ހުއްދަ ނަގައިގެން ނޫނީ އެއްވެ އުޅުން މަނާކުރާ ގާނޫނު އުވައިލަން، އެމްޑީޕީން ހުށަހަޅައިފި
        އެއްވެ އުޅުމުގެ ގާނޫނުގެ ދަށުން މިނިވަން ކަމަށް ހުރަސް އެޅޭ ކަމަށް ބުނެ، އެ ގާނޫނު އުވަލައިން އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.  ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަޙުމަދު ނަސީމް ހުށަހެޅުއްވި އެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމަށް މާދަމާގެ ޖަލްސާއަށް އޮތީ އެޖެންޑާ ކޮށްފައެވެ.  އެ ބިލުގެ މަގުސަދެއް ކަމަށް ބުނެފައި ވަނީ، ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ މިނިވަންކަމުގެ ބޭނުން އެންމެ ފުޅާ ދާއިރާއެއްގައި ހިފުމުގެ ފުރުސަތު ދައުލަތުން ރައްޔިތުންނަށް ތަނަވަސްކޮށްދިނުމެވެ.    ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް --  އެ ބިލުގައިވަނީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާއި މުޖުތަމައުގެ އަމަންއަމާންކަން ބެލެހެއްޓުމާއި ފުލުުހުންނަށް ކޮންމެހެން ލިބިދޭން ޖެހޭ ބާރާއި އިޚުތިޔާރު، އެހެނިހެން ގާނޫނުތަކުން މިހާރު ފުރިހަމައަށް ކަނޑައަޅާފައިވާ ކަމަށެވެ. އެހެންވެ، އެއްވެ އުޅުމުގެ ގާނޫނު ވުޖޫދުގައި އޮތުމަކީ ބޭނުންތެރި ކަމެއް ނޫން ކަމަށް ބިލުގައި ވެއެވެ.  އެހެން ވިދާޅުވެ، ގާނޫނު އުވައިލުމަށް މީކާއިލް ވަނީ ހުށަހަޅުއްވާފައެވެ.  ގާނޫނުއަސާސީން ވަނީ ކުރިން ހުއްދަ ހޯދުމަކާނުލާ ކޮންމެ މީހަކުމެ، ކޮންމެ ތަނަކަށް ވެސް އެއްވެ އުޅުމުގެ ހައްގު ކަށަވަރުކޮށްދީފައެވެ.  އެކަމަކު، އެއްވެ އުޅުމުގެ ގާނޫނުން އެ ހައްގު ވަނީ ހަނިކޮށްފައެވެ. ގާނޫނު އޮތް ގޮތުން ކުރިން ހުއްދަ ނެގުމަކާނުލައި އެއްވެވެނީ ބައެއް ސަރަހައްދުތަކަށެވެ. އަދި، އެ ނޫން ތަންތަނަށް އެއްވާން ބޭނުންނަމަ، ކުރިން ހުއްދަ ހޯދަންޖެހެއެވެ. އެހެންވެ، އަބަދު ވެސް އިދިކޮޅުގައި ތިއްބަވާ ބޭފުޅުންގެ ކަންބޮޑުވުން އެ ކަމުގައި އޮވެއެވެ.  https://sun.mv/212683  މިދިޔަ މަހު 15ގައި ބަންޑާރަ ނައިބު އަހުމަދު އުޝާމު މަޖިލީހުގައި ވިދާޅުވީ، ގާނޫނުއަސާސީން ކަށަވަރުކޮށްދީފައި އޮތް ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ހައްގު ހަނިވާގޮތަށް އޮތް އެއްވެ އުޅުމުގެ ގާނޫނު އިސްލާހުކުރައްވާނެ ކަމަށެވެ.  ފާހަގަކުރެވޭ ގޮތުގައި، މީގެ ކުރިން ގާނޫނުގައި އޮތްގޮތުން ކުރިން އެންގުމަކާނުލައި އެއްވެވޭނީ ކާނިވާ ސަރަހައްދަށް އެކަންޏެވެ. އެކަމަކު، މި ސަރުކާރުގައި ވަނީ އެ ލިސްޓަށް ރަސްފަންނު ސަރަހައްދާއި އުސްފަސްގަނޑު ވެސް އިތުރުކޮށްފައެވެ.
    
    
    
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ