ދ. މީދޫ ރައީސް ހޮވުމަށް ވޯޓުލުން އަންނަ މަހު 13 ގައި
ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ނެގި ވޯޓެއް ބާތިލްކުރީ ގޯސްކޮށް ކަމަށް ހައިކޯޓުން ނިންމުމާ ގުޅިގެން، އެއްވަރުވި އިންތިޚާބު އަލުން ބާއްވާނީ އަންނަ މަހު 13ގައި ކަމަށް އިލެކްޝަން ކޮމިޝަން (އީސީ)އިން މިއަދު އިއުލާންކޮށްފިއެވެ. އީސީއިން ބުނީ ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބޭއްވި އިންތިޚާބާއި ގުޅޭ މައްސަލައިގައި ހައިކޯޓުން، އެއް ވޯޓު ސައްކަކަމަށް ކަނަޑައެޅުމުން، އެ މަޤާމަށް އިންތިޚާބުކުރަންޖެހޭ މެންބަރުންގެ ޢަދަދަށްވުރެ އިތުރަށް، ކެންޑިޑޭޓުންނަށް ލިބިފައިވާ ވޯޓު އެއްވަރުވެފައިވާތީ، އިންތިހާބު އަލުން އަންނަ މަހުގެ 13ގައި ބާއްވަން ނިންމާފައިވާކަމަށެވެ. https://sun.mv/221980 އީސީން ބުނިގޮތުގައި ދ. މީދޫ ކައުންސިލް ރައީސް މަޤާމުގެ އިތުރުބުރުގެ ވޯޓު ނެގުން އޮންނާނީ، އަންނަ މަހު 13ގެ ހެނދުނު 8:00 ން ހަވީރު 4:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ ތިރީސް މިނެޓުގެ ހުސްވަގުތު ކޮޅަކަށް ފަހެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނުކުރުމަށް ހަމަޖެހިފައިވަނީ ޖެހިގެން އަންނަ 14 ވާ އާދިއްތަ ދުވަހެވެ. މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި އެންމެ މައްސަލަ ބޮޑުވި އެއް ދާއިރާއަކީ ދ. މީދޫ ދާއިރާގެ ވޯޓެވެ. އެގޮތުން މީދޫ ރައީސް ހޮވުމަށް ނެގި ވޯޓުގައި އިލެކްޝަންސް ކޮމިޝަން (އީސީ)ން ފުރަތަމަ އާންމުކުރި ވަގުތީ ނަތީޖާ ދައްކާ ގޮތުން ވެރިކަން ކުރާ ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހީމަށް 393 ވޯޓު ލިބުނެވެ. އަދި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ކެންޑިޑޭޓް މުޙައްމަދު ޝާހިދަށް ލިބުނީ 392 ވޯޓެވެ. އެހެންނަމަވެސް، ލ. ފޮނަދޫގައި ބެހެއްޓި ވޯޓު ފޮށްޓަކަށް، ވޯޓުލުމުގެ ހައްގު ނެތް ފަރާތަކުން ވޯޓުލާފައިވާ މައްސަލައެއް ފާހަގަވެ، އެމްޑީއޭއިން އީސީއަށް މައްސަލަ ހުށަހެޅިއެވެ. އެ ވޯޓު ގުނުމުގައި ބާތިލު ވޯޓެއް އޮތުމުން އަލުން ގުނައިދިނުމަށް އެދި ވެރިކަން ކުރާ ޕީއެންސީން ވެސް މައްސަލައެއް ހުށަހެޅިއެވެ. އީސީން އަލުން ވޯޓު ގުނުމަށް ފަހު، އިއުލާން ކުރި މީދޫ ވޯޓުގެ ރަސްމީ ނަތީޖާ ދައްކާ ގޮތުން ސުހާއަށް ލިބުނީ، 391 ވޯޓެވެ. ޝާހިދަށް ލިބުނީ 392 ވޯޓެވެ. އަމިއްލަ ގޮތުން ވާދަކުރި އިބްރާހީމް ނަސީމް، 100 ވޯޓު ހޯދިއެވެ. އެހެންކަމުން އިންތިޚާބު ކާމިޔާބު ކުރީ ޝާހިދެވެ. https://sun.mv/221992 އެހެންނަމަވެސް، ޕީއެންސީގެ ކެންޑިޑޭޓް ސުހާގެ ފަރާތުން އެ މައްސަލަ ހައިކޯޓަށް ހުށައެޅިއެވެ. އަދި ހައިކޯޓުން މައްސަލަ ނިންމީ ބާތިލްކުރި ވޯޓު ސައްހަކަމަށެވެ. އީސީއިން އިންތިހާބު އަލުން ބޭއްވުމަށް ނިންމާފައިވާއިރު، މިމައްސަލައިގައި، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ވަނީ އިންތިހާބާއިގުޅޭ ނިންމުންތައް އިންސާފުވެރިނޫންކަން ފާހަގަކޮށް، ކަންބޮޑުވުން ވެސް ފާޅުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ