އައްޑޫ ސިޓީ ކައުންސިލުން ހުޅުދުއާއި މީދޫ ވަކިކުރައްވައިފި
        އައްޑޫސިޓީ ކައުންސިލް އަލުން ކަނޑައަޅުއްވައި، އައްޑޫ މީދޫ ރަށު ކައުންސިލާއި އައްޑޫ ހުޅުދޫ ރަށު ކައުންސިލް ކަނޑައެޅުއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.  ރައީސް އެގޮތަށް ނިންމެވީ، އައްޑޫ ސިޓީ ކައުންސިލުން ވަކިވުމާ ގުޅޭ ގޮތުން ހުޅުދުއާއި މީދޫގެ އިތުރުން ފޭދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް މިދިޔަ މަހުގެ 25ގައި ވޯޓެއް ނެގި ފަހުންނެވެ.  އެ ވޯޓުގައި ބައިވެރިވީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން 47 ޕަސެންޓު މީހުންނެވެ. އަދި ހުޅުދުއާއި މީދޫން ވަކި ދެ ކައުންސިލް ހަދަން ބޭނުންވާ ކަމަށް ބުނިއިރު، ފޭދޫން ނިންމީ ސިޓީ ކައުންސިލުގައި ދެމިއޮތުމަށެވެ.  އެ ވޯޓުގެ ކުރިން ރައީސް ވަނީ އެ ވޯޓުގައި ސަރުކާރުން ވަކި ކޮޅަކަށް ބުރަނުވާ ކަމަށާއި ރައްޔިތުންގެ ނިންމުން ތަންފީޒުކުރާނެ ކަމަށް ވިދާޅުވެފައެވެ.  މިރޭ ރައީސް އޮފީހުން ބުނީ، މީހުން ދިރިއުޅޭ ވަކި ރަށެއްގެ ގޮތުގައި ކަނޑައަޅައިފައިވާ "އައްޑޫ" އަކީ "އައްޑޫ ސިޓީ" ކަމުގައި ކަނޑައަޅައި، "އައްޑޫ ސިޓީ"ގައި ހިމެނޭނީ އައްޑުއަތޮޅު "ހިތަދޫ" އާއި، އައްޑުއަތޮޅު "މަރަދޫ" އާއި، އައްޑުއަތޮޅު "މަރަދޫފޭދޫ" އާއި، އައްޑުއަތޮޅު "ފޭދޫ" ކަމަށް ރައީސް ނިންމަވައިފައިވާ ކަމަށެވެ. އަދި "އައްޑޫ"ގެ އިޚްތިޞާޞްގެ ބައެއްގެ ގޮތުގައި އޮތް "ހުޅުދޫ" އާއި "މީދޫ"އަކީ މީހުން ދިރިއުޅޭ ވަކި ދެ ރަށުގެ ގޮތުގައި ކަނޑައެޅުމަށްޓަކައި، އެ މަނިކުފާނު ގަރާރެއް ނެރުއްވައިފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ.  ރައީސް އޮފީހުން ބުނީ އެ އިސްލާހާއެކު، "އައްޑޫ ސިޓީ"އަކީ ސިޓީއެއްގެ ދަރަޖަ ލިބިގެންވާ ރަށެއް ކަމުގައި ކަނޑައެޅުމަށް ނިންމައި، "އައްޑޫ ސިޓީ" ހިންގުމަށްޓަކައި، "އައްޑޫ ސިޓީ ކައުންސިލް"ގެ ނަމުގައި ކައުންސިލެއް އުފެއްދުމަށް ރައީސް ކަނޑައަޅުއްވައިފައިވާ ކަމަށެވެ.    ރައީސް މުއިއްޒު ހުޅުދޫމީދޫއަށް ވަޑައިގަތުން: ހުޅުދޫއާއި މީދޫ ސިޓީ ކައުންސިލުން ވަކިކުރަން އެ މަނިކުފާނު ވަނީ ނިންމަވައިފައި --- ފޮޓޯ/ ރައީސް އޮފީސް  މީގެ އިތުރުން، "އައްޑޫ މީދޫ" ހިންގުމަށްޓަކައި، އައްޑުއަތޮޅު / ސ. އައްޑޫ މީދޫ ކައުންސިލް އުފެއްދުމަށާއި، "އައްޑޫ ހުޅުދޫ" ހިންގުމަށް ޓަކައި، އައްޑުއަތޮޅު/ ސ. އައްޑޫ ހުޅުދޫ ކައުންސިލް އުފެއްދުމަށް ރައީސް ކަނޑައެޅުއްވި ކަމަށް އެ އޮފީހުން ބުންޏެވެ.  އެ އިސްލާހުތަކަށް ޢަމަލުކުރަން ފަށާނީ ދެން އެންމެ އަވަހަށް ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބެއްގައި އިންތިޚާބު ކުރާ ކައުންސިލްތަކުގެ އުމުރު ގުނަން ފަށާ ދުވަހުން ފެށިގެންނެވެ. އަދި އެ އިންތިޚާބުގައި، އަލަށް އުފެދޭ އައްޑޫ ސިޓީ ކައުންސިލާއި، އައްޑޫ މީދޫ ކައުންސިލާއި، އައްޑޫ ހުޅުދޫ ކައުންސިލަށް މެންބަރުން އިންތިޚާބުކުރުން ގާނޫނާ އެއްގޮތްވާ ގޮތުގެ މަތީން ބޭއްވުމަށް ރައީސް ވަނީ ނިންމަވައިފައެވެ.  އިލެކްޝަންސް ކޮމިޝަނުން އާންމުކުރި، އައްޑޫ ވޯޓުގެ ނަތީޖާއިން ދައްްކާ ގޮތުން މި ރިފަރެންޑަމްގައި ފޭދޫގެ 4،355 މީހަކަށް ވޯޓުލުމުގެ ހައްގު އޮތް އިރު ވޯޓުލީ 2،436 މީހުންނެވެ. އޭގެ ތެރެއިން ވަކި ކައުންސިލެއް ހެދުމަށް ވޯޓުދިނީ 616 މީހުން (25.67 ޕަސެންޓް) މީހުން ކަމަށްވާއިރު އެއާ ދެކޮޅަށް 1784 މީހުން (74.33 ޕަސެންޓް) ވޯޓު ދިނެވެ.  މީދޫން 2،347 މީހަކަށް ވޯޓުލުމުގެ ހައްގު އޮތް އިރު ވޯޓުލީ 1،008 މީހުންނެވެ. އޭގެ ތެރެއިން 85.47 ޕަސެންޓް މީހުން ވަކި ކައުންސިލެއް ހަދަން ތާއީދުކުރިއިރު އެކަމާ ދެކޮޅުވީ 14.53 ޕަސެންޓް މީހުންނެވެ.  ހުޅުދޫން 2،864 މީހަކަށް ވޯޓުލެވޭ އިރު ވޯޓުލީ 1،069 މީހުންނެވެ. އޭގެ ތެރެއިން 68.73 ޕަސެންޓް މީހުން ވަކި ކައުންސިލެއް ހަދަން ބޭނުންވާ ކަމަށް ބުނިއިރު، ސިޓީ ކައުންސިލުގެ ބަޔެއްގެ ގޮތުގައި އޮތުމަށް 31.27 ޕަސެންޓް މީހުން ވޯޓު ދިނެވެ.
    
    
    
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ