ޝަހީދު ހައި ކޯޓަށް އައްޔަނު ކުރުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދެފި

ހައި ކޯޓުގެ ފަނޑިޔާރުކަމަށް މުހައްމަދު ޝަހީދު ހަމަޖައްސަން ޖޭއެސްސީން ނިންމިޔަސް އެ ނިންމުން ހުއްޓުވައިދޭން އެދި ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.
ވީ ކިހިނެއް؟ - ސިޔާސީ އެކްޓިވިސްޓެއްގެ ގޮތުގައި އުޅުއްވި އަދި މި ސަރުކާރުގައި ހޯމްލޭންޑް ސެކިޔުރިޓީ މިނިސްޓްރީގެ ސިޔާސީ މަގާމެއް ވެސް އަދާކުރެއްވި ޝަހީދު ހައި ކޯޓަށް އައްޔަނު ކުރުން ހުއްޓުވަން އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުއްވީ ޕްރޮސެކިޔުޓަ ޖެނެރަލް އޮފީހުގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާ އަހުމަދު ނައުޝާދެވެ.
ތަފްސީލް - ނައުޝާދު ހުށަހެޅުއްވީ ޖޭއެސްސީން ޝަހީދު ހައި ކޯޓުގެ ފަނޑިޔާރަކަށް އައްޔަން ކުރަން ނިންމި ނަމަވެސް އޭނާގެ ޝަރުތު ހަމަނުވާ ކަމަށް ބުނެ އެވެ.
ނައުޝާދު ވިދާޅުވީ ހައި ކޯޓުގެ ފަނޑިޔާރުންގެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި ދާއިރާގައި ގިނަ ދުވަހު މަސައްކަތް ކުރައްވާ، ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ބޭފުޅުން ވެސް ހިމެނޭ ކަމަށެވެ. އެހެންކަމުން ޝަހީދު އެ މަގާމަށް އައްޔަނު ކުރުމަކީ ޝަރުތު ހަމަވާ އެހެން ބޭފުޅުންނަށް ވެވޭ ބޭއިންސާފަކަށް ވާނެތީ، ހައި ކޯޓުގެ ފަނޑިޔާރުގެ މަގާމަށް އޭނާ އައްޔަންކުރުން ހުއްޓުވައިދިނުމުގެ ވަގުތީ އަމުރަކަށް އެދިވަޑައިގަތީ ކަމަށް ވިދާޅުވި އެވެ.
ޝަހީދުގެ އިތުރުން ދެން ހައި ކޯޓުގެ ފަނޑިޔާރުގެ މަގާމަށް އައްޔަންކުރަން ޖޭއެސްސީން ފާސްކުރީ ކުރީގެ ގާޒީ އަބްދުﷲ ޖަމީލު މޫސާ އެވެ.
އެނގުން މުހިންމު - ހައި ކޯޓުގެ ދެ ފަނޑިޔާރެއްގެ މަގާމު ހުސްވީ އޭގެ ތެރެއިން ދެ ބޭފުޅަކު ސުޕްރީމް ކޯޓަށް އައްޔަންކުރުމުންނެވެ. އެގޮތުން:
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ހުސްނުއްސުއޫދު މިދިޔަ މާޗު މަހު އިސްތިއުފާ ދެއްވުމުން އޭނާގެ ބަދަލުގައި އައްޔަންކުރީ ހައި ކޯޓުގެ އޭރުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން މަހާޒު އަލީ ޒާހިރު އާއި ޑރ. އަޒްމިރަލްދާ ޒާހިރު ވަކިކުރުމުން ހުސްވި ދެ މަގާމުގެ ތެރެއިން އެއް މަގާމަށް އައްޔަންކުރީ ހައި ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި މުހައްމަދު ސަލީމް
މި ތިން ފަނޑިޔާރުން މިދިޔަ ފެބްރުއަރީ މަހު ސަސްޕެންޑްކުރީ ސިޔާސީ ޕާޓީން ވަކިކުރުމުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލަށް އަމަލުކުރުން ހުއްޓުވުމުގެ ވަގުތީ އަމުރަކާ ގުޅޭ މައްސަލަ ސުޕްރީމް ކޯޓުގައި ފަށަން އުޅޭތީ އެކަން ހުއްޓުވުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ