ސަޓޯ ޝަރީޢަތާ ހަމައަށް އަދި ގެނެސް، ދައުލަތުން ދޭނެ އެންމެ ވަރުގަދަ އަދަބު ދޭނަން: އުމަރު
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝިމް އަލީ އަވަހާރަ ކޮށްލި މައްސަލާގައި ދައުލަތުން އުފުލި ގަސްތުގައި މީހަކު މަރާލި ކަމުގެ ކުށުގެ ދައުވާ ސާބިތު ނުވާ ކަމަށް ކޯޓުން ހުކުމްކުރި ހ. ހިކޯސްޓް އަލީ ޝާން (ސަޓޯ) އަދި ވެސް ޝަރީއަތާ ހަމައަށް ގެންނާނެ ކަމަށާއި ދައުލަތުން ދޭނެ އެންމެ ވަރުގަދަ އަދަބެއް އޭނާ އަށް ދޭނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ. އުމަރު މިހެން ވިދާޅުވީ، ޝާންގެ ފައިގައި މޮނިކޮން ޓެގު އެޅުވުމުގެ ސަބަބުން، އޭނާގެ ބައެއް އެކުވެރިން އެކަމާ ހިތްހަމަނުޖެހި، އެ ޓެގު ނައްޓާލުމަށް އެދި މަސައްކަތް ކުރާ ކަމަށް އަޑުފެތުރިފައިވާ ދަނޑިވަޅެއްގަ އެވެ. މިނިސްޓަރު އުމަރު އިއްޔެ "ސަން" އަށް ދެެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ޝާންއަކީ ޑރ. އަފްރާޝީމް އަވަހާރަ ކޮށްލުމުގައި އަމަލީ ގޮތުން ބައިވެރިވި އެކަކު ކަމަށެވެ. "އެކަން ރޭވި އެކަކު އެއީ. އޭނާ އިންސްޓްރަކްޝަން ދިނީ ހުމާމަށް ވަޅި ޖަހަން. ވަޅި ޖަހަން ވަތް އިރު އޭނާ ވެސް ވަތް. އެކަމަކު އޭނާ ވަތް ކަމަށް ހެކިބަސް ދޭން ހުރީ އެންމެ މީހެއް ވީމާ ކޯޓުން ސަލާމަތްވީ،" ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލާފައި ވަނީ 2012 އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ 11:30 އާއި ދަންވަރު 2:00 އާ ދެމެދުގެ ވަގުތެއްގަ އެވެ. ހޯމް މިނިސްޓަރު އުމަރު ނަސީރު އިއްޔެ "ސަން" އަށް ދެއްވި އިންޓަވިއުގެ ތެރެއިން -- ސަން ފޮޓޯ/ މާހިލް މުހައްމަދު ޝާންގެ މައްޗަށް ގަސްތުގައި މީހަކު މަރާލި ކަމުގެ ކުށުގެ ދައުވާ ސާބިތު ނުވާކަމަށް ކޯޓުން ހުކުމް ކުރި އިރު، އެ ދައުވާ ސާބިތުވެ، މަރުގެ އަދަބު ދިނުމަށް ހ.ލޮބީ ހުސައިން ހުމާމްގެ މައްޗަށް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ. އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ އިރު، އެ ކޯޓުން ދަނީ މައްސަލަ ބަލަމުންނެވެ. އެހެން ނަމަވެސް، ހުމާމްގެ ހުކުމަށް އެ ކޯޓުން ތާއީދު ކޮށްފި ނަމަ، އެގޮތަށް ކޯޓުން ހުކުމް ކުރާތާ 30 ދުވަސް ތެރޭގައި އޭނާގެ މައްޗަށް މަރުގެ އަދަބު ތަންފީޒު ކުރާނެ އެވެ. މަރުގެ އަދަބު ތަންފީޒު ކުރަން ސަރުކާރުން މިހާރު ނިންމާފައި ވަނީ މާފުށީ ޖަލުގައި ދަން ޖައްސައިގެންނެވެ. އުމަރު ވިދާޅުވީ، ޝާންގެ މައްޗަށް މައްސަލަ ސާބިތު ނުވީ، ޝަރުޢީ ކޯޓަކުން އެ މައްސަލަ ސާބިތުވާ ވަރަށް ހެކި ލިބިފައި ނެތުމުން ކަމަށެވެ. އެހެން ނަމަވެސް ޝާން އެކަމުގައި ބައިވެރިވިކަން ހާމަކޮށްދެވޭނެ ވަރަށް ފުލުހުންގެ އަތުގައި ހެކި އެބަހުރި ކަމަށް ހޯމް މިނިސްޓަރު ވިދާޅުވި އެވެ. އުމަރު ވިދާޅުވީ، މާދަމާ ވެސް އެކަމާ ގުޅޭ އިތުރު ހެއްކެއް ލިބިއްޖެ ނަމަ ޝާން އަލުން ކޯޓަށް ގެންދާނެ ކަމަށެވެ. "މިހާރު ވެސް ހުމާމް ރަނގަޅަށް މައްސަލަ ކިޔައިދީފިއްޔާ ސަޓޯއަށް ހުކުމް އަންނާނެ. އަޅުގަނޑުމެންގެ އުންމީދަކީ ހުމާމް އެވާހަކަތައް ކިޔައިދިނުން. ސަބަބަކީ ހުމާމްގެ މައްޗަށް މަރުގެ އަދަބު ތަންފީޒު ނުކުރެވޭނެ ހާލަތަކީ [ޑރ. އަފްރާޝީމްގެ] އާއިލާއިން އޭނާ އަށް މައާފު ދިނުން. މައާފެއް ނުދޭނެ ރަނގަޅަށް ކިޔައި ނުދެނީސް،" އުމަރު ވިދާޅުވީ، އަލީ ޝާންގެ ފައިގައި އަޅުވާފައިވާ ޓެގާ މެދު ހިތްހަމަ ނުޖެހިގެން ބަޔަކު ވާހަކަ ދައްކަނީ، އޭނާއަކީ ކާކުކަން ރަނގަޅަށް ސާފު ނުވާތީ ކަމަށެވެ. އަދި އޭނާގެ ކަންކަން ރަނގަޅަށް ސާފު ނަމަ، ޓެގު އެޅުވީ މާ ލަހުން ކަމަށް ވެސް އެމީހުން ބުނާނެ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވި އެވެ. "އަޅުގަނޑުމެން އަދި އޭނާ ދަމައިގަނެގެން ޝަރީޢަތާ ހަމައަށް ގެންނާނަން. ދައުލަތުން ދޭ އެންމެ ވަރުގަދަ އަދަބު އޭނާ އަށް ދޭނީ. އެއްވެސް މީހަކަށް އަޅުގަނޑުގެ އަތުތެރެއިން ނައްޓައެއް ނުލެވޭނެ،" އުމަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ