ފިލްމީ ތަރިންގެ ޚަރަދުތަކާއި ޑިމާންޑުތައް ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުން: ސަންޖޭ ގުޕްތާ
ބޮލީވުޑްގެ އެކްޓަރުންގެ ޑިމާންޑުތަކާއި ބޭނުންތަކަށް ޕްރޮޑިއުސަރުން ކުރަންޖެހޭ ޚަރަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ ކަމަށް މަޝްހޫރު ފިލްމު ޑައިރެކްޓަރު ސަންޖޭ ގުޕްތާ ބުނެފިއެވެ. ސައިރަސް ބްރޯޗާސް ޕޮޑްކާސްޓްގައި ވާހަކަ ދައްކަމުން ސަންޖޭ ބުނީ ބައެއް ފަހަރު އެކްޓަރުން ޖުމްލަ ހަތް ވެނިޓީ ވޭންއަށް ޑިމާންޑުކޮށްފައި އެބަހުރި ކަމަށާއި އެއިން ކޮންމެ ވެނިޓީ ވޭން އަކީ ވަކި ހާއްސަ ބޭނުންތަކަށް ގެންނަ ވޭން ކަމަށެވެ. އޭގެތެރޭގައި ހަމައެކަނި އެކްޓަރަށް ޙާއްސަ ވޭނެއް ހިމެނޭ ކަމަށާއި އެކްޓަރުގެ މޭކަޕް ކުރަން ވަކި ވޭނެއް އޮންނަ ކަމަށާއި އެކްޓަރާ ބައްދަލުކުރަން އަންނަ މެހެމާނުންނަށް ވަކި ވޭނެއް އޮންނައިރު ބައެއް އެކްޓަރުން ކަސްރަތު ކުރުމަށް ވެސް ވަކި ވެނިޓީ ވޭންއެއް ހޯދާ ކަމަށް ސަންޖޭ ވަނީ ބުނެފައެވެ. ބައެއް އެކްޓަރުންނަކީ އެހާ ގިނަ ވެނިޓީ ވޭން ނުގެންގުޅޭ ތަރިންނަށް ވުމުން ގިނަ ފަހަރަށް މި ހުރިހާ ވެނިޓީ ވޭންތަކުގެ ބިލް ފޮނުވަނީ ޕްރޮޑިއުސަރުންނަށް ކަމަށް ސަންޖޭ ވަނީ ބުނެފައެވެ. އަމީތާބް ބައްޗަން އަދި ޑައިރެކްޓަރު ސަންޖޭ ގުޕްތާ--ފޮޓޯ/ހިންދުންސްތާންޓައިމްސް މީގެއިތުރުން ބައެއް ތަރިން ހާއްސަ ޝެފަކަށް ޑިމާންޑުކުރާ ކަމަށާއި ސެޓުގައި ޝެފެއް ހަމަޖެއްސުމަށްފަހު ކެއުމުގެ ހުރިހާ ޚަރަދެއް ވެސް ކުރަންޖެހެނީ ގިނަ ފަހަރަށް އެ ފިލްމެއްގެ ޕްރޮޑިއުސަރުން ކަމަށް ސަންޖޭ ވަނީ ބުނެފައެވެ. ހަމައެއާއެކު ފިލްމީ ދެމަފިރިން ސެޓުގައި ތިބެއްޖެނަމަ އެ ދެމަފިރިންނަށް ވެސް ވަކި ވަކި ވެނިޓީ ވޭންތަކެއް ހަމަޖައްސަން ޖެހޭއިރު އެއީ ބައެއްފަހަރު ޕްރޮޑިއުސަރުންނަށް ދިމާވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް ފިލްމު "ކާބިލް"ގެ ޑައިރެކްޓަރު ބުންޏެވެ. މި ފަހަކަށް އައިސް މިކަންކަން ބޮޑުވެ ޓްރެންޑަކަށްވެފައިވާއިރު މި ޓްރެންޑްއާ އެއްގޮތަށް އަމަލުނުކުރާ ހަމައެކަނި އެކްޓަރަކީ އަމީތާބް ބައްޗަން ކަމަށް ސަންޖޭ ވަނީ ޕޮޑްކާސްޓުގައި ބުނެފައެވެ. އެގޮތުން އަމީތާބްގެ ޑްރައިވަރާއި، މޭކަޕް އާޓިސްޓާއި އެސިސްޓުންގެ ކެއުމުގެ ޚަރަދު އަދި އަމީތާބްގެ އަމިއްލަ ޒާތީ ކަންކަމަށް ހޭދަކުރާ ޚަރަދުގެ ކަންކަން އަބަދުވެސް ހަމަޖައްސަނީ އެކްޓަރު އަމިއްލައަށް ކަމަށް ސަންޖޭ ބުނެފައިވެއެވެ. މި ލިސްޓަށް އަޖޭ ދޭވްގަން އަދި ރިތިކް ރޯޝަން ފަދަ އެކްޓަރުން އިތުރުކޮށްލަން ބޭނުންވާ ކަމަށް ބުނެ ސަންޖޭ ބުނީ މި އެކްޓަރުން ސެޓަށް އަންނަނީ ހަމައެކަނި އެންމެ މޭކަޕް އާޓިސްޓަކާ އެކު ސްޕޮޓް ބޯއިއެއް ގޮވައިގެން ކަމަށެވެ. މިމަންޒަރަކީ މީގެ އަހަރުތަކެއް ކުރިން ސަންޖޭ ފިލްމު އިންޑަސްޓްރީއާ ގުޅުނުއިރު ފެނުނު މަންޒަރުތަކެއް ނޫން ކަމަށާއި ފިލްމެއް އުފެއްދުމަށްދާ ޚަރަދަށްވުރެ ބޮޑަށް އެ ފިލްމުގެ ލީޑް ތަރިންގެ ފަރާތުން އަންނަ ޑިމާންޑުތަކަށް ކުރަންޖެހޭ ޚަރަދު އެތައް ގުނަ ބޮޑު ކަމަށް އޭނާ ވަނީ ބުނެފައެވެ. ސަންޖޭގެ ކެރިއަރުގެ ކާމިޔާބު ފިލްމުތަކުގެތެރޭ "ޖަޒްބާ"، "މުމްބާއީ ސާގާ"، "އެސިޑް ފެކްޓަރީ" ހިމެނޭއިރު އޭނާ އެންމެފަހުން ގެނެސްދިން ފިލްމަކީ އެކްޓަރު ފަރުދީން ޚާން މުހިއްމު ރޯލަކުން ފެނުނު ފިލްމު "ވިސްފޮޓް"އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ