އެއްވެސް ގައުމެއްގައި ޖުޑީޝަރީއަށް ހިލޭ އެހީއެއް ނުދޭ، ނޭނގެންޏާ ނިޒާމު ހަލާކު ނުކުރޭ: ޔާމީން
ދުނިޔޭގެ އެއްވެސް ގައުމެއްގައި ޖުޑީޝަރީއަށް ހިލޭ އެހީ ނުދޭ ކަމަށާއި ކަމެއް ކުރަން އެނގިވަޑައިނުގަންނަވާ ނަމަ ގާއިމުކޮށްފައި ހުންނަ ނިޒާމުތައް ހަލާކުނުކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ނަސޭހަތްތެރިވެވަޑައިގެންފިއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޖުޑީޝަރީއަށް ހިލޭ އެހީގެ ގޮތުގައި ފައިސާ ދޭން ނިންމަވާފައެވެ. އެ ގޮތަށް ނިންމެވީ ޖުޑީޝަރީ މިނިވަންކުރަން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ. ރައީސް މުއިއްޒުގެ އެ ނިންމެވުމަށް ފާޑުވިދާޅުވެ، ރޭ ބޭއްވި ޓައުންހޯލް ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ، ޖުޑީޝަރީއަށް ހިލޭ އެހީ ދިނުމަކީ ދުނިޔޭގެ އެއްވެސް ގައުމެއްގައި ކަންކުރާ އުސޫލެއް ނޫން ކަމަށެވެ. އެ ކަމުގެ ސަބަބުން އަދުލު އިންސާފު އަވަސްވާނެ ކަމަށް ބުނެ ސުޕްރީމް ކޯޓުން ދެއްކި ވާހަކައަށް ވެސް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެ މަނިކުފާނު ވަނީ ޖުޑީޝަރީ އިތުރަށް ކޮރަޕްޓްކުރަން މި އުޅެނީ ކީއްކުރަންތޯ ސުވާލު އުފައްދަވާފައެވެ. https://sun.mv/211158 "ދެން ޖުޑީޝަރީގެ ކަންކަމަށް ފާޑުކިޔަން އެނގޭ މީހުން، ގާނޫނީ ދާއިރާގައި ޕްރެސެކިއުޓަރުން މިހެން އުޅުނު މީހުން މި ބުނަނީ މިއީ އަދުލު އިންސާފުގެ ދާއިރާ މިނިވަންކުރުމަށް ނޫނީއްޔާ އެ ތަނުގެ ކޮރަޕްޝަން ފްރީކުރުމަށް އެޅުއްވި އެންމެ ބޮޑު ފިޔަވަޅޭ،" ޔާމީން އަލިއަޅުއްވައިލެއްވިއެވެ. "ނޫން ނުދެނަހުރިން އެނގޭތޯ. ދުނިޔޭގެ އެއްވެސް ތާކުން ޖުޑީޝަރީއަށް އެ ދޭންޖެހޭ މުސާރައާއި އެލަވަންސާ އެއީ ބަޖެޓުގައި ޖަހައިގެންދޭ އެއްޗެއް. އެއީ މުއިއްޒު ދޭ އެއްޗެއް ނޫން. އެއީ ރައްޔިތުން ދޭ އެއްޗެއް،" އެ މަނިކުފާނު ވިދާޅުވީ، ބަޖެޓުގައި ޖަހައިގެން ޖުޑީޝަރީއަށް ފައިސާ ދިނުމުން ނުލިބޭ މިނިވަންކަމެއް ރައީސް މުއިއްޒު ފައިސާތަކެއް ދެއްވައިގެން ވަކި ނުލިބޭނެ ކަމަށެވެ. އެއީ، ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށާއި ޖުޑީޝަރީ ކޮރަޕްޓްވެގެން މި އުޅެނީ ރައީސް މުއިއްޒު ފައިސާތަކެއް ނުދެއްވައިގެން ނޫން ކަމަށް ޔާމީން ވިދާޅުވިއެވެ. "ޖުޑީޝަރީ މިނިވަންނުވެގެން މި އުޅެނީ، ނޫނީ ޖުޑީޝަރީ ކޮރަޕްޓްވެގެން މި އުޅެނީ މީހުން ދެކޭ ގޮތުގައި މުއިއްޒު ދިމްޔާތުން ނޫނީ ކޮންމެ ވެސް ތަނަކުން ނަގާފައި ލާރި ނުދޭތީ. މިހާރު މާ މޮޅު ކަމަކަށް ވެގެން މި އުޅެނީ،" ޔާމީން ފާޑުވިދާޅުވިއެވެ. "ކަމެއް ނޭނގޭއިރު، މިތާ އޮތް ނިޒާމު ހަލާކު މި ކުރަނީ" ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް: އެ މަނިކުފާނު ގެންދަވަނީ ސިލްސިލާ ޖަލްސާތައް ބާއްވަވަމުން -- ސަން ފޮޓޯ/ މޫސާ ނަދީމް އެ މަނިކުފާނު ވިދާޅުވީ، އެއްވެސް ބަޔަކަށް އެއްޗެއް ދީފި ނަމަ އަތުލުން ވާނީ ވަރަށް އުނދަގޫ ކަމަކަށް ކަމަށެވެ. އެހެންވެ، މި ފަދަ ކަންކަން ކުރައްވާއިރު ނޭނގޭ ކަމަށްވާނަމަ ކޮންސަލްޓަންޓުން ގެނެސްްގެން ވާނުވާ ބައްލަވާލައްވަން ރަނގަޅު ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ބަޖެޓުގައި ލިޔެގެން ދިނުމުގެ ބަދަލުގައި ބަޖެޓުން ހިލޭ އެހީގެ ގޮތުގައި ވަކި އިންސައްތައެއް ދިނުމަކީ އެއްވެސް ގައުމެއްގައި ކަންކުރާ ގޮތެއް ނޫން ކަމަށާއި އެ ކަމުގެ ސަބަބުން ކުރާނެ ހެޔޮ އަސަރެއް ވެސް ނުވިސްނޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ޔާމީން ވަނީ ރައީސްގެ އެ ނިންމެވުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ރައީސް ޑރ. މުޙައްމަދު މުއިއްޒު އިއްޔެ ވިދާޅުވީ، ޖުޑިޝަރީ މިނިވަންކަމާ އެކު މަސައްކަތްކުރުމަށް އެންމެ މުހިންމު ކަމަކީ މާލީ މިނިވަންކަން ލިބުން ކަމަށެވެ. އެހެންވެ، އެކަމަށް މަގުފަހިކުރުމަށްޓަކައި މާލީގޮތުންނާއި އިދާރީގޮތުން މިހާތަނަށް ނެތް މިނިވަންކަން މި އަންނަ އަހަރަށް ދައުލަތުން ފާސްކުރާ ބަޖެޓުން ފެށިގެން ޖުޑީޝަރީއަށް ލިބޭނެ ގޮތަށް ބޮޑު ބަދަލެއް ގެނައުމަށް ކެބިނެޓުގައި މަޝްވަރާކޮށް ބުދަ ދުވަހު ވަނީ ނިންމާފައި ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، އެކަން ކުރެއްވުމަށްޓަކައި ދައުލަތުގެ އާމްދަނީން ވަކި އިންސައްތައެއް ކަނޑައަޅާ، އެ ފައިސާ ކަނޑައެޅޭ ވަކި އުސޫލެއްގެ ދަށުން ބްލޮކް ގަރާންޓު ނުވަތަ ހިލޭ އެހީގެ ގޮތުގައި ދޫކުރަން ނިންމަވާފައިވާ ކަމަށެވެ. އެ ފައިސާ ޚަރަދު ކުރާނީ ޖުޑިޝަރީގެ ފުރިހަމަ މާލީ ބާރު ހިނގާނެ ނިޒާމެއްގެ ތެރެއިން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެ ނިންމެވުމަށް ސުޕްރީމް ކޯޓުން ވަނީ ރައީސަށް ޝުކުރު އަދާކުރައްވާ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ. އެ ޕޯސްޓާ ގުޅިގެން ވެސް ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ