ކަށި މިޔަރުގެ މަސްވެރިކަމަށް ފުރުސަތު ނުދޭން ގޮވާލައި ގަރާރެއް ހުށަހަޅައިފި ކަށި މިޔަރުގެ މަސްވެރިކަމަށް ފުރުސަތު ނުދޭން ގޮވާލައި ގަރާރެއް ހުށަހަޅައިފި

ކަށި މިިޔަރުގެ މަސްވެރިކަމަށް ފުރުސަތު ނުދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.
ކަށި މިޔަރުގެ މަސްވެރިިކަމަށް ފުރުސަތު ނުދިނުމަށް ގޮވާލައި މަޖިލީހަށް ގަރާރެއް ހުށަހެޅުއްވީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް އެވެ. އެ ގަރާރުގެ މައްސަލަ މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާއަށް ވަނީ ތާވަލުކޮށްފަ އެވެ.
އައްބާސް ހުށަހެޅުއްވި ގަރާރުގައި ބުނެފައި ވަނީ މިޔަރު އާއިލާގެ މަސްތަކަކީ ލަހުން ދަރިމައިވާ އަދި ލަހުން ބޮޑެތިވާ މަސްތަކަކަށްވެފައި އެ ބާވަތުގެ މަސްތަކަކަކީ ވިހާ ފަހަރެއްގައި ވަރަށް މަދުން ވިހާ މަސްތަކަކަށް ވާތީ މިޔަރަކީ ދެ އުމުރުފުރާގެ ދޭތެރެ ދުރު ސްޓޮކުގެ އުފެއްދުންތެރިކަން ދަށް އެއްޗެއް ކަމަށެވެ.
އަދި މިޔަރަކީ ކަނޑުގެ ދިރުންތަކާ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ދިރުމަކަށް ވާއިރު، މިޔަރުގެ މަސްވެރިކަން ހުއްދަ ކޮށްފި ނަމަ، އޭގެ ސަބަބުން ކަނޑުގައި އުޅޭ އެހެން ދިރުންތަކަށް އޭގެ ނުރަނގަޅު އަސަރު ވަރަށް ބޮޑަށް ކޮށް، މަސްވެރިކަމަށް ވެސް ގެއްލުން ލިބިގެންދާނެ ކަމަށް އެ ގަރާރުގައި ބުނެފައިވެ އެވެ.
އޭގެއިތުރުން ދިވެހިރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ކުރާ އެންމެ ބޮޑު އެއް ބޭނުމަކީ ރާއްޖޭގެ ކަނޑު އަޑީގެ ރީތިކަން ބަލައިލުން ކަމަށް ވާއިރު، މިޔަރުގެ މަސްވެރިކަން ހުއްދަ ކޮށްފިނަމަ، މިޔަރުގެ އާބާދީ ވަރަށް ބޮޑުތަނުން މަދުވެ ފަތުރުވެރިކަމަށް ނުހަނު ބޮޑު ގެއްލުންވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް އެ ގަރާރުގައި ބުނެފައިވެ އެވެ.
ހަމަ އެހެންމެ، މިޔަރުގެ މަސްވެރިކަން ހުއްދަ ކޮށްފިނަމަ، މިޔަރުގެ ބާވަތްތައް ހިމާޔަތްކޮށް މުޅި ދުނިޔެއަށް ރާއްޖެއިން ދައްކާފައިވާ ނަމޫނާއަށް ނިމުން އައިސް، ތިމާވެށި ހިމާޔަތް ކުރުމުގެ ދާއިރާއިން ދިވެހީންނަށް ލިބިފައި އޮތް ރީތި ނަން ހުތުރުވެގެންދާނެ ކަމަށް އެ ގަރާރުގައި ބުނެފައިވެ އެވެ.
ކަށި މިޔަރުގެ މަސްވެރިކަން ހުއްދަ ނުކުރުމަށް ގޮވާލައި ބައިނަލްއަގުވާމީ ޖަމިއްޔާ ޖަމާއަތްތަކުން ގޮވާލާފައިވާ ގޮވާލުންތަކަށް ވެސް އެ ގަރާރުގައި ރިއާޔަތްކޮށްފައިވެ އެވެ.
ކަށި މިޔަރުގެ މަސްވެރިކަމަށް ފުރުސަތު ނުދިނުމަށް ގޮވާލައި މަޖިލީހަށް ގަރާރެއް ހުށަހަޅާފައިވާއިރު، މިޔަރުގެ އެއްވެސް ބާވަތެއް ބޭނުން މަނާކޮށްފައި އޮންނަތާ 15 އަހަރާއި ނުވަ މަސްދުވަސް ފަހުން އޮކްޓޫބަރު 31، ގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކަށިމިޔަރުގެ މަސްވެރިކަން ރާއްޖޭގައި ރަސްމީކޮށް ހުއްދަ ކޮށްފަ އެވެ. ކަށިމިޔަރުގެ މަސްވެރިކަން ހުއްދަ ކުރީ މަސްވެރިކަމާ ބެހޭ އާންމު ގަވާއިދަށް ގެނައި ބަދަލަކުންނެވެ. އެ ގަވާއިދު ގެޒެޓުކޮށް މިހާރު ވަނީ އަމަލު ކުރަން ފަށައިފަ އެވެ.
ގަވާއިދުގައި ކުރިން ބުނެފައިވާ ގޮތުންް މިޔަރުގެ އެއްވެސް ބާވަތެއް ރާއްޖޭގައި ބޭނުމާއި ހިފުމާއި މެރުމަކީ މަނާކަމެކެވެ. އެކަމަކު، ގަވާއިދަށް ގެނައި ބަދަލުގެ ސަބަބުން ކަށިމިޔަރު އާއިލާގެ ހުރިހާ ބާވަތެއް ބޭނުން މިހާރު ހުއްދަވާނެ އެވެ.
ކަށި މިޔަރުގެ މަސްވެރިކަން ރާއްޖޭގައި ރަސްމީކޮށް ހުއްދަ ކުރުމާއެކު ފިޝަރީސް މިނިސްޓްރީން ވަނީ ކަށިމިޔަރުގެ މަސްވެރިކަން ކުރެވޭނީ ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު 1، އިން ފެށިގެން ޖޫން 30، ގެ ނިޔަލަށް ޖުމްލަ އަހަރަކު ހަތް މަސްދުވަހަށް ކަމަށް ކަނޑައަޅައިފަ އެވެ.
ކަށިމިޔަރުގެ މަސްވެރިކަން ހުއްދަ ނުކުރަން 60 ޖަމިއްޔާ އާއި 50 ސައިންޓިސްޓުން ސޮއިކޮށް މުއިއްޒަށް ސިޓީއެއް ފޮނުވި އެވެ. އެ ސިޓީގައި ބުނެފައި ވަނީ ކަށިމިޔަރުގެ މަސްވެރިކަން ހުއްދަކޮށްފި ނަމަ އެ އާއިލާގެ މިޔަރު ނިކަން އަވަހަށް ނެތިގޮސްދާނެ ކަމަށެވެ.
ކަށިމިޔަރުގެ މަސްވެރިކަން ހުއްދަ ކުރައްވާނެ ކަމަށް އިއުލާނު ކުރެއްވީ އޯގަސްޓު 26، ގައި ހދ. ކުޅުދުއްފުށީގައި ވާހަކަ ދައްކަވަމުން މުއިއްޒެވެ.
ރާއްޖެއިން ބައިވެރިވެފައިވާ ކޮންވެންޝަން އޮން އިންޓަނޭޝަނަލް ޓްރޭޑް އިން އެންޑޭންޖާޑް ސްޕީޝީސް (ސައިޓީސް) ގައި ބުނާ ގޮތުން ކަށިމިޔަރަކީ ނެތިދިޔުމުގެ ބިރު ހީވެފައިވާ ބާވަތެކެވެ. އަދި އެ ކޮންވެންޝަނުގެ އެޕެންޑިކްސް ދޭއްގައި ކަށިމިޔަރު ހިމެނުމަށް މިހާރު ވަނީ ނިންމައިފަ އެވެ
އެ ކޮންވެންޝަނުގެ އެޕެންޑިކްސް ދޭއްގައި ކަށިމިޔަރު ހިމަނައިފި ނަމަ، ކަށިމިޔަރު އެއް ގައުމުން އަނެއް ގައުމަށް ގެންދެވޭނީ ނޮން-ޑެޓްރިމެންޓަލް ސްޓަޑީއެއް ހެދުމަށްފަހު އެވެ. އެކަމަކު އެފަދަ ދިރާސާއެއް ހެދުމަށް ބޭނުންވާ މައުލޫމާތު ރާއްޖެއިން ރައްކާކޮށްފައިނުވާކަން މި ނޫހަށް ވަނީ އެނގިފަ އެވެ.
އެހެންކަމުން، ކަށިމިޔަރުގެ މަސްވެރިކަން ފެށި ނަމަވެސް މަދު ދުވަސްކޮޅެއްގެ ތެރޭގައި މަސްވެރިކަން ހުއްޓާލަންޖެހުން ވަރަށް ގާތެވެ.
ކަށިމިޔަރު ދަރިމާވާން ފަށަނީ އެ ސޮރުމެންނަށް ގާތްގަނޑަށް 20 އަހަރު ފުރޭ ފަހުންނެވެ. އެއީ ކަށިމިޔަރު ފުރާފުރިހަމަވާން އެ މުއްދަތު ނަގާތީ އެވެ. އަދި ދަރިމައިވުމުގެ އުމުރަށް ދިޔުމުން، ވިހަނީ ދެ އަހަރު ބަލިވެ އިނުމަށްފަހު އެވެ.
ބާނަން ފަށައިފި ނަމަ، ކަށިމިޔަރުގެ އާބާދީ އެހާ އަވަހަށް ހުސްވެ، ނިމިދަނީ އެހެންވެ އެވެ. ކަށިމިޔަރުގެ 15 ބާވަތުގެ 11 ބާވަތަކީ ނެތިދިޔުމުގެ ބިރު ހީވެފައިވާ ބާވަތްތަކެވެ. މިޔަރުގެ ހުރިހާ ބާވަތެއްގެ ތެރެއިން، ނެތިދިޔުމުގެ ބިރު އެންމެ ބޮޑަށް ހީވެފައިވާ ބާވަތްތަކުގެ ތެރޭގައި ވެސް ކަށިމިޔަރު ހިމެނެ އެވެ.
ކަށިމިޔަރުގެ މަސްވެރިކަން ރާއްޖޭގައި ފެށީ 1980 ގެ އަހަރުތަކުގަ އެވެ. އެ ބާވަތުގެ މަސްވެރިކަން ކުރަން ފެށިތާ 10 އަހަރުގެ ތެރޭގައި ބާނާ ކަށިމިޔަރުގެ އަދަދު 50 ޕަސެންޓު މަދުވިކަން ދިރާސާތަކުން ދައްކަ އެވެ. އޭގެ ފަހުން ކަށިމިޔަރުގެ މަސްވެރިކަން ރާއްޖޭގައި މަނާ ކުރީ 2010 ވަނަ އަހަރެވެ. އެއިރު އެބާވަތުގެ މަސްވެރިކަން ކުރާ 38 އުޅަނދު ރާއްޖޭގައި ހަރަކާތްތެރިވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ