އެންމެ ފަހު ބަހަކަށް ވެސް ބުނީ ކަނޑުގެ ދިރުމާއި، ކަނޑުއަޑީގެ ސިއްރުތަކާ ގުޅުންހުރި ވާހަކަތަކެއްކަން ހާމަވެއްޖެއެވެ. ބޭރުގެ ނޫހެއް ކަމަށްވާ "ނިއުޔޯކް ޕޯސްޓް" ގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ޑައިވިން ހާދިސާގައި ގެއްލިގެން ހޯދަމުން އަންނަ އިޓަލީގެ އެންމެ ފަހުގެ ބަސްތަކުން އެނގެނީ ކަނޑުގެ ދިރުންތަކަށް އޭނާގެ ހިތުގައި އޮތް ލޯތްބާއި ޝައުގުވެރިކަމެވެ. އުމުރުން 51 އަހަރުގެ މޮނިކާއަކީ އިޓަލީގެ ޔުނިވާސިޓީ އޮފް ޖެނޯއާގެ އެވޯޑް ހާސިލްކޮށްފައިވާ ދިރާސާވެރިއެކެވެ. އޭނާ ރާއްޖެ އައީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ދިރުންތަކަށް ކުރާ އަސަރުތައް ދިރާސާ ކުރުމުގެ މަސައްކަތަށް ކަމަށް ނިއުޔޯކް ޕޯސްޓްގައިވެއެވެ. ނިއުޔޯކް ޕޯސްޓުން ބުނާ ގޮތުގައި، މި ހާދިސާ ހިނގުމުގެ ގަޑިއިރުތަކެއް ކުރިން، ބުދަ ދުވަހުގެ ރޭގަނޑު 10:15 އެހާކަންހާއިރު މޮނިކާ އޭނާގެ އެކުވެރިއަކަށް ފޮނުވި މެސެޖެއްގައި ވަނީ ކަނޑު އަޑީގެ މާހައުލު ބެލުމަކީ މުހިންމު ކަމެއް ކަމަށް ބުނެފައެވެ. އަދި އެއީ ސިރުތަކުން ފުރިފައިވާ ތަނެއްކަމަށް ވެސް ބުނެފައިވެއެވެ. "އަހަރެމެންގެ އަމިއްލަ ލޮލުން ނުވަތަ ރޮބޮޓެއްގެ ލެންސުން ވިޔަސް، ކަނޑުއަޑީގެ މާހައުލު ބަލައި ދިރާސާކުރުމަކީ ވަރަށް މުހިންމު ކަމެއް. އެއީ އާންމުންނަށް އަދިވެސް އެނގިފައިނުވާ މިންވަރަށް ސިއްރުތަކުން ފުރިގެންވާ ތަނެއް،" އޭނާގެ އެކުވެރިއަކަށް ކުރި މެސެޖެއްކަމަށް ނިއުޔޯކް ޕޯސްޓުގައި ރިޕޯޓުކޮށްފައިވެއެވެ. މިހާތަނަށް ރަސްމީ އިދާރާތަކުން ހާމަކޮށްފައިވާ މައުލޫމާތުން ބެލެވޭ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ރާއްޖޭގެ ކަނޑުގެ 200 ފޫޓު އަޑީގައި އޮތް ހޮހަޅައެއްގެ ތެރޭގައި ޑައިވް ކުރަން އުޅުމުގެ ތެރޭގައެވެ. މި ހާދިސާގައި މޮނިކާގެ އިތުރުން އިޓަލީގެ އިތުރު ހަތަރު މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި މޮނިކާގެ ދަރިފުޅު، އުމުރުން 22 އަހަރުގެ ޖޯޖިއާ ސޮމަކަލްއާއި، ދިރާސާވެރިއެއް ކަމަށްވާ 31 އަހަރުގެ މުރިއަލް އޮޑެނީނޯ ، 31 އަހަރުގެ ފެޑެރިކޯ ގުއަލްޓިއޭރީ، އަދި ޑައިވިން އިންސްޓްރަކްޓަރު 44 އަހަރުގެ ޖިއަންލޫކާ ބެނެޑެއްޓީ ހިމެނޭކަމަށް ނިއުޔޯކް ޕޯސްޓުގައި ރިޕޯޓުކޮށްފައިވެއެވެ. ނިއުޔޯކް ޕޯސްޓުގައިވާ ގޮތުން، މޮނިކާގެ ފިރިމީހާ ކާލޯ ސޮމަކަލް އިޓަލީގެ ނޫހަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ، އޭނާގެ އަންހެނުންނަކީ ދުނިޔޭގައި ތިބި އެންމެ ތަޖުރިބާކާރު ޑައިވަރުންގެ ތެރެއިން އެކަކު ކަމަށެވެ. އޭނާއަކީ ދުވަހަކު ވެސް ނުރައްކާތެރި ގޮތަކަށް އަމަލުކުރާނެ މީހެއް ނޫން ކަމަށާއި، އޭނާގެ ދަރިފުޅުގެ ނުވަތަ އެހެން ޒުވާނެއްގެ ވެސް ފުރާނަ ނުރައްކަލަށް ހުށަހަޅާނެ ފަދަ ކަމެއް ދުވަހަކު ވެސް ނުކުރާނެ ކަމަށް ކާލޯ ބުނެފައިވެއެވެ. https://sun.mv/222009 މި ހާދިސާގައި މަރުވި އެހެން މީހުންނަށް ބަލާއިރު، ފެޑެރިކޯއަކީ ރާއްޖޭގެ މުރަކައިގެ ދިރުންތަކާ ބެހޭގޮތުން ތީސީސް ލިޔެފައިވާ ދަރިވަރެކެވެ. އަދި އިންސްޓްރަކްޓަރު ޖިއަންލޫކާއަކީ ކުރިން ބޭންކަރެއްގެ ވަޒީފާގައި އުޅުމަށްފަހު، ޑައިވިންއަށް ހުރި ޝައުގުވެރިކަމެއްގެ ބޮޑުކަމުން މީގެ އަށް އަހަރު ކުރިން ރާއްޖެއަށް ބަދަލުވި މީހެއްކަމަށް ވެސް ވެއެވެ. މި ހިތާމަވެރި ހާދިސާއާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. އަދި އެ މީހުންގެ ހަށިތައް ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ