މޯލްޑިވިއަންގެ ތިންވަނަ އޭޓީއާރް ގެނެސްފި

މޯލްޑިވިއަން އިން އެ ކުންފުނީގެ ފްލީޓަށް އިތުރު އޭޓީއާރްއެއް ގެނެސްފިއެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މިއަދު މެންދުރުގެ ވަގުތެއްގައި ޖެއްސި މި އޭޓީއާރަކީ 600-42 މަރުކާގެ ބޯޓެކެވެ. މި ބޯޓަކީ ކުރިން ގެނައި ދެ ބޯޓަށް ވުރެ ކުޑަ، 48 ޕަސެންޖަރުން އުފުލޭ ބޯޓެކެވެ. މި ބޯޓު އައުމާ ގުޅިގެން "ސަން" އަށް ދެއްވި އިންޓަވިއުގައި މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޢާއިޝަތު ޖެނިފާ ވިދާޅުވީ މި އޭޓީއާރްތަކުގެ ސަބަބުން މޯލްޑިވިއަން އިން ބޯޓުތަކުގެ މެއިންޓެނެންސްގެ މަސައްކަތަށް ކުރަމުންދާ ޚަރަދު ވަރަށް ބޮޑުތަނުން ދަށްކުރެވޭނެ ކަމަށެވެ. އަދި މި އަހަރާއި މި އަންނަ އަހަރާ އެކު، މޯލްޑިވިއަން އިން ޖުމްލަ އަށް އޭޓީއާރް ފްލީޓަށް އިތުރު ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ވެސް ޖެނިފާ ވިދާޅުވިއެވެ. މޯލްޑިވިއަނުން އޭޓީއާރްތައް ގެނައުމާއެކު ޓިކެޓުގެ އަގަށް ބަދަލެއް އަންނާނެތޯ ސުވާލުކުރުމުން ޖެނިފާ ވިދާޅުވީ ތެލުގެ އަގު މިހާރު ވެސް މަތި ކަމަށާއި، ތެލުގެ އަގު ދަށް ވުމުން ޓިކެޓުގެ އަގު ވެސް ދަށް ވާނެ ކަމަށެވެ. މޯލްޑިވިއަނުން މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ވަނީ އޭޓީއާރް 600-72 މަރުކާރުގެ ދެ ބޯޓު ރާއްޖެ ގެނެސްފައެވެ. މި ތިން ބޯޓު ގަތުމަށް 925 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މި ފައިސާ ދައްކަން ހަމަޖެހިފައިވަނީ ލޯނެއްގެ އެހީގައެވެ. މޯލްޑިިވިއަންގައި މިހާރު ބޭނުންކުރަނީ ޑޭޝް-8 މަރުކާގެ ބޯޓެވެ. އެ ކުންފުނިން މިހާރު މަސައްކަތް ކުރަމުން އަންނަނީ ޑޭޝް-8 މަރުކާގެ ބޯޓު ފްލީޓު ބޭނުންކުރުން ހުއްޓައިލުމުގެ ގޮތުން އޭޓީއާރް މަތިންދާ ބޯޓު ފްލީޓެއް ގާއިމްކުރުމަށެވެ. މީގެ އެންމެ މައިގަނޑު ސަބަބަކީ ޑޭޝް މަރުކާގެ ބޯޓުތައް އުފެއްދުން ހުއްޓައުލުމުގެ ސަބަބުން އެ ބޯޓުތަކުގެ މެއިންޓެނެންސްއަށް ބޭނުންވާ ސްޕެއާތައް ނުލިބުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ