އެމެރިކާ އާއި އިރާނާ ދެމެދު ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށް އެއްބަސްވެފައިވާ ކަމަށް އިއުލާން ކުރުމާ ގުޅިގެން، ތެލުގެ އަގުތައް ވަރަށް ބޮޑަށް ދަށަށް ހިނގައްޖެ އެވެ.
މި އެއްބަސްވުމުގެ ދަށުން، ދުނިޔޭގެ ބާޒާރަށް އެންމެ މުހިންމު އެއް ކަނޑުގެ މަގު ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. މިކަމާ ގުޅިގެން ޓްރަމްޕް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި "ތެޔޮ ދައުރުވާނެ" ކަމަށް ވިދާޅުވެފައިވާއިރު، ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވިދާޅުވި ގޮތުގައި މި އެއްބަސްވުމުގައި ރަސްމީކޮށް ސޮއިކުރުމުގެ ރަސްމިއްޔާތު އޮންނާނީ ކުރިއަށް އޮތް ހުކުރު ދުވަހު ސްވިޒަލޭންޑުގަ އެވެ.
މި ހަބަރާއެކު ބައިނަލްއަގުވާމީ ބާޒާރުގައި ސާފުނުކުރާ ތެލުގެ އަގު 3.8 ޕަސެންޓު ދަށަށް ގޮސް، ފީފާއެއްގެ އަގު ވަނީ 84.02 ޑޮލަރަށް ވެއްޓިފަ އެވެ. އަދި އެމެރިކާގެ ބާޒާރުގައި ތެލުގެ އަގު 4.1 ޕަސެންޓު ދަށަށް ގޮސް، ފީފާއެއްގެ އަގު ވަނީ 81.40 ޑޮލަރަށް ތިރިވެފަ އެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިޒްރޭލުން އިރާނަށް ހަމަލާތަކެއް ދޭން ފެށި ފަހުން، ހޮރްމޫޒް ކަނޑުއޮޅި އޮތީ ބަންދުވެފަ އެވެ.
އެއީ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އިރާނުން ދީފައިވުމުންނެވެ. ދުނިޔޭގައި ބޭނުންކުރާ ތެލާއި އެލްއެންޖީގެ ގާތްގަނޑަކަށް 20 ޕަސެންޓު އުފުލަނީ މި ކަނޑައޮޅިންނެވެ.
އިރާނު ހަނގުރާމަ ފެށުމުގެ ކުރިން ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ހުރީ 70 ޑޮލަރުގަ އެވެ. ނަމަވެސް، ހަނގުރާމައިގެ ތެރޭގައި ތެލުގެ އަގު އިންތިހާއަށް މަތިވެ، ފީފާއެއްގެ އަގު 120 ޑޮލަރަށް ވެސް އެރި އެވެ.
ސުލުހައިގެ އެއްބަސްވުމާއެކު ތެލުގެ އަގު ދަށްވާން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ