ކޮަމަންޑޫ ދާއިރާގެ އިންތިހާބު އޭސީސީ ހުސްކޮށް އޮއްވައި ބާއްވާތީ އިދިކޮޅުން ކަންބޮޑުވެއްޖެ

ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނުގެ ކެމްޕޭނުގައި ކޮރަޕްޝަންގެ ތުހުމަތުކުރެވޭ ގިނަ ކަންތައްތަކެއް ހިނގާ ކަމަށާއި، ނަމަވެސް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގައި އެއްވެސް މެމްބަރަކު މިވަގުތު ނެތުމުން އެ ޝަކުވާތައް ހުށަހަޅާނެ ތަނެއް ނެތް ކަމަށް ބުނެ، އިންތިހާބުގައި ވާދަކުރާ އިދިކޮޅު ޕީޕީއެމް އިން މިއަދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މައްސަލައިގެ ފެށުން - ރައްޔިތުންގެ މަޖިލިސް ޗުއްޓީގައި އޮވެ، އޭސީސީގެ މެމްބަރުން ވަކިކުރުމަށް ފެށި މަސައްކަތާ ގުޅިގެން އެ ކޮމިޝަންގައި އެންމެ ފަހުން ތިއްބެވި ތިން މެމްބަރުން ވެސް ވަނީ މިދިޔަ މަހުގެ 27ގައި އިސްތިއުފާ ދެއްވާފަ އެވެ. އެއާ އެކު، އޭސީސީ ވަނީ ގާނޫނީ ހުސްކަމަކަށް ގޮސްފަ އެވެ.
އޭސީސީގެ މެމްބަރުކަމަށް ކުރިމަތިލާން މިހާރު ހުޅުވާލާފައި ވާއިރު، އެ މުއްދަތު ހަމަވާނީ އަންނަ ހޯމަ ދުވަހު އެވެ.
ވީ ކިހިނެއް؟ - ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން އަންނަ މަހުގެ 5ގައި ބާއްވަން ނިންމާފައި ވާއިރު، ސަރުކާރުން އިންތިހާބަށް ނުފޫޒު ފޯރުވާކަމުގެ އަޑުތައް ވަނީ ގަދަވެފަ އެވެ.
އިތުރަށް ކިޔާލަން - 'ކޮމަންޑޫ މަޝްރޫއަކީ ދައުލަތުގެ މުދާ ނަހަމަގޮތުގައި ބޭނުންކުރުން'
ވީ ކިހިނެއް؟ - އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވަނީ އިންތިހާބާ ގުޅިގެން އެ ޕާޓީގެ ކަންބޮޑުވުންތައް އިލެކްޝަންސް ކޮމިޝަނާ މިއަދު ހިއްސާކޮށްފަ އެވެ. އެ ކޮމިޝަނާ އެކު ބޭއްވި ބައްދަލުވުމަށް ފަހު، ނޫސްވެރިންނާ ވާހަކަދައްކަވަމުން ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ އިންތިހާބަކާ ކުރިމަތިލާއިރު، ސަރުކާރަށް ކޮރަޕްޝަންގެ ތުހުމަތުތަކާއި އިންތިހާބަށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތުކުރެވޭ ކަމަށެވެ.
"ނަމަވެސް މީގެން އެއްވެސް މައްސަލައެއް، ކޮރަޕްޝަނަށް ތުހުމަތުކުރެވިފައި ހުރި ބައިވަރު މައްސަލަތައް ލޮޖުކުރާނެ ތަނެއް ނެތް. ކޮމިޝަންގެ މެމްބަރުންނެއް ނެތް،" މާލޭ ސިޓީ ކައުންސިލްގެ މެމްބަރުކަން ވެެސް ކުރައްވާ ޝުޖާއު ވިދާޅުވި އެވެ.
ބުނީ ކީކޭ؟ - ޝުޖާއު ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ބަލަދުވެރި ފަރާތުގެ ހައިސިއްޔަތުން، އިލެކްޝަންސް ކޮމިޝަނުން އިސްވެ އެކަމުގެ ޝަކުވާ ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގައި ނުއުފުލުމަކީ އިދިކޮޅުގެ ކަންބޮޑުވުމެއް ކަމަށެވެ.
"އަޅުގަނޑުމެންގެ ހައްގުތައް މި ގެއްލެނީ. އަޅުގަނޑުމެންގެ ކެންޑިޑޭޓާއި އަޅުގަނޑުމެންގެ ޕާޓީގެ ހައްގުތައް ގެއްލޭއިރު، މިކަމާ އިސްވެ އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ނުކުރުމަކީ އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން ވެސް މިކަމުގައި ބައިވެރިވުންކަމުގައި އަޅުގަނޑުމެން މި ތުހުމަތުކުރީ،" އޭނާ ވިދާޅުވި އެވެ.
ޝުޖާއު ވިދާޅުވީ، އޭސީސީގެ މެމްބަރުން ނެތި އިންތިހާބަކަށް ދިއުމަކީ ކަންވެގެން ވާނެ ގޮތް ނޫން ކަމަށް އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން ވެސް ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް، އިދިކޮޅުން މިއަދު ފާހަގަކުރި ކަންކަމަށް، އެ ކޮމިޝަނަށް އެދެވޭ އެއްވެސް ޖަވާބެއް ނުދެވުނު ކަމަށް އޭނާ ވިދާޅުވި އެވެ.
އީސީއާ އެކު ބޭއްވި ބައްދަލުވުމުގައި ގިނަ ޝަކުވާތަކެއް އިދިކޮޅުން ކުރި އިރު، އެ މައްސަލަތައް މިއަދު ރަސްމީކޮށް ލިޔުމުން ހުށަހަޅުއްވާނެ ކަމަށް ޝުޖާއު ވިދާޅުވި އެވެ.
"އިންތިހާބަކަށް ދާއިރު ޝަކުވާއެއް ހުށަހަޅައިގެން ބަލާނެ ފަރާތެއް ނެތް. މިއީ ކޮން މިނިވަންކަމެއްތޯ؟ ކޮން މިނިވަންކަމަކާ އެކީތޯ މި އިންތިހާބު މި ބޭއްވެނީ؟" އޭނާ ސުވާލުއުފެއްދެވި އެވެ.
އޭސީސީ ހުސްކޮށް އޮތް އިރު އެކަމަށް އަވަސް ހައްލެއް ހޯދަން މަޖިލީހުން އިސްވެ އެއްވެސް މަސައްކަތެއް ނުކުރާތީ، މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ވެރިކަންކުރާ އެމްޑީޕީގެ އިހުލާސްތެރިކަމާ މެދު ވެސް އިދިކޮޅުން ސުވާލުއުފެއްދި އެވެ. އެހެންކަމުން، މިއީ "ގަސްތުގައި، ރޭވުންތެރިކަމާ އެކު އިންތިހާބަށް ނުފޫޒުފޯރުވުމަށްޓަކައި ވިސްނުންތެރިކަމާ އެކު ކުރާ މަސައްކަތްތައް ކަމަށް" އިދިކޮޅުން ތުހުމަތުކުރި އެވެ.
އޭސީސީ ހުސްކޮށް އޮތުމުގެ އިތުރުން، ޕީޕީއެމް އިން ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް ވާދަކުރައައްވާ މޫސާ ފަތުހީއާ ދެކޮޅަށް އެންޓި ކެމްޕޭނު ކުރާކަމުގެ ޝަކުވާ ވެސް އިދިކޮޅުން މިއަދު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި އެވެ.
ޝުޖާއު ވިދާޅުވީ، ޕީޕީއެމްގެ ކެންޑިޑޭޓަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް އެންޓި ކެމްޕޭން ކުރައްވާ ކަމަށެވެ.
"އެންމެ ފުރަތަމަ އެންޓި ކެމްޕޭންގެ އަމަލު ހިންގި ފަރާތަކީ އެ މަނިކުފާނު. އަޅުގަނޑުމެންގެ ކެންޑިޑޭޓާ މުހާތަބުކޮށް މަސްތުވާތަކެތި ވިއްކުމާއި ވައްކަމާ ދެކޮޅަށް ވޯޓު ދޭށޭ ބުނެ އަޅުގަނޑުމެންގެ ކެންޑިޑޭޓަށް އެންޓި ކެމްޕޭނު ކުރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު،" ޝުޖާއު ވިދާޅުވި އެވެ.
"ދޫ ދެރަކޮށް ނުދާނެ މި އިންތިހާބެއް. ދޫ ދެރަކޮށް ނުދާނެ. ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ އަތްޕުޅުގައި އޮތީ މި ގައުމު ސަލާމަތް ކުރުމުގެ މަސައްކަތް."
އިތުރަށް ކިޔާލަން -
ވޯޓު ދޭންވީ ބަގާވާތާއި މަނީ ލޯންޑަރިންއާ ދެކޮޅަށް: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ