ލަންކާގެ ރައީސް އަނޫރާ ރާއްޖޭން ފުރާވަޑައިގެންފި

ސްރީ ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ ރާއްޖެއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ފުރާވަޑައިގެންފި އެވެ.
ވީކިހިނެއް؟ - ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރާއްޖެއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގައި އަނޫރާ ވަޑައިގަތީ މިދިޔަ ހޯމަ ދުވަހުގަ އެވެ.
މިރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަނޫރާ ފުރާވަޑައިގެންނެވިއިރު، އަރިހުގައި ރާއްޖޭގެ ފަރާތުން ވަޑައިގަތީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލެވެ.
ތަފްސީލް - އަނޫރާގެ މި ދަތުރުފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއާ އެކު ގުޅިފައިވާ ބަޔާނެއް ދެއްވުމުގެ އިތުރުން ގުޅުން ބަދަހިކުރުމުގެ މަޝްވަރާތައް ގެންދެވި އެވެ.
އެ ގޮތުން މުހިންމު ދެ ދާއިރާއަކުން އެއްބާރުލުން ދިނުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފައިވެ އެވެ. އެއީ:
1. ޑިޕްލޮމެޓިކް ތަމްރީންތަކާއި މައުލޫމާތު ބަދަލުކުރުމާ ގުޅޭ ގޮތުން ސްރީ ލަންކާގެ ބަންޑާރަނައިކެ އިންޓަނޭޝަނަލް އިންސްޓިޓިއުޓް އޮފް ޑިޕްލޮމެޓިކް ސްޓަޑީޒް އާއި ރާއްޖޭޭގެ ފޮރިން ސާވިސް އިންސްޓިޓިއުޓް (ފޮސިމް)އާ ދެމެދު ސޮއިކުރި އެމްއޯޔޫ
ފޮރިން ސާވިސްގައި އުޅޭ ޒުވާނުންނަށް ބޭނުންވާ ތަމްރީނާއި ހުނަރު ދަސްކޮށްދޭ ފޮރިން ސާވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް (ފޮސިމް)ގެ މަސައްކަތް އިތުރަށް ފުޅާކޮށް ހަރުދަނާ ކުރުމަކީ މި ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ވައުދެއް
މިއަދު ސޮއިކުރި އެމްއޯޔޫގެ ދަށުން ދެ ގައުމުގެ ދެމެދުގައި ތަފާތު ތަމްރީން ޕްރޮގްރާމްތައް ބަދަލުކުރުމުގެ ފުރުސަތު ތަނަވަސްވާނެ
2. ޖިނާއީ މައްސަލަތަކާއި ޖިނާއީ ކުށްތައް ހުއްޓުވަން ގުޅިގެން މަސައްކަތް ކުރުން
މި ޓްރީޓީގައި ސޮއިކުރުމުގެ އަމަލީ މަސައްކަތް ފެށީ 2011 ގައެވެ. މި ޓްރީޓީގެ ދަށުން:
އެ ގައުމެއްގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން އަދި މި ޓްރީޓީގެ މާއްދާތަކާ އެއްގޮތްވާ ގޮތުގެ މަތިން، ޖިނާއީ މައއްސަލަތަކުގައި ދެވެން އޮތް އެންމެ ފުޅާ ދާއިރާއެއްގައި އެހީތެރިކަން ދޭން ޖެހޭނެ
މައްސަލަތައް ތަހުގީގު ކުރުމާއި ޝަރީއަތް ހިންގުމާއި މައްސަލަ ނިމުމުން ހިނގާ ކަންކަމުގައި ވެސް އެހީވާން ޖެހޭނެ
އެ ޓްރީޓީގެ ދަށުން ހުށަހަޅާ މައްސަލަތައް ބަލައިގަނެ، ކުރިއަށް ގެންދާާނީ އެ ގައުމެއްގައި ގާއިމްކޮށްފައިވާ ސެންޓްރަލް އޮތޯރިޓީއަކުން؛ މިކަމުގައި ރާއްޖޭގެ ސެންޓްރަލް އޮތޯރިޓީއަކީ ޕްރޮސެކިއުޓާ ޖެނެރަލް
ފާހަގަކޮށްލެވޭ ކަމެއް - ރާއްޖެ އާއި ސްރީ ލަންކާގެ ހާރިޖީ ގުޅުމަށް މިއަހަރު 60 އަހަރު ވަނީ ފުރިފަ އެވެ. އެގޮތުން ދެ ގައުމުގެ ދެމެދުގައި ހާރިޖީ ގުޅުން ގާއިމުކުރީ ރާއްޖޭގެ މިނިވަން ދުވަހު، 26 ޖުލައި 1965 ގައެވެ. އަނޫރާގެ ދަތުރުފުޅަކީ ދެ ގައުމުގެ ގުޅުމަށް 60 އަހަރު ފުރުމާ ވެސް ދިމާކޮށް ކުރެއްވި ދަތުރުފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ