ރައީސް މުހައްމަދު މުއިއްޒު ރާއްޖޭގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުތަކަށް ދައުލަތުގެ ބަޖެޓުން ކުރާ ހަރަދުގެ ތަފުސީލު ހާމަކުރަން ރައީސް އޮފީހުން ދެކޮޅު ހަދައިފި އެވެ.
ވެރިކަމަށް ވަޑައިގެންނެވި ފަހުން މުއިއްޒު ގެންދަނީ އަތޮޅުތެރެއަށް ގިނަ ދަތުރުތަކެއް ކުރައްވަމުންނެވެ. އެގޮތުން މިދިޔަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭނާ ދިމާކޮށް އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް އެމަނިކުފާނު ގެންދަވަނީ ގިނަ އަދަދެއްގެ ދަތުރުތަކެއް ކުރައްވަމުންނެވެ.
ރައީސް އޮފީހާއި ސަރުކާރުން ބުނަނީ މި ދަތުރުތަކަކީ ރައްޔިތުންނާ ގާތުން ވެރިކަން ކުރުމަށާއި ރަށްރަށުގެ ހާލަތު ބެލުމަށް ކުރާ ދަތުރުތަކެއް ކަމަށެވެ. ސަރުކާރަށް ދެ އަހަރުވުމުގެ ކުރިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް މުއިއްޒު ވަޑައިގެން ރެކޯޑެއް ހެއްދެވި ކަމަށް ވެސް ސަރުކާރުން އިއުލާނުކުރި އެވެ.
މި ދަތުރުތަކަށް ކުރާ ހަރަދެއް އެއްވެސް އިރެއްގައި ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ. އެ ތަފުސީލު ހޯދުމަށް މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މި ނޫހުން ރައީސް އޮފީހަށް އާރުޓީއައި ހުށަހެޅީ އޮކްޓޯބަރު 10، ގަ އެވެ.
އެ އާރުޓީއައި އަށް ޖަވާބު ދޭން ގާނޫނުގައި ބުނާ މުއްދަތު އިއްޔެއަށް ވަނީ ހަމަވެފަ އެވެ. ނަމަވެސް ރައީސް އޮފީހުން އެއްވެސް ޖަވާބެއް ދީފައެއް ނުވެ އެވެ. މި މައްސަލަ މި ނޫހުން މިހާރު ވާނީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހަޅައިފަ އެވެ.
އެ ދަތުރުތަކުގެ ހަރަދު ސަރުކާރުން ސިއްރުކޮށްފައިވާއިރު، އަންނަ އަހަރަށް ލަފާކޮށް މިދިޔަ ހަފުތާގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓުގައި ސަރުކާރުގެ ދަތުރުތަކަށް 273 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ. އޭގެތެރެއިން ބޮޑު ބަޔަކީ އެތެރޭގެ ދަތުރުތަކަށް ކުރާ ހޭދަ އެވެ.
އެގޮތުން އެތެރޭގެ ވައިގެ ދަތުރުތަކަށް 45.9 މިލިއަން ރުފިޔާ ހިމަނާފައިވާއިރު އެތެރޭގެ ކަނޑުގެ ދަތުރުތަކަށް 65.9 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. އެއްގަމު ދަތުރުތަކަށް ހަރަދުވާނެ ކަމަށް ލަފާކޮށްފައިވަނީ 8.3 މިލިއަން ރުފިޔާ އެވެ. އެއީ ޖުމްލަ 120 މިލިއަން ރުފިޔާ އެވެ.
މުއިއްޒު އެންމެ ފަހުން ބޭރުގެ ގައުމުތަކަށް ކުރެއްވި ހަތަރު ދަތުރުގެ ހަރަދުތައް ހާމަކުރަން ވެސް ރައީސް އޮފީހުން ވަނީ ދެކޮޅު ހަދާފަ އެވެ. އޭގެތެރޭގައި ހިމެނެނީ މި އަހަރު މުއިއްޒު ޗައިނާ، އިނގިރޭސިވިލާތް، މެލޭޝިއާ އަދި ސިންގަޕޫރަށް ކުރެއްވި ރަސްމީ ދަތުރުތަކެވެ.
ބޭރު ގައުމުތަކަށް ރައީސް އާއި ނައިބު ރައީސް ކުރައްވާ ދަތުރުތަކުގެ ހަރަދު، ދަތުރު ނިމޭތާ 15 ދުވަހުގެ ތެރޭގައި ހާމަކުރާނެ ކަމަށް ސަރުކާރުން ވަނީ އިއުލާނުކޮށްފަ އެވެ. އެކަން އިއުލާނު ކުރެއްވީ ޑިސެމްބަރު 2، 2023، ގައި މުއިއްޒު ތުރުކީ އަދި ޔޫއޭއީ އަށް ކުރެއްވި ދަތުރަށްފަހު މާލެ ވަޑައިގެން އެއާޕޯޓުގައި ހުންނަވައި ވާހަކަ ދައްކަވަމުންނެވެ.
    
    މުއިއްޒު ރަށްރަށަށް ކުރައްވާ ދަތުރުތަކުގެ ހަރަދު ހާމަކުރަން ވެސް ރައީސް އޮފީހުން ދެކޮޅު ހަދައިފި މުއިއްޒު ރަށްރަށަށް ކުރައްވާ ދަތުރުތަކުގެ ހަރަދު ހާމަކުރަން ވެސް ރައީސް އޮފީހުން ދެކޮޅު ހަދައިފި
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ