ވ. އަތޮޅުގައި ގެއްލުނު އިޓަލީގެ ފަތުރުވެރިން ހޯދުމުގެ އޮޕަރޭޝަނުގައި އުޅެނިކޮށް ހާލު ދެރަވެގެން ނިޔާވި ސިފައިންގެ އޮފިސަރު، ސްޓާފް ސާޖަންޓް މުހައްމަދު މަހުދީގެ ކަށުނަމާދު މިރޭ ބޭއްވުމަށް ނިންމައިފިއެވެ.
ކަށުނަމާދުގެ މައުލޫމާތު އާންމުކުރާ ފޭސްބުކް ޕޭޖުން ބުނި ގޮތުގައި، އުމުރުން 43 އަހަރުގެ މަހުދީގެ މޫނު ދެއްކުން މިރޭ 7:00 އިން ފެށިގެން އިސްލާމީ މަރުކަޒުގައި ކުރިއަށްދާނެއެވެ. އަދި އޭނާގެ ކަށުނަމާދު އޮންނާނީ މިރޭ 10:00 ގައި އެ މަރުކަޒުގައެވެ.
މަހުދީ ނިޔާވީ މިދިޔަ ބުރާސްފަތި ދުވަހު އަލިމަތާ ކައިރިން ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ހަތަރު ފަތުރުވެރިންނާއި ޑައިވިން އިންސްޓްރަކްޓަރަކު ހޯދުމުގެ މަސައްކަތުގައި އުޅެނިކޮށެވެ. 60 މީޓަރު އަޑީގައިވާ ކޭވްއެއް ބަލަން ގޮސް އުޅެނިކޮށް ގެއްލުނު މީހުންގެ ތެރެއިން މިހާތަނަށް ފެނިފައިވަނީ އެކެއްގެ ހަށިގަނޑެވެ. ބާކީ ތިބި ހަތަރު މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ.
ނިޔާވި މަހުދީއަކީ މި އޮޕަރޭޝަން ކުރިއަށްދާ ގޮތް ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއްޔެ އެ ސަރަހައްދަށް ވަޑައިގަތުމުން، ރައީސަށް ބްރީފިން ދިނުމުގައިވެސް ބައިވެރިވި އޮފިސަރެކެވެ.
އެމްއެންޑީއެފުން ބުނެފައިވާ ގޮތުގައި، މިހާތަނަށް ފެނުނު މީހާގެ ހަށިގަނޑު ފެނުނީ ގާތްގަނޑަކަށް 60 މީޓަރު (197 ފޫޓު) އަޑިން ކޭވްގެ ތެރެއިންނެވެ. ބާކީ ތިބި މީހުންވެސް ވީ ކަމަށް ބެލެވެނީ 200 އެއްހާ ފޫޓު ދިގު އެ ކޭވްގެ ތެރޭގައެވެ. އެމްއެންޑީއެފުން ވަނީ މިއީ ވަރަށް ނުރައްކާތެރި އަދި ރިސްކު ބޮޑު އޮޕަރޭޝަނެއްކަން ފާހަގަކޮށްފައެވެ.
ނިޔާވި ސިފައިންގެ މީހާގެ ޖަނާޒާ މިރޭ 10 ޖަހާއިރު އިސްލާމީ މަރުކަޒުގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ