މި އަހަރެކޭ އެއްގޮތަށް އަންނަ އަހަރު ވެސް ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ހިލޭ އެހީ ދޭ ގައުމަކަށް އިންޑިއާ ވާނެ ކަމަށް ބަޖެޓުގައި ލަފާކޮށްފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައި އަންނަ އަހަރު ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރަނީ ޖުމްލަ 335 މިލިއަން ރުފިޔާ އެވެ. އޭގެތެރެއިން 322.9 މިލިއަން ރުފިޔާ އަކީ މަޝްރޫއުތަކަށް ލިބޭ އެހީ އެވެ. ފައިސާގެ ގޮތުގައި ލިބޭ ހިލޭ އެހީގެ އަދަދަކީ 32 މިލިއަން ރުފިޔާ އެވެ.
ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރާ ޖުމްލަ އަދަދުގެ ތެރެއިން ގައުމުތަކުން ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 85 މިލިއަން ރުފިޔާ އެވެ. އޭގެ ތެރެއިން 73.6 މިލިއަން ރުފިޔާ އަކީ އިންޑިއާގެ ހިލޭ އެހީ އެވެ.
އިންޑިއާ އަށްފަހު އެންމެ ގިނައިން ހިލޭ އެހީ ދޭނެ ގައުމު ކަމަށް ބުނެފައިވާ ޔޫއޭއީ އިން ދޭނެ ކަމަށް ލަފާކުރަނީ 4.9 މިލިއަން ރުފިޔާ އެވެ. މީގެ އިތުރުން، ޖަޕާނުން 3.9 މިލިއަން އަދި އިޓަލީއިން 2.3 މިލިއަން ރުފިޔާ ދޭނެ ކަމަށް ބަޖެޓުގައި ލަފާކޮށްފައިވެ އެވެ. 
ރާއްޖޭގެ ތަރައްގީއަށް ބޮޑެތި އެހީތަކެއް ވެފައިވާ އަދި ރައީސް މުހައްމަދު މުއިއްޒު އެ ގައުމަކާއެކު ގާތް ގުޅުމެއް ބާއްވާ ޗައިނާ އިން އަންނަ އަހަރު އެއްވެސް ހިލޭ އެހީއެއް ލިބޭނެ ކަމަށް ބަޖެޓުގައި ލަފާކޮށްފައެއް ނުވެ އެވެ. އެ ގައުމުން މި އަހަރު 12 މިލިއަން އަދި މިދިޔަ އަހަރު 360 މިލިއަން ރުފިޔާގެ ހިލޭ އެހީ ދިނެވެ.
ގައުމުތަކުގެ އިތުރުން، އަންނަ އަހަރު ބައިނަލްއަގުވާމީ އެކި އިދާރާތަކާއި ބޭންކުތައް އަދި އދ. ގެ ޖަމިއްޔާތަކުން ވެސް ރާއްޖެއަށް ހިލޭ އެހީ ދޭނެ ކަމަށް ބަޖެޓުގައި ލަފާކޮށްފައިވެ އެވެ. އޭގެތެރެއިން އެންމެ ބޮޑު އެހީއެއް ދޭނެ ކަމަށް ބުނެފައިވަނީ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓު އެސޯސިއޭޝަން (އައިޑީއޭ) އިންނެވެ. އެއީ 137.5 މިލިއަން ރުފިޔާ އެވެ. 
މީގެ އިތުރުން އޭޝިއަން ޑިވެލޮޕްމަންޓު ބޭންކް (އޭޑީބީ) އިން 61.5 މިލިއަން ރުފިޔާ އަދި ޔޫއެންޑީޕީ އިން 13 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓުގައި ލަފާކޮށްފައިވެ އެވެ. 
މި އަހަރަކީ ފައިސާގެ ހިލޭ އެހީގެ ގޮތުގައި ރެކޯޑު އަދަދެއް ލިބޭނެ ކަމަށް އަންދާޒަކޮށް ސަރުކާރުން ބަޖެޓުކުރި އަހަރެކެވެ. ނަމަވެސް ހިިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރި 1.8 ބިލިއަން ރުފިޔާ ނުވަތަ ރަސްމީ ރޭޓުގައި ޑޮލަރުން ހިސާބުކުރާއިރު 120 މިލިއަން ޑޮލަރުގެ ތެރެއިން ލިބޭނީ ދެ މިލިއަން ޑޮލަރު ވަރު ކަމަށް ފިނޭންސް މިނިސްޓްރީން އަންނަ އަހަރުގެ ބަޖެޓުގައި ބުނެފައިވެ އެވެ.
މި އަހަރުގެ ބަޖެޓު ފޮތަށް ބެލުމުން އެނގޭ ގޮތުގައި ސަރުކާރުން އުއްމީދުކޮށްގެން ތިބީ އެކުވެރި ގައުމުތަކުން ފައިސާގެ ބޮޑު އެހީއެއް ލިބޭނެ ކަމަށެވެ. އެ ގޮތުން ފައިސާގެ އެހީގެ ގޮތުގައި ޖެހި އަދަދު 99 ޕަސެންޓަކީ ރަހުމަތްތެރި ގައުމުތަކުން ލިބޭނެ ކަމަށް އުއްމީދު ކުރި ފައިސާ އެވެ.
    
    ބަޖެޓު 2026: އެންމެ ގިނަ ހިލޭ އެހީ ދޭ ގައުމަކީ އިންޑިއާ، ޗައިނާގެ ހިލޭ އެހީއެއް ނެތް ބަޖެޓު 2026: އެންމެ ގިނަ ހިލޭ އެހީ ދޭ ގައުމަކީ އިންޑިއާ، ޗައިނާގެ ހިލޭ އެހީއެއް ނެތް
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ