ގެއްލިގެން ހޯދި ގަޑި: ޓީޗަރެއްގެ ފުރިހަމަ ނަމޫނާ
ޒުވާން ފިރިހެން ކުއްޖަކު ކައިވެނި ޕާޓީއަކަށް ދިޔައެވެ. އެތަނުން އޭނާއަށް ފެނުނީ، އޭނާގެ ފަށާ ތަޢުލީމުގެ ކިލާސްތަކުންކުރެ ކިލާހެއްގައި ކިޔަވައިދެއްވި ޓީޗަރެކެވެ. އެ ޓީޗަރު ފެނުމާ އެކު އޭނާ އަވަސް އަވަހަށް އެ ޓީޗަރު ކައިރިއަށް ދިޔައެވެ. އަދި ހުރިހާ އިޙްތިރާމަކާއި ޤަދަރަކާ އެކު ޓީޗަރާ ސަލާމް ކުރުމަށްފަހު އަހައިލިއެވެ. "އޭ ލޮބުވެތި ޓީޗަރެވެ! އަހަރެންނަކީ ކާކުކަން ތިބާ ހަނދާން ވޭތޯއެވެ؟" ޓީޗަރު އަވަސް ގޮތަކަށް ޖަވާބުދެއްވިއެވެ. "ނޫން!" "ތިބާ ކުޑަކޮށް އަމިއްލަ ތަޢާރަފުވެ ބަލާށެވެ!" އެ ޒުވާނާ ކިޔައިދޭންފެށިއެވެ. "ތިބާއީ އަހަރެންނަށް ގްރޭޑް ތިނެއްގައި ކިޔަވައިދެއްވި ޓީޗަރެކެވެ. އަހަރެންނަކީ އެ ކިލާހު އެހެން ކުއްޖެއްގެ އަތުކުރީގަޑި ވަގައްނެގި ކުއްޖާއެވެ. ތިބާއަށް ވެސް އެ ކަން ހިނގާދިޔަ ގޮތް ރަނގަޅަށް އެނގިލައްވާނެއެވެ. އެހެންނަމަވެސް އަހަރެން އެ ވާހަކައިން ތިބާއަށް ހަނދާން އާ ކޮށްލަދޭނަމެވެ." އެ ޒުވާނާގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ. "އަހަރެމެންގެ ކިލާހުގައި އުޅުނުކުއްޖަކު ވަރަށް ޗާލު އަތުކުރީގަޑިއެއް ކިލާހަށް ގެނައެވެ. އޭތި ފެނިފައި އަހަރެންގެ ހިތުގައި އެއަށް ޝައުޤެއް އުފެދުނެވެ. އަދި އެ ކުއްޖާއަށް ނޭނގޭ ގޮތަށް އެ ގަޑި ފޮރުވީމެވެ. އެ ކުއްޖާ ރޮމުން ތިބާގެ ކައިރިއަށް ގޮސް، އޭނާގެ ގަޑި ގެއްލިގެން އެ ކަމުގެ ޝަކުވާކުރިއެވެ. ކިލާހު އެންމެން ގާތު ކޮޅަށްތެދުވުމަށް ތިބާ ބުނުއްވިއެވެ. އެންމެންގެ ޖީބުތަށް ބަލާ ފާސްކުރުމަށެވެ. އަހަރެންގެ މި ނުބައި ޢަމަލު އެންމެންގެ ތެރޭގައި ބޭޒާރުވާނެ ކަމުގެ އިހުސާސް އަހަންނަށް ކުރެވެންފެށީ ދެނެވެ. ހުރިހާ ދަރިވަރުންނާއި ޓީޗަރުންގެ ކުރިމަތީ ވަގުބަދުނާމުއެޅި އަހަރެން ފަޟީޙަތްވާން ކައިރިވެއްޖެ ވަގުތު އައިސްޖެހިއްޖެ ކަމަށް، އަހަރެންގެ ޟަމީރު އަހަރެންގާތު ބުނަމުން ދިޔައެވެ. އަދި އޭގެސަބަބުން މުޅި އުމުރަށް މިއިލްޒާމުން ސަލާމަތް ނުވާނެކަން ވެސް އެނގުނެވެ. ކޮންމެއަކަސް އެ ގަޑި ހޯދަން ތިބާ ކުރިކަންތައް މިއަދު ވެސް އަޅުގަނޑު ހަނދާނުގައި އެބަހުއްޓެވެ. ކިލާހު ހުރިހާ ދަރިވަރުންގާތު ތިބާ ބުނީ ކޮޅަށްތެދުވެ ފާރާވީފަރާތަށް އެނބުރި ލޯމަރައިގެން ތިބުމަށެވެ. ފަހަރަކު ދަރިވަރެއްގެ ޖީބު ވަކިވަކިން ފާސްކުރަމުން ތިބާ ކުރިޔަށް ދިޔައެވެ. އަހަރެން ހުރީ ބިރުން ތުރުތުރުއަޅައަޅައެވެ. އަހަރެންނާ ހަމައަށް އާދެވުމުން އަހަރެންގެ ޖީބުން ތިބާ އެ ގަޑި ނެގިއެވެ. އަދި ހުއްޓުމެއްނެތި، އެންމެފަހު ކުއްޖާއާއި ޖެހެންދެން ޖީބުތަށް ފާސްކުރިއެވެ. ޖީބުތައް ފާށްކުރުން ފިޔަވައި އިތުރު އެއްވެސް ކަމެއް ތިބާ ނުކުރެއެވެ. އަނގައިން އިތުރަށް ބަހެއް ވެސް ނުކިޔައެވެ. ހުރިހާ ދަރިވަރުން ފާސްކޮށްނިމުމުން، ކިލާހު ކުދިންގާތު ތިބާ ބުނުއްވީ ލޯހުޅުވައިގެން ގޮސް، ކޮންމެ ކުއްޖަކު ވެސް އެކުއްޖެއްގެ ގޮނޑިގައި އިށީނުމަށެވެ. އަހަރެންގެ ކަކުލުހުޅު އެއްވާނަކަށް ރޫރޫ އަޅައަޅާހުއްޓެވެ. އަހަރެން ހީކުރީ ހުރިހާ ދަރިވަރުންގެ ތެރޭ ތިބާ އަހަރެން ބޭޒާރުކޮށް ފަޟީޙަތް ކޮށްލާނީކަމަށެވެ. ހުރިހާ ކުދިން އިށީނުމުން ތިބާ އެ ގަޑި ކިލާހުގެ ހުރިހާ ދަރިވަރުންނަށް ފެންނާނެހެން ދައްކައިލިއެވެ. އަދި އޭގެ ވެރިކުއްޖާއަށް އެ ގަޑި އަނބުރާ ރައްދުކުރިއެވެ. ގަޑި ފެނުނީ ކާކުގެ ޖީބަކުންކަމެއް ތިބާ ނުބުނެއެވެ. އަހަންނާ ދިމާއަށް ވެސް އެއްވެސް ބަހެއްނުބުނުއްވައެވެ. އަދި އެ ވާހަކަ އެހެން އެއްވެސް މީހަކަށް ތިބާ ކިޔައި ވެސް ނުދެއެވެ. އަދިވެސް އެ ޒުވާނާގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ. "އަހަރެންގެ މަދްރަސީ ދައުރު ނިމެންދެން ވެސް އެއްވެސް ޓީޗަރެއް އަދި ދަރިވަރަކު ވިޔަސް، ގަޑިއެއް ވަގަށްނެގި ވާހަކައެއް އަހަންނަކާ ނުދައްކައެވެ. އަހުރެން އަމިއްލަ ނަފުސަށްބުނީމެވެ. ތިބާ އެ ދުވަހު އަހަރެންގެ އަބުރު ރައްކާތެރިކޮށްދީފިއެވެ." ކުޑަކޮށް ހިނިތުންވެހުރެ ޓީޗަރު ބުންޏެވެ. "އަހަރެންނަކަށް ނޭނގޭ އެ ދުވަހު ގަޑި ވަގަށްނެގީ ކޮންކުއްޖެއް ކަމެއް، އެއީ އެ ދުވަހު ކުދިންގެ ޖީބުތައް ފާސްކުރަމުން ދިޔައިރު ޙުދު އަހަރެން ވެސް ހުރީ ލޯމަރައިގެން ކަމަށްވާތީ!" މިއީ ތަޢުލީމީ މުޙިއްމު ފިލާވަޅެކެވެ. ތަރުބިޔަތުގެ ޙިކްމަތްރެތި ޢަމަލެކެވެ. އަޅުގަނޑުމެންނަކީ މި ކަހަލަ ޓީޗަރުން ކަމުގައި ވާން އެބަ ޖެހެއެވެ. މިފަދަ ބެލެނިވެރިން ކަމުގައި ވާން އެބަ ޖެހެއެވެ. މިފަދަ ވެރިން ކަމުގައި ވާން އެބަ ޖެހެއެވެ. އަދި އެހެން މީހުންނަށް ޓަކައި ހެޔޮ އެދޭ ބަޔަކު ކަމުގައި ވާން އެބަ ޖެހެއެވެ. ބޭޒާރުކޮށް ފަޟީޙަތް ކުރުމަށްވުރެ، ރައްކާތެރިކަންދީ ރަނގަޅުކުރުވުން މުޙިއްމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ