އެއާ ކޯ ސްޓޭޝަން ގާއިމުކުރާނެ ވަކި ތަނެއް އަދި ނުނިންމާ: އެމްއެންޑީއެފް

އެމްއެންޑީއެފްގެ އެއާ ކޯގެ ފުރަތަމަ އެއާ ސްޓޭޝަން ގާއިމުކުރާނެ ވަކި ތަނެއް އަދި ނުނިންމާ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ. 
ވީ ކިހިނެއް؟ - ރާއްޖޭގެ ކަނޑުގެ ސަރަހައްދު 24 ގަޑިއިރު ބެލެހެއްޓުމަށްޓަކައި ރާއްޖޭގައި ފުރަތަމަ ފަހަރަށް އަސްކަރިއްޔާގެ އެއާ ކޯ އިފްތިތާހުކުރީ މިދިޔަ އަހަރުގެ 15 މާޗުގަ އެވެ. އެއާ ކޯގެ ފުރަތަމަ ސްޓޭޝަން ގާއިމުކޮށް، އެ ތަނުގެ ހިދުމަތް ފަށަން ރައީސް މުހައްމަދު މުއިއްޒު މިއަދު ނެރުއްވި ގަރާރަކުން ސިފައިންނަށް ވަނީ އަންގަވާފަ އެވެ.
އެކަމަކު މި ގަރާރުގައި އެ ސްޓޭޝަން ގާއިމުކުރާނެ ވަކި ތަނެއް ނެތެވެ.
ބުނީ ކީކޭ؟ - މި ސްޓޭޝަން ގާއިމުކުރަން ނިންމާފައިވާ ތަނާ ބެހޭ ގޮތުން 'ދައުރު'ން ސުވާލުކުރުމުން އެމްއެންޑީއެފުން ބުނީ، އެ ސްޓޭޝަން ގާއިމުކުރާނެ ވަކި ތަނެއް އަދި ނިންމާފައި ނުވާ ކަމަށެވެ. އެ މަސައްކަތަށް ވަގުތު ނަގާނެ ކަމަށް ވެސް އެ ތަނުން ބުންޏެވެ.
"އެ ސްޓޭޝަން ގާއިމުކުރަން ރައީސް މިއަދު ދެއްތޯ އެ އެންގެވީ. އެހެންވީމާ އެއީ އަދި ޕްރޮސެސްއެއްގެ ތެރެއިން ދާނެ ކަމެއް. އެ ސްޓޭޝަން ގާއިމުކުރާނެ ވަކި ތަނެއް އަދި ނިންމާފައެއް ނުވޭ،" އެމްއެންޑީއެފުން ބުންޏެވެ.
އެނގުން މުހިންމު - އެމްއެންޑީއެފްގެ އެއާ ކޯގެ ސިފައިން މިވަގުތު ގިނައިން ތިބެނީ އައްޑޫގަ އެވެ. މި ސްޓޭޝަން ގާއިމުކުރަން އެންގިކަން ހާމަކޮށް ރައީސް އޮފީހުން ނެރުނު ހަބަރުގައިވާ ގޮތުން، އެ ސްޓޭޝަނުން ވައިގެ ވަސީލަތްތައް ބޭނުންކޮށްގެން ހިންގަންޖެހޭ އޮޕަރޭޝަންތައް ހިންގައި ރާއްޖޭގެ ވައިގެ ސަރަހައްދާއި ހާއްސަ އިގްތިސާދީ ސަރަހައްދު ދިފާއުކޮށް ބަލަހައްޓާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ