ބްރެޒިލްގެ އެކްސްޓްރީމް ސްޕޯޓްސް ސައިޓެއްގައި ރޯޕް ޖަމްޕިންގެ ހަރަކާތެއްގައި ބައިވެރިވި އުމުރުން 21 އަހަރުގެ އަންހެނަކު، އޭނާގެ ރައްކާތެރިކަމަށް ބޭނުންކުރާ ވާގަނޑު ހަރުނުކޮށް ހުއްޓާ މަރުވެއްޖެ އެވެ.
ސައޮ ޕައުލޯ ސްޓޭޓްގެ ލިމެއިރާގައި ހުންނަ "ޕޮންޓޭ ޑޯ އެސްކުއެލެޓޯ" (ސްކެލެޓަން ބްރިޖް) އިން މާރިއާ އެޑުއާޑާ ރޮޑްރިގޭޒް ޑި ފްރެއިޓާސް ވެއްޓުނީ ގާތްގަނޑަކަށް 40 މީޓަރު (131 ފޫޓު) މަތިންނެވެ. މި ހާދިސާއާ ގުޅިގެން، އެ ހަރަކާތް އިންތިޒާމުކުރުމުގައި އިސްކޮށް އުޅުނު ހަ މީހަކު އެ ސަރަހައްދުން ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ އިހުމާލުވުމާއި މީހަކު މަރުވުމުގެ މައްސަލައިގައި ޖިނާއީ ތަހުގީގެއް ހިންގަމުންނެވެ.
ފުލުހުންގެ ބަޔާންތަކާއި މަންޒަރު ދުށް މީހުން ދީފައިވާ މައުލޫމާތަށް ބަލާއިރު، ރޮޑްރިގޭޒް ޑި ފްރެއިޓާސް ޕްލެޓްފޯމުން ކޮއްޕާލީ އޭނާގެ ހަށިގަނޑުގައި ހަރުކުރަންޖެހޭ މައި ރައްކާތެރިކަމުގެ ވާގަނޑުތައް ރަނގަޅަށް ހަރުނުކޮށް އޮއްވަ އެވެ. ހޮނިހިރު ދުވަހުގެ ހެނދުނު ހިނގި މި ހާދިސާއަށް ފަހު، ކުޑަވަގުތުކޮޅެއްގެ ތެރޭގައި އެމަޖެންސީ މެޑިކަލް ސާވިސްއާއި ފަޔާ ފައިޓަރުން އެ ސަރަހައްދަށް ދިޔަ ނަމަވެސް، ލިބިފައިވާ ބޮޑެތި އަނިޔާތަކުގެ ސަބަބުން އޭނާ ވަނީ އެ ސަރަހައްދުގައި މަރުވެފަ އެވެ.
މަރުގެ މި ހާދިސާ ހިނގުމުގެ ކުޑަވަގުތުކޮޅެއް ކުރިން، ރޮޑްރިގޭޒް ޑި ފްރެއިޓާސް ވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓަށް ފޮޓޯތަކެއް އަޕްލޯޑްކޮށްފަ އެވެ. ޑެއިލީ މެއިލް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ފޮޓޯތަކުގައި އޭނާގެ އަތުގައި އަޅާފައިވާ ބޭންޑްތަކާއި އެ ބްރިޖް ފެންނަން ހުއްޓެވެ.
މި ހިތާމަވެރި ހާދިސާއާ ގުޅިގެން، އެޑްވެންޗާ ޓޫރިސްޓުންގެ މެދުގައި މަގުބޫލު މިފަދަ ސަރަހައްދުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ހުރި މައްސަލަތަކަށް ވަނީ އަލުން ސަމާލުކަން ހުއްޓިފަ އެވެ.
ލިމެއިރާގެ މޭޔަރު މުރިލޯ ފީލިކްސް ވިދާޅުވީ، އެ ސަރަހައްދުގެ ސަލާމަތީ ކަންކަމާ ގުޅޭގޮތުން ފެޑަރަލް ސަރުކާރަށް ރަސްމީކޮށް ހުށަހަޅައި، ޒިންމާދާރުކުރުވުމަށް ސިޓީ ކައުންސިލުން ގަސްދުކުރާ ކަމަށެވެ.
މޭޔަރު އިތުރަށް ވިދާޅުވީ، ފެޑަރަލް ސަރުކާރުގެ ބެލުމުގެ ދަށުގައި އޮންނަ، ނުރައްކާތެރިކަން ބޮޑު އެ ސަރަހައްދަށް ވަދެނިކުމެވޭ ގޮތް ކޮންޓްރޯލް ކުރެވިފައި ނެތުމުގެ ޒިންމާ ކޮންމެވެސް ބަޔަކު އުފުލަން ޖެހޭ ކަމަށެވެ. އަދި މިހާތަނަށް ވެސް އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެތަނުގައި އަޅާފައި ނުވާކަން އޭނާ ފާހަގަކުރެއްވި އެވެ.
ބްރެޒިލްގައި ވާގަނޑު ހަރުނުކޮށް ކޮއްޕާލުމުން ޓޫރިސްޓަކު މަރުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ