ސިވިލް ކޯޓުގެ ގާޒީ ފަރުހާދުގެ ސުލޫކީ މައްސަލައެއް ފާހަގަނުވާކަމަށް ނިންމައިފި
ސިވިލް ކޯޓުގެ ގާޒީ ފަރުހާދު ރަޝީދުގެ ސުލޫކީ މައްސަލައެއް ފާހަގަނުވާކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމައިފިއެވެ.ޖޭއެސްސީން ބުނެފައިވަނީ ސިވިލް ކޯޓަށް ހުށަހެޅޭ މައްސަލަތައް ލަސްކުރުމަށްޓަކައި މައްސަލައިގައި ޤާޟީ ފަރުހާދު ރަޝީދު ރިޝްވަތުގެ ގޮތުގައި އެކި މަންފާތައް ހޯދަމުން ގެންދާކަމަށާއި، މައްސަލަތަކުގެ ފައިލްތައް ކޯޓުން ބޭރަށް ގެންދާކަމަށް ބުނެ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން މީޑިއާގައި ޚަބަރުތަކެއް ދައުރު ކޮށްފައިވާ ކަމަށެވެ.އެގޮތުން ދައުރުވި ޚަބަރުތަކުގައި ފަނޑިޔާރަށް ބޮޑެތި ތުހުތަމެއް ކޮށްފައިވުމާ ގުޅިގެންނާއި، އެ މައްސަލަ ޖޭއެސްސީއަށް ހުށަހެޅުމާ ގުޅިގެން، ފަނޑިޔާރުންނާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް ބެލުމުގައި ގެންގުޅޭ އުސޫލުގެ ތެރެއިން މި މައްސަލަ ބެލާފައިވާ ކަމަށް ޖޭއެސްސީން މައުލޫމާތުދެއެވެ. އަދި މައްސަލަ ބެލިބެލުމުން ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް ފަނޑިޔާރަކު ކޮށްފައިވާކަމަށް ތުހުމަތުކޮށް ހުށަހަޅާފައިވާ ޝަކުވާގެ އެއްވެސް ހެއްކެއް އަދި މި ޝަކުވާއަށް ބާރުދޭ އެއްވެސް ހޯދުމެއް ހޯދިފައިނުވާ ކަމަށެވެ.ޖޭއެސްސީން ބުނެފައިވަނީ މި ޝަކުވާއަކީ ސައްހަ ޝަކުވާއެއް ކަމަށް ނުފެންނާތީ، ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ބަލާނެ ޖާގައެއް ނެތްކަމަށް ނިންމާފައިވާ ކަމަށެވެ.އަދި ސާބިތު ނުހިފޭ މިފަދަ ތުހުމަތުތައް މީޑިއާތަކުގައި ގެނެސްދިނުމުގައި ފަނޑިޔާރުގެ އިއްޒަތާއި އަބުރަށް އުނިކަމެއް ނާންނާނެހެން ޒިންމާ ދާރުކަމާއެކު ޚަބަރުތައް ގެނެސްދިނުމަށް ޖޭއެސްސީން އިލްތިމާސް ކޮށްފައިވެއެވެ.ފަރުހާދު ވަނީ އެ ތުހުމަތުތައް ބަޔަކު ކުރުމާ ގުޅިގެން އެއީ ރަނގަޅު ތުހުމަތުތަކެއްތޯ ބަލައި ދިނުމަށް އަމިއްލަ އަށް އޭސީސީ އާއި ޖޭއެސްސީ އަށް ވެސް ކުރިން ހުށަހަޅުއްވައިފަ އެވެ.ފަރުހާދަކީ މިދިޔަ ފަސް އަހަރަށް ބަލާއިރު، ސިވިލް ކޯޓުގައި ކޮންމެ އަހަރަކު ވެސް އެންމެ ގިނަ މައްސަލަތައް ނިންމެވި ފަނޑިޔާރެވެ.ސާބިތު ނުހިފޭ ތުހުމަތުތައް ފަނޑިޔާރުންނާ ބެހޭގޮތުން ގެނައުމުގައި ސަމާލުވުމަށް ވެސް ފަރުހާދުގެ މައްސަލައާއެކު ޖޭއެސްސީން މިއަދު އިލްތިމާސްކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ