އދ. ގެ ހިއުމަން ރައިޓްސް ކައުންސިލުން ދިވެހިރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތު މާދަމާ ރިވިއު ކުރަން ފަށާނެ ކަމަށް އެ ކައުންސިލުން ބުނެފި އެވެ.
ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތު އދ. އިން ތަހުގީގު ކުރަނީ ޔުނިވާސަލް ޕީރިއަޑިކް ރިވިއު (ޔޫޕީއާރް) ގަ އެވެ. ރާއްޖޭގެ އިތުރުން 13 ގައުމެއްގެ ހާލަތު ޔޫޕީއާރުގައި ތަހުގީގު ކުރާނެ އެވެ.
މާދަމާ ބާއްވާ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތު ވަރަށް ފުޅާ ދާއިރާއެއްގައި ތަހުގީގު ކުރާނެ އެވެ. އަދި އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން ރާއްޖެއަށް ދީފައި ހުރި ރިކޮމެންޑޭޝަންތަކަށް ވެސް މަޝްވަރާ ކުރާނެ އެވެ.
ރާއްޖެއަށް ދީފައި ހުރި ރިކޮމެންޑޭޝަންތަކުގެ ތެރޭގައި ޖުޑީޝަލް ސާވިސް ކޮމިޝަނުގައި ފަނޑިޔާރުންގެ އަގުލަބިއްޔަތު އޮންނަ ގޮތަށް އެ ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލު ކުރުން ހިމެނެ އެވެ. އަދި ފަނޑިޔާރުން ވަކި ކުރަން އޮންނަ އުސޫލު ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުން ވެސް ހިމެނެ އެވެ.
ރިކޮމެންޑޭޝަންތަކުގެ ތެރޭގައި، ނޫސްވެރިންނާއި ހައްގުތަކަށް މަސައްކަތް ކުރާ އިތުރު ފަރާތްތަކަށް ހިމާޔަތް ދިނުމާއި މީޑިއާގެ މިނިވަންކަން ނުގެއްލޭނެ ގޮތަކަށް މީޑިއާތަކަށް ފަންޑު ކުރުން ހިމެނެ އެވެ. އަދި މަސްދަރު ހާމަ ކުރަން މަޖުބޫރުވާ ގޮތަށް ހެއްކާ ބެހޭ ގާނޫނުގައި އޮތް މާއްދާ ބާތިލް ކުރަން ވެސް ރިކޮމެންޑޭޝަންތަކުގެ ތެރޭގައި ހިމެނެ އެވެ.
ރާއްޖޭގެ ޖަލުތަކަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލަތައް ހައްލު ކުރުމާއި ކުށެއް ސާބިތުވުމުގެ ކުރިން ބަންދު ކުރަން އޮންނަ އުސޫލުގެ ހަރުކަށިކަން ލުއިކޮށް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމާއި ކުށް ސާބިތުނުވަނީސް ކުށްވެރިންނާއެކު ބަންދު ނުކުރަން ވެސް ރާއްޖެއަށް ކޮށްފައިވާ ރިކޮމެންޑޭޝަންތަކުގެ ތެރޭގައި ހިމެނެ އެވެ.
އޭގެ އިތުރުން، ހިއުމަން ރައިޓްސް ކޮމިޝަނަށް މެންބަރުން އައްޔަން ކުރުމުގެ މަރުހަލާ މިނިވަން ކުރުމަށާއި އެ ކޮމިޝަނުގެ މަސައްކަތަށް އެކަށީގެންވާ މުވައްޒަފުންނާއި ފައިސާ ހަމަޖެއްސުން ވެސް ރިކޮމެންޑޭޝަންތަކުގެ ތެރޭގައި ހިމެނެ އެވެ.
ދިވެހިރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތު އދ. އިން މާދަމާ ތަހުގީގު ކުރަނީ ދިވެހިރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތު އދ. އިން މާދަމާ ތަހުގީގު ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ