ޑައިވަރުން މަރުވި ހާދިސާގެ ތަހުގީގަކަށް ބޯޓިން އެސޯސިއޭޝަނުން ގޮވާލައިފި

ވ. އަތޮޅުގައި ޑައިވިނަށް ގޮސް އުޅެނިކޮށް އިޓަލީގެ ފަތުރުވެރިންތަކެއް ގެއްލުނު ހާދިސާގެ އަވަސް އަދި ފުރިހަމަ ތަހުގީގަކަށް ބޯޓިން އެސޯސިއޭޝަނުން ގޮވާލައިފި އެވެ.
ވީ ކިހިނެއް؟ - ވ. އަލިމަތާ ކައިރިން ފީނި އިޓަލީގެ ފަސް ފަތުރުވެރިންގެ ތެރެއިން އެކަކު މަރުވެފައި އޮއްވާ ފެނިފައިވާއިރު، އަނެއް ހަތަރު މީހުން ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
މި ހާދިސާއަށް ބައިނަލްއަގުވާމީ މީޑިއާގެ ސަމާލުކަން ވެސް ވަނީ ހުއްޓިފަ އެވެ.
ތަފްސީލް - ބޯޓިން އެސޯސިއޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ ޑައިވިން މަންޒިލަކަށްވާއިރު، މިފަދަ ހާދިސާތަކުގެ ސަބަބުން ކަނޑުދަތުރުފަތުރާއި ޓޫރިޒަމް ދާއިރާއަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާ ކަމަށެވެ.
ބޯޓިން އަދި ޑައިވިން ދާއިރާގައި ސަލާމަތީ ކަންކަން އެންމެ ފުރިހަމައަށް ބެލެހެއްޓުމަށް އަބަދު ވެސް އިސްކަންދޭ ކަމަށާއި މި ސިނާއަތުގެ އޮޕަރޭޝަނަލް މިންގަނޑުތައް އެންމެ ފުރިހަމައަށް ހިފެހެއްޓުމަށް ކުރާ މަސައްކަތުގައި އެ ޖަމްއިއްޔާގެ އެއްބާރުލުން ލިބޭނެ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
މި ހާދިސާއާ ގުޅިގެން އެއްވެސް ފަރާތަކަށް ފިޔަވަޅު އެޅުމުގެ ކުރިން އަވަސް އަދި ފުރިަހމަ ތަހުގީގެއް ހިންގަން އިލްތިމާސްކޮށް ބޯޓިން އެސޯސިއޭޝަނުން ވަނީ ތަހުގީގު ނިމުމުގެ ކުރިން، މި ދާއިރާއަށް ނޭދެވޭ އަސަރުކޮށް މުޅި އިންޑަސްޓްރީ ބަދުނާމުވެދާނެ ފަދަ އެއްވެސް ކަމެއް ނުހިންގުމަށް ކަމާ ގުޅުންހުރި މުވައްސަސާތަކަށް ގޮވާލައިފަ އެވެ.
މީގެ އިތުރުން، ފުރިހަމަ ތަހުގީގެއް ހިންގާ ނިމުމުން  އިހުމާލުވެފައިވާ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އަޅަން ބާރުއަޅާ ކަމަށް ވެސް އެ ޖަމްއިއްޔާ އިން ބުންޏެވެ.
އެ ބަޔާނުގައި އިތުރަށް ބުނީ ޓެކްނިކަލް ޑައިވިންގެ ހަރަކާތްތައް ކުރިއަށް ގެންދާ ނަމަ ފަތުރުވެރިކަމުގެ ދާއިރާގެ ކަމާބެހޭ ހުރިހާ ފަރާތްތަކާ މަޝްވަރާކޮށް ދުނިޔޭގެ އެންމެ ރައްކާތެރި އުސޫލުތައް ދިރާސާކުރުމަށް ފަހު ހަރުދަނާ ގަވައިދެއްގެ ދަށުން އެކަން މޮނީޓަކުރުމުގެ ނިޒާމެއް ގާއިމްކުރަން އިލްތިމާސްކުރާ ކަމަށެވެ.
ބޯޓިން އެސޯސިއޭޝަނުން ބުނީ:
ފަތުރުވެރިކަމުގެ އަބުރާއި ފަތުރުވެރިންގެ ރައްކާތެރިކަމަކީ އެންމެ އިސްކަންދޭންޖެހޭ ކަންކަން ކަމަށް
މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް ވަރުގަދަ ފިޔަވަޅުތައް އެޅުމަށް ގޮވާލާ ކަމަށް
ފާހަގަ ކުރެވޭ - ގެއްލުނު ޑައިވަރުން ހޯދުމުގެ މަސައްކަތުގައި އުޅުނު އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓު މުހައްމަދު މަހުދީ މިއަދު ވަނީ މަރުވެފަ އެވެ. މި އޮޕަރޭޝަނުގައި ބައިވެރިވުމަށް ބޭރުގެ ފަންނީ ތަޖުރިބާކާރުން މާދަމާ ރާއްޖެ އަންނާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ