ރިކޯޑެއް ހެދުމުގެ ނިޔަތުގައި 200 އަށްވުރެ ގިނަ މަޝްރޫއު ބިޑަކަށް ނުލައި ބަހާލަން އުޅެނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެންބަރު ހުސައިން މުހައްމަދު ވިދާޅުވެއްޖެ އެވެ. 
ހުސައިން އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕްރޮޖެކްޓުތައް ބަހާލަން ސަރުކާރުން މަސައްކަތް ކުރަނީ، އެ ޕްރޮޖެކްޓުތަކުން ލިބޭ ފައިސާއިން ސަރުކާރަށް ބައެއް ދޭން އެއްބަސްވި ކުންފުނިތަކަށް ކަމަށެވެ. 
"އެންމެ ގިނަޕޮރްޖެޓް އެއްދުވަހަކު ދިން ކަމުގެ ރިކޯޑް ހަދަން ދައުލަތުގެ މާލިއްޔަތު ހިތުހުރިގޮތަކަށް ކަރަޕްޝަނަށް ފަހިވާގޮތަށް ބައިއަޅައިދޭނެ ބަޔަކަށް 200 އަށްވުރެ ގިނަޕްރޮޖެކްޓް މާދަން ބަހާލަން އެބައުޅޭ،" އޭނާ ވިދާޅުވި އެވެ. 
ހުސައިން މުހައްމަދު ވިދާޅުވީ މަޝްރޫއުތައް ބަހާލަން އުޅޭ އުޅުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އޮޑިޓާ ޖެނެރަލް އިން ބަލަން ޖެހޭ ކަމަށެވެ.
ބީލަމަކަށް ނުލައި ބަހާލަން ސަރުކާރުން ނިންމާފައިވާ 200 އަށްވުރެ ގިނަ ޕްރޮޖެކްޓަށް ފަންޑުކުރަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ އެތައް ސަތޭކަ މިލިއަން ރުފިޔާގެ ލޯނުން ކަމަށް މި ނޫހަށް މައުލޫމާތު ލިބެ އެވެ. 
މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި މަޝްރޫއުތައް ހިންގަން ހަވާލުކުރާ ފަރާތްތަކާއި ބީއެމްއެލް އަދި ފިނޭންސް މިނިސްޓްރީން ޓްރައި-ޕާޓީ އެގްރީމެންޓެއް ހަދައި ލޯނު ދޫކުރުމަށް ވަނީ ނިންމައިފަ އެވެ. 
ރެކޯޑު ހެދުމުގެ މަގްސަދުގައި ޕްރޮޖެކްޓު ބެހުމުގެ ތައްޔާރީތައް ސަރުކާރުން މިހާރު ކުރިއަށްގެންދާ ކަމަށް މިނޫހާ ވާހަކަ ބައެއް މަސްދަރުތަކުން ވަނީ ޔަގީންކޮށްދީފަ އެވެ. އެކަން ކުރިއަށް ގެންދަނީ ރައީސް އޮފީހާއި ފިނޭންސް މިނިސްޓްރީ އާއި ސަރުކާރުގެ ބައެއް އެހެން މިނިސްޓްރީތައް ގުޅިގެންނެވެ. 
ހަމައެކަނި ރިކޯޑެއް ހެދުމުގެ ބޭނުމުގައި ބީލަމަށް ވެސް ނުލައި ޕްރޮޖެކްޓުތަކެއް ބަހާލަން ނިންމިއިރު، ވަޒީރުންގެ މަޖިލީހުން ބޭނުންވާ ޕްރޮޖެކްޓުތައް ބީލަމަކަށް ނުލައި އެވޯޑު ކުރެވޭ ގޮތަށް އޮކްޓޯބަރު 12، ގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު ވަނީ އިސްލާހުކޮށްފަ އެވެ.
ސަރުކާރުން ރިކޯޑެއް ހަދަން މަސައްކަތް ކުރާއިރު، ގައުމުގެ އިގްތިސާދު އޮތީ ނިކަން ނާޒުކު ހާލަތެއްގަ އެވެ. މި ސަރުކާރު ވެރިކަމަށް އައި ފަހުން ޕްރައިވެޓް ކޮންޓްރެކްޓަރުންނަށް ފައިސާ ދިނުން އޮތީ މަޑުޖައްސާލައިފަ އެވެ. އެ ފައިސާ ދިނުމަށް މިހާރު ފައިސާ ޗާޕު ކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.
    
    ރިކޯޑު ހަދަން ޕްރޮޖެކްޓުތައް ބަހާލަން އުޅެނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް: ހުސެއިން ރިކޯޑު ހަދަން ޕްރޮޖެކްޓުތައް ބަހާލަން އުޅެނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް: ހުސެއިން
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ