މަންމަ ނުވަތަ ބަލިޙާލުގައި އެނދުގައި އޮންނައިރު ކޮށްދޭން އެންމެ ރަނގަޅު ކަމަކާއިބެހޭ ގޮތުން ބައެއް ކިޔުންތެރިން ސުވާލުކުރައްވާތީ މިގެނެސްދެނީ އެކަން އެނގިލައްވާނެ ލިޔުމެވެ. މިއީ ގަޑިން ގަޑިއަށް ދޭ އަގުބޮޑު ބޭސްތަކަށްވުރެވެސް މާ މުހިންމު ކަމެކެވެ.
މަންމަ، ބައްޕަ، ނުވަތަ އެނޫންވެސް މީހަކު ތިމާގެ ބެލުމުގެދަށުގައި ހޮސްޕިޓަލަކަށް އެޑްމިޓްކޮށްފައި އޮވެދާނެއެވެ. އެމީހާއަށް ދޭން ޖެހޭ ބޭހާއި ކާނާ ބަރާބަރަށް ގެންގޮސްދެއެވެ. ކައިބޮއެ ހަދާތޯވެސް ބަލައެވެ. ނަމަވެސް އޭނާ އަށް ނަމާދުކުރަން އެހީތެރިވެ ދެވޭ ހެއްޔެވެ؟ ވަގުތު ޖެހުމުން ވުޟޫ ކޮށްދެވޭ ހެއްޔެވެ؟
މިއީ މިއަދު ވަރަށް ގިނަ ބައަކު އިހްމާލުވަމުންދާ ކަމެކެވެ. ބަލިމީހާއަށް އެންމެ މުހިންމީ ބޭހެއް ނޫނެވެ. ބޭހަށްވުރެ ނަމާދުކުރުން މާމުހިންމެވެ. އެއީކޮންމެހެން އެބަލީގައި އޭނާ މަރުވެދާނެ ކަމަށްޓަކައެއް ނޫނެވެ. ފުރަތަމަ ކަމަކަށް އެއީ ކޮންމެހެން އަދާކުރަން ޖެހޭ އެންމެ މުހިންމު ފަރުޟެލެވެ. ދެވަނައަށް ޝިފާ ދެއްވެވުން އެދި ދުޢާ ކުރަން ބޭނުން ނަމަވެސް ނަމާދުތައް ފުރިހަމއަށް ކުރަން އެބަ ޖެހެއެވެ. ވީމާ އަބަދުވެސް 1 ވަނަގައި ނަމާދުކުރުން ބައިންދާށެވެ!
1 ވަނައިގައި ނަމާދުކުރުން ބޭއްވުމަކީ ގަޑިންގަޑިއަށް ބޭސްދިނުން 2 ވަނަ ކަމަކަށް ހަދައި ފުރަތަމަ ކަމަކީ ވަގުތު ޖެހުމުން އޭނާއަށް އެހީތެރިވެދީ އޭނާލައްވައި ނަމާދުކުރުވުމެވެ. ވުޟޫ ނުކުރުވޭނަމަ އެނދުގައި އަތްޖައްސާލައި ތަޔައްމަމް ކުރުވައިގެންނަމަވެސް ނުވަތަ އެއަށްވުރެ ޙާލުބޮޑުނަމަ ތިބާ ތަޔއްމަމް ކޮށްދީގެންނަމަވެސް ނަމާދުކުރުވާށެވެ! ބަލިމީހާގެ ބުއްދި ސަލާމަތުން ހުރިނަމަ ފަރުޟުކަން ނުކެނޑޭނެއެވެ!
ކަދުރު އޮށެއް ފަރިއްކުޅުއްވައިގެން ހުންނެވި ދުވަސްތަކުގައިވެސް ފަރިއްކުޅުއްވާނެ އެވަރުވެސް ނެތިގެން ރޯދައަށް ހުންނެވި ދުވަސްތަކުގައިވެސް ބިލާލްގެފާނަށް ޙަދީޘްފުޅު ކުރައްވަމުން ގެންދެވީ "އޭ ބިލާލް އެވެ. ހިތުގެ ހިތްހަމަ ޖެހުމަށްޓަކައި އަވަހަށް ބަންގި ގޮވާށެވެ!" ކޮންމެ ނަމާދު ވަގުތެއް ޖެހުމުން ޙަދީޘްފުޅު ކުރައްވަވަމުން ގެންދެވީ ހަމަ މިމޭރުމުންނެވެ.
ހަނގުރާމައިގެ މައިދާންތަކުގައިވެސް މެއެވެ. އަދި އެނޫންވެސް ދަތި އުނދަގޫ ބިރުވެރި ޙާލަތްތަކުގައިވެސް މެއެވެ. ކުރުކޮށް ބުނާނަމަ ކޮންމެ ޙާލަތެއްގައި ނަމަވެސްމެއެވެ. ސުވާލަކީ މިއަދު އަހަރެމެންގެ ޙާލަކީ ކޮބައި ހެއްޔެވެ؟ ނަމާދު ވަގުތު ޖެހުނުކަން އަމިއްލަ އަށް ނުއެނގުނުތަނުގައި ބަންގީގެ އަޑު އިވުމުން އިޖާބް ދެވޭ ހެއްޔެވެ؟
މީސްތަކުންނޭވެ! މިހެދެނީ ވަރަށް ބޮޑު ގޯހެކެވެ. ވަކި ކަމެއް ނޫނެވެ. ޙަޔާތުގެ އެއްވެސް ކަމެއް ރަނގަޅުކުރަން އެދޭނަމަ ނަމާދަށް ރައްކައުތެރިވާށެވެ. ކޮންމެ ހާލެއްގައި ނަމަވެސް ފަރުޟު 5 ނަމާދަށް ރައްކައުތެރިވާށެވެ!
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
    
    ބަލިއެނދުގަ އޮންނަންޖެހޭ މީހުންނާއިމެދު އެންމެ ބޮޑަށް އިހްމާލުވެވެނީ އެންމެ މުހިންމު ކަންތަކަސްކަން އެނގޭތަ؟
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ