އެސްއީޒެޑް ބިލް ދިރާސާކުރަން އިތުރު ވަގުތަށް އެމްޑީޕީން އެދެނިކޮށް، އަވަސްއަރުވާލައިގެން ކޮމިޓީން ފާސްކޮށްފި

ކަނޑައެޅޭ ވަކި ސަރަހައްދުތަކެއްގައި ޒަމާނީ ޚިދުމަތްތަކާއި ވަސީލަތްތައް ލިބޭ ގޮތަށް މީހުން ދިރިއުޅުމަށް ތަރައްގީކުރާ ސަރަހައްދުތަކަކީ، ނުވަތަ "ސަސްޓެއިނަބަލް ޓައުންޝިޕް"އަކީ ޚާއްސަ އިކޮނޮމިކް ޒޯނެއްގެ ގޮތުގައި ކަނޑައަޅަން އެސްއީޒެޑު ގާނޫނަށް ހުށަހެޅި އިސްލާހު, މާ ބޮޑު މަސައްކަތެއް ނުކޮށް މުޅި މަޖިލީހުގެ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ. ސަރުކާރު ފަރާތުން ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ޝުޖާއު އެސްއީޒެޑް ގާނޫނަށް މިދިޔަ މަހުގެ 20ގައި ހުށަހެޅުއްވީ "ސަސްޓެއިނެބަލް ޓައުންޝިޕް"ގެ ތަފުސީލުތައް ހިމަނައި، ބާބެއް އިތުރުކުރުމަށެވެ. އެ އިސްލާހުގައިވާގޮތުން ސަސްޓެއިނެބަލް ޓައުންޝިޕެއް ތަރައްގީކުރަންޏާ އިންވެސްޓަރުން ބައި ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ ބޮޑު އިންވެސްޓްމެންޓެއް ކުރަންޖެހެއެވެ. މި ބިލު ދިރާސާކުރުމަށް މިއަދު ބޭއްވި މުޅި މަޖިލީހުގެ ކޮމިޓީ ބައްދަލުވުމުގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ހުށަހެޅުއްވީ ބިލުގެ މަސައްކަތް އަންނަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް ދަންމާލައި، މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)އާއި ޓޫރިޒަމް މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީގެ އިތުރުން އާންމުންނާއި ސްޓޭކްހޯލްޑަރުންގެ ޚިޔާލު ހޯދައި ބިލު ދިރާސާކުރުމަށްފަހު ފާސްކުރުމަށެވެ. މިހާރު މިހިނގާ 20ވަނަ ރައްޔިތުންގެ މަޖިލީހުގައި ބައެއް ބިލުތައް އަވަސްއަރުވާލައިގެން ފާސްކުރުމުގެ ސަބަބުން ނިކުތް ނަތީޖާ ރަނގަޅުނޫންކަން ފާހަގަކުރައްވައި، މީކާއީލް ވިދާޅުވީ އެގޮތަށް ހުށަހެޅުއްވީ އާންމުންގެ މަސްލަހަތު ބިލާ ގުޅިފައިވާ ކަމަށް ފެނިވަޑައިގަންނަވާތީ ކަމަށެވެ. މުޅި މަޖިލީހުގެ ކޮމިޓީގެ ތެރެއިން: ބިލުގެ މަގުސަދަކީ 2028ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބަށް ޕީއެންސީން ފަންޑު ހޯދުން ކަމަށް މީކާއީލް ތުހުމަތު ކުރެއްވި -- ފޮޓޯ/ މަޖިލިސް އެހެންނަމަވެސް، ވެރިކަން ކުރާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވީ އެ ޕާޓީގެ ސާފު އަޣުލަބިއްޔަތުން ބިލުގެ މަސައްކަތް މިއަދުން މިއަދަށް ނިންމާނެ ކަމަށެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ އިގުތިސާދީ ހާލަތު މިހާރު އޮތްގޮތުން މި ބިލު ވީ އެންމެ އަވަހަށް ފާސްކުރުން މުހިންމު ކަމަށާއި ގައުމަށް ލިބެންހުރި މަންފާ ހޯދޭނީ އޭރުން ކަމަށެވެ. ފަލާހު ވިދާޅުވީ އެމްޑީޕީން މަސައްކަތްކުރަނީ ގައުމަށް މަންފާހުރި ކަންކަން ލަސްކުރުމަށް ކަމަށެވެ. މީކާއީލް ތުހުމަތު ކުރެއްވި ގޮތުގައި ބިލުގެ މަގުސަދަކީ 2028ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބަށް ޕީއެންސީން ފަންޑު ހޯދުމެވެ. އަދި މުޅި މަޖިލީހުގެ ކޮމިޓީގައި އެމްޑީޕީގެ ބައެއް މެންބަރުން ވަނީ، މި ބިލުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އަސަރުކުރާނެ ކަމަށް ވިދާޅުވެ، ބިލަށް ޚިޔާލު ހުށަހަޅައި، ބިލު ދިރާސާކުރަން އިތުރު ވަގުތު ދިނުމަށް ގޮވާލައްވައިފައެވެ. ކޮމިޓީގެ ވޯޓު ވަގުތު ބިލުގެ މަސައްކަތް ފެބްރުއަރީއަށް ދަންމާލަން މީކާއީލް ހުށަހެޅުއްވި ހުށަހެޅުމާއި ކަމާބެހޭ ފަރާތްތަކުގެ އިދާރާތަކުގެ ޚިޔާލު ހޯދުމަށް ހުށަހެޅުއްވި ހުށަހެޅުންތައް ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުން ވަނީ ބޭރުކޮށްލައިފައެވެ. މުޅި މަޖިލީހުގެ ކޮމިޓީގެ ތެރެއިން: ފަލާހު ވިދާޅުވީ އެސްއީޒެޑް ބިލް ވީހާވެސް އަވަހަށް ފާސްކުރަން ޖެހޭ ކަމަށް -- ފޮޓޯ/ މަޖިލިސް އޭގެ ތެރެއިން، ބިލުގެ މަސައްކަތް ދަންމާލުމާ ދެކޮޅަށް ޕީއެންސީގެ މެޖޯރިޓީ ހިމެނޭހެން 53 މެންބަރަކު ވޯޓުދެއްވިއެވެ. އަދި ކަމާބެހޭ ފަރާތްތަކުގެ ޚިޔާލު ހޯދުމާ ދެކޮޅަށް 54 މެންބަރަކު ވޯޓުދެއްވިއެވެ. ކޮމިޓީގައި ބައިވެރިވި އެމްޑީޕީގެ ނުވަ މެންބަރުންވެސް ވޯޓު ދެއްވީ މީކާއީލްގެ ހުށަހެޅުންތަކާ އެއްކޮޅަށެވެ. އެއަށްފަހު ހޯރަފުށި ދާއިރާގެ ޕީއެންސީ މެންބަރު އަލީ މޫސާ ވަނީ، ޓޫރިޒަމް ޒޯންގައި ނުވަތަ އިންޓެގްރޭޓަޑް ޓޫރިޒަމް ޒޯންގައި ހުންނަ ރިސޯޓުތަކުގައި ހިމެނޭ ކޮޓަރިތައް ނުވަތަ ވިލާތައް ސްޓްރާޓާ އުސޫލުން ދިގު މުއްދަތަކަށް ކުއްޔަށް ދިނުމުގެ މުއާމަލާތަކާ ގުޅިގެން އެ ވިލާތަކާއި ކޮޓަރިތަކާ ގުޅޭ ޖުމްލަ އަގުތަކުގެ ހަތަރު ޕަސެންޓު ޕްރޮޕަޓީ ޓްރާންސްފާ ޓެކުހުގެ ގޮތުގައި ދައުލަތަށް ނަގަން ޖެހޭ ގޮތަށް އިސްލާހެއް ހުށަހަޅުއްވައިފައެވެ. އެ އިސްލާހު ފާސްކުރަން ފެންނަ ކަމަށް 55 މެންބަރަކު ވޯޓުދެއްވިއިރު ވަކި ގޮތަކަށް ވޯޓު ނުދެއްވާ ފަސް މެންބަރަކު ތިއްބެވިއެވެ. އެ އިސްލާހާއެކު ބިލު ފާސްކުރުމާ ދެކޮޅަށް ވޯޓުދެއްވީ އެމްޑީޕީގެ ނުވަ މެންބަރުންނެވެ. ޕީއެންސީގެ މެންބަރުން ހިމެނޭހެން ބިލު ފާސްކުރުމާ އެއްކޮޅަށް 55 މެންބަރަކު ވޯޓު ދެއްވުމުން ކޮމިޓީން ވަނީ ބިލު ފާސްވެފައެވެ. ކޮމިޓީ ބައްދަލުވުން ނިންމަވާލެއްވުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވަނީ ކޮމިޓީ ރިޕޯޓު މެންބަރުންނަށް ފޮނުއްވާނެ ކަމަށް ވިދާޅުވެފައެވެ. https://sun.mv/212931 އެ ބިލުގައިވަނީ، ސަސްޓެއިނެބަލް ޓައުންޝިޕެއްގައި ލަގްޒަރީ ޓޫރިޒަމްގެ ތަފާތު ޚިދުމަތްތައް ހިމެނޭހެން ލާޖް ސްކޭލް ރިއަލް އެސްޓޭޓެއް އެ ޒޯނުގައި ތަރައްގީކުރަން ޖެހޭކަމާއި، ބައިނަލްއަގުވާމީ ފެންވަރުގެ ހޮސްޕިޓަލިޓީ ތަމުރީނުދޭ މަރުކަޒަކާއި ބައިނަލްއަގުވާމީ ފެންވަރުގެ ހޮސްޕިޓަލެއް އެ ތަނުގައި ތަރައްގީކުރަން ޖެހޭކަން ބަޔާންކޮށް، ސަސްޓެއިނެބަލް ޓައުންޝިޕެއްގައި ހުންނަންޖެހޭ ޝަރުތުތައް ހިމަނާފައިވެއެވެ. ހަމަ އެހެންމެ ސަސްޓެއިނެބަލް ޓައުންޝިޕެއް ހިންގުމަށް ބޭނުންވާ ހަކަތައިގެ މަދުވެގެން 60 ޕަސެންޓު އިއާދަކުރުވަނިވި ހަކަތައަށް ވާން ޖެހޭނެ ކަމާއި، ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތި މަދުކޮށް، ކާބޯތަކެތި އުފެއްދޭނެ ވަސީލަތްތައް ގާއިމުކުރަން ޖެހޭނެ ކަމަށް ވެސް ޝަރުތުތަކުގައިވެއެވެ. އަދި، "ސަސްޓެއިނެބަލް ޓައުންޝިޕެއް" ތަރައްގީކުރާ އިންވެސްޓަރުންނަށް އިނާޔަތްތައް ލިބޭނެ ގޮތާއި ޓެކުހުގެ ގޮތުގައި ސަރުކާރުން ނަގާނެ އަދަދު ވެސް މި ގާނޫނަށް އިތުރުކުރަން ހުށަހެޅި ބާބުގައި ހިމަނާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ