ފަލަސްތީނުގެ ޣައްޒާއަށް އިސްރާއީލުން ހުކުރު ދުވަހު ދިން ވަރުގަދަ ވައިގެ ހަމަލާއެއްގައި، ހަމާސް ޖަމާއަތުގެ އަސްކަރީ ގޮފީގެ އެންމެ އިސް އެއް ކޮމާންޑަރު ކަމަށްވާ އިއްޒުއްދީން އަލް ހައްދާދު އަވަހާރަކޮށްލައިފިއެވެ.
ޣައްޒާ ސިޓީގެ މީހުން ދިރިއުޅޭ އެޕާޓްމަންޓަކަށާއި އާންމުންގެ އުޅަނދަކަށް އަމާޒުކޮށް އިސްރާއީލުން ދިން މި ހަމަލާގައި ހައްދާދުގެ އިތުރުން އޭނާގެ އަނބިކަނބަލުންނާއި އަންހެން ދަރިފުޅު ވެސް ވަނީ އަވަހާރަވެފަ އެވެ.
އިސްރާއީލުން މިކަން އިއުލާނުކުރުމާ ގުޅިގެން، ހަމާސް ޖަމާއަތުން ވެސް ވަނީ ހައްދާދު އަވަހާރަވިކަން ރަސްމީކޮށް ކަށަވަރުކޮށްދީފައެވެ.
އިސްރާއީލުން ތުހުމަތުކުރާ ގޮތުގައި އަލް ހައްދާދަކީ 2023 އޮކްޓޯބަރު 7 ގައި އެގައުމަށް ދިން ވަރުގަދަ ހަމަލާތައް ރޭވުމުގައި އެންމެ އިސްކޮށް އުޅުނު އެއް މޭސްތިރިއެކެވެ. އަދި ހަނގުރާމައިގެ ތެރޭގައި އިސްރާއީލުން ރަހީނުކުރި މީހުން ފޮރުވައިގެން ގެންގުޅުމުގެ ކަންކަން ބެލެހެއްޓުމުގައި ވެސް އޭނާ އިސް ދައުރެއް އަދާކުރި ކަމަށް އިސްރާއީލުން ބުނެ އެވެ.
އިސްރާއީލްގެ އަސްކަރިއްޔާއިން ހާމަކުރި ގޮތުގައި، ހުކުރު ދުވަހު ދިން ހަމަލާއަށްފަހު ހައްދާދު މަރުވިކަން ކަށަވަރު ކުރެވުނީ ހޮނިހިރު ދުވަހުއެވެ.
އޮކްޓޯބަރު 7 ގެ ހަމަލާގައި އިސްރާއީލުން 1،221 މީހުން މަރުވެ، 251 މީހުން ރަހީނުކޮށްފައިވާއިރު، އޭގެ ފަހުން އިސްރާއީލުގެ ޖާސޫސީ އިދާރާތަކާއި އަސްކަރިއްޔާއިން ދަނީ ހަމާސްގެ ސިޔާސީ އަދި އަސްކަރީ ލީޑަރުން ހޯދައި ނައްތާލުމަށް ބޮޑު ކެމްޕޭނެއް ހިންގަމުންނެވެ.
އިސްރާއީލުން ބުނާ ގޮތުގައި ހައްދާދަކީ އޮކްޓޯބަރު 7 ގެ ހަމަލާއާ ގުޅުންހުރި ލީޑަރުންގެ ތެރެއިން ދިރިހުރި އެންމެ ފަހުގެ އިސް ކޮމާންޑަރެވެ. އޭނާ އަވަހާރަކޮށްލުމާ ގުޅިގެން، ހަމާސްގެ ދިދަ އޮޅާފައިވާ ސަންދޯކެއްގައި އޭނާގެ ހަށިގަނޑު މިސްކިތަކަށް ގެންގޮސް، ޖަނާޒާގެ ކަންކަން ވަނީ ކުރިއަށް ގެންގޮސްފައެވެ.
މި ހަނގުރާމައިގައި އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 72,700 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފަ އެވެ. މިދިޔަ އޮކްޓޯބަރު މަހު ހަމަލާބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވުމެއް ގާއިމުކުރި ނަމަވެސް، އިސްރާއީލުން ހަމަލާތައް ހުއްޓާނުލާތީ ޣައްޒާގައި ކޮންމެ ދުވަހަކުވެސް ލޭއޮހޮރުވުންތައް ދަނީ ހިންގަމުންނެވެ.
ޣައްޒާގެ ހެލްތު މިނިސްޓްރީން ހާމަކުރި ގޮތުގައި ހަމަލާބަދަލުކުރުން ހުއްޓާލި ފަހުން ވެސް ފަލަސްތީނުގެ 856 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އަދި މި މުއްދަތުގައި އިސްރާއީލުގެ ފަސް ސިފައިން މަރުވެފައިވާ ކަމަށް އެގައުމުގެ އަސްކަރިއްޔާއިން ބުނެ އެވެ.
އިސްރާއީލުން ހަމަލާދީ ހަމާސްގެ އަސްކަރީ ކޮމާންޑަރު އަވަހާރަކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ