ހުރްމުޒުން ދަތުރުކުރާ އުޅަނދުތަކުގެ އަދަދު މަޑުމަޑުން އިތުރުވަނީ

އީރާނާ ދެކޮޅަށް އެމެރިކާއިން ފެށި ޣައިރުޤާނޫނީ ހަނގުރާމަ ނިމުމަކަށް ގެނައުމުގެ އިބުތިދާއީ އެއްބަސްވުމުގައި ސޮއިކުރުމާއެކު، ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުގެ އަދަދު މަޑުމަޑުން އިތުރުވާން ފަށާފައިވާ ކަމުގައި، ކަނޑު ދަތުރުފަތުރުގެ މަޢުލޫމާތު ބަލަހައްޓާ ކުންފުނި، ކެޕްލަރއިން ހާމަކޮށްފިއެވެ. ތެހްރާނާއި ވޮޝިންގޓަނާ ދެމެދު ޖޫން 19 ވާ ހުކުރު ދުވަހު އެއްބަސްވުމުގައި ރަސްމީކޮށް ސޮއިކުރުމަށް ހަމަޖެހިފައިވާއިރު، ހުރްމުޒްގެ ދަތުރުފަތުރު ޢާންމު ޙާލަތަކަށް ރުޖޫޢަވަމުންދާ ކަމުގެ ނިޝާންތައް ފެންނަމުންދާ ކަމުގައި ކެޕްލަރއިން ބުންޏެވެ.
ތެހްރާނާއި ވޮޝިންގޓަނުން ހަނގުރާމަ ހުއްޓައިލުމާ ގުޅޭ އިބުތިދާއީ އެއްބަސްވުމެއް އިޢުލާނުކުރުމާއެކު، ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ އަދަދު ވަނީ އިތުރުވާން ފަށާފައެވެ. މި ގޮތުން، ޖޫން 15 ވަނަ ދުވަހު މުދާ ބަރުކޮށްފައިވާ އަށް އުޅަނދެއް އެ ކަނޑުއޮޅި ހުރަސްކޮށްފައިވާއިރު، ޖޫން 16 ވަނަ ދުވަހު އިތުރު ހަ އުޅަނދެއް ވަނީ އެ މަގުން ދަތުރުކޮށްފައެވެ. ނަމަވެސް، މިއީ ހަނގުރާމައިގެ ކުރިއާ އަޅައިބަލާއިރު ވަރަށް މަދު އަދަދެކެވެ. ކަނޑު ދަތުރުފަތުރުގެ މަޢުލޫމާތު ބަލަހައްޓާ ލޮއިޑްސް ލިސްޓުން ބުނީ، ހަނގުރާމަ ފެށުމުގެ ކުރިން ދުވާލަކު ގާތްގަނޑަށް 120 އުޅަނދު އެ ކަނޑުއޮޅިން ދަތުރުކޮށްފައިވާ ކަމުގައެވެ.
ހަނގުރާމައިގެ ތެރެއިން އީރާނުން ތެޔޮ ބޭރުކުރުން ހުއްޓުވުމަށް އެމެރިކާއިން ވަނީ އީރާންގެ ބަނދަރުތައް ޙިޞާރުކޮށްފައެވެ. އެއާއެކު، އީރާނުން ތެޔޮ ބަރުކޮށްގެން ދަތުރުކުރި އުޅަނދުފަހަރު ވަނީ، އެ އުޅަނދުފަހަރު އޮތް ތަން އަންގައިދޭ "ޓްރާންސްޕޮންޑަރތައް" ނިއްވައިލާފައެވެ. ނަމަވެސް، އެއްބަސްވުން އިޢުލާނުކުރުމާއެކު، އީރާންގެ "ޝެޑޯ ފްލީޓް" ނުވަތަ ސިއްރިޔާތުގައި ތެޔޮ އުފުލާ އުޅަނދުތަކުން ވަނީ، އެ އުޅަނދުތަކުގެ ޓްރާންސްޕޮންޑަރތައް އަލުން އޮންކޮށް ނުވަތަ ބޭނުންކުރަން ފަށާފައެވެ.
އެއްބަސްވުމުގެ ދަށުން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ގިނަ ފިޔަވަޅުތަކަކަށް އެމެރިކާއިން ލުއިދޭނެއެވެ. މިއީ، ތެހްރާނަށް ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ޤަބޫލުކުރެއެވެ. މިއާއެކު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް ވަނީ ވެއްޓެން ފަށާފައެވެ. މި ގޮތުން، ބްރެންޓް ކްރޫޑްގެ ފީފާއެއްގެ އަގު %2.06 ދަށަށް ގޮސް 77.91 އެމެރިކާ ޑޮލަރަށް ވެއްޓިފައިވާއިރު، ވެސްޓް ޓެކްސަސް އިންޓަރމީޑިޔޭޓްގެ (ޑަބްލިޔުޓީއައި) އަގު ވަނީ %2.34 ދަށްވެ، 74.99 އެމެރިކާ ޑޮލަރަށް ތިރިވެފައެވެ. ބްރެންޓް ކްރޫޑާއި ޑަބްލިޔުޓީއައިއަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ކަނޑައެޅުމުގައި ބަލާ މައިގަނޑު ދެ މިންގަނޑެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އީރާންގެ ރައީސް މަސްޢޫދު ޕީޒިޝްކިޔާން ޑިޖިޓަލްކޮށް އިބުތިދާއީ އެއްބަސްވުމުގައި ސޮއިކުރައްވާފައިވީ ނަމަވެސް، ތެހްރާނުން "ކިޔަމަންތެރިނުވާ ނަމަ" އަލުން ޢުދުވާނީ ޙަމަލާތައް ފަށްޓަވާނެ ކަމުގައި ވިދާޅުވެ، ޓްރަމްޕް ވަނީ އިންޒާރުދެއްވާފައެވެ. ތެލުގެ ބާޒާރުގެ އަގުތައް ދިރާސާކުރާ އައިޖީގެ ދާރިސް ޓޯނީ ސިކެމޯ ވިދާޅުވީ، ދެ ފަރާތުގެ މެދުގައި ވެވުނު ފަހުމުނާމާއާއެކު، އީރާނުން ތެޔޮ އެކްސްޕޯޓުކުރަން ފަށާނެކަމަށް ބެލެވޭތީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް ހަލުވިކަމާއެކު ދަށްވަމުންދާ ކަމުގައެވެ. 14 ނުކުތާގެ މައްޗަށް އެކުލެވޭ މި ފަހުމުނާމާއާ އެކު 60 ދުވަހުގެ މަޝްވަރާގެ މުއްދަތެއް ފެށިގެންދާއިރު، އީރާނު އަލުން އާރާސްތުކުރުމަށް ޓަކައި 300 ބިލިޔަން އެމެރިކާ ޑޮލަރުގެ ފަންޑެއް ހަމަޖެއްސުމަށް ވޮޝިންގޓަނަށް ޖެހިގެންދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ