ނަޝީދު ހުންނެވީ ގާސިމާއެކު، ދެން ނުގުޑާނެ: ނަވާޒް

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހުންނެވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާ އެކު ކަމަށާއި ދެން އެމަނިކުފާނު ނުގުޑާނެ ކަމަށް ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ނަވާޒު ވިދާޅުވެއްޖެ އެވެ.
ނަވާޒު ވިދާޅުވީ ރިޔާސީ އިންތިހާބާ ގުޅޭގޮތުން ނަޝީދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ވާހަކަ ދައްކަން ބޭނުންފުޅު ނުވާ ކަމަށާއި ގާސިމްގެ ފަހަތަށް ނަޝީދު އަރާވަޑައިގެންނެވީ ވެސް އެހެންވެ ކަމަށެވެ.
"އެހެންވީމާ އިބްރާހިމް މުހައްމަދު ޞާލިހު ކިތަންމެ ވަރަކަށް ތިޔަކަހަލަ ތާކުންތާކު ނުޖެހޭ ވާހަކަ ދެއްކިޔަން ރައީސް ނަޝީދު ދެނެއް ނުގުޑާނެ." ނަވާޒު ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރަން ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖޭޕީން ނިންމީ ކޯލިޝަން ހަދަން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދައުވަތު ދެއްވާފައިވަނިކޮށެވެ. ޖޭޕީން ވަނީ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ އަށް ކުރިމަތިލާން ހުޅުވާލާފަ އެވެ.
ޖޭޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ޕާޓީގެ ލީޑަރެވެ. ޖޭޕީގެ ލީޑަރު ގާސިމް ވަނީ 2008 އަދި 2013 ގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވައިފަ އެވެ. މިއިން އެއްވެސް ރިޔާސީ އިންތިހާބެއްގައި ދެވަނަ ބުރަށް ދެވޭ ވަރަށް ގާސިމަށް ވޯޓު ހޯއްދެވިފައެއް ނުވެ އެވެ.
ރިޔާސީ އިންތިހާބާ ގުޅޭގޮތުން ގާސިމް ދާދިފަހުން ވަނީ ސަރުކާރު ކޯލިޝަނުގައި ހިމެނޭ އެމްއާރްއެމް އާއި ޖަމިއްޔަތުއްސަލަފް އާއި ބައްދަލުކޮށް މަޝްވަރާކޮށްފަ އެވެ. އަދި އެމްޑީޕީގައި އޮތް ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނާއި އެކު ގުޅިގެން މަސައްކަތްކޮށް މެނިފެސްޓޯއެއް އެކުލަވާލަން ވެސް ވަނީ ދާދިފަހުން މަޝްވަރާކޮށްފަ އެވެ.
ރިޔާސީ އިންތިހާބު އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ