ނުބައި ޢަމަލުތަކުގެ ވާހަކަ ދައްކަންބަލާއިރު ނުބައި ޢަމަލުތައް ކަމުގައި އެއްބައަކަށް ޤަބޫލުކުރެވޭ ކަންކަން އަނެއް ބައަކަށް އެއީ ނުބައި ޢަމަލުތަކެއް ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. އެހެންވެ ލޯބިވެ ކައިވެނިކުރަނީއެވެ. ކައިވެނިކުރާތަނުން އެކަކަށް އެއީ ނުބައި ޢަމަލުތަކެއް ކަމަށް ޤަބޫލުކުރެވިދާނެއެވެ. އެކަމަކު އަނެކާއަށް އެކަން އެގޮތަށް ޤަބޫލެއް ނުކުރެވެއެވެ. ދެން ވާނީ ކިހިނަކުން ހެއްޔެވެ؟
އެކަމުގެ އެންމެ ޢާދައިގެ މިޘާލަކީ ކޮފީމޭޒުތަކުގައި ހިލޭ އަންހެނުންނާއި ފިރިހެނުން އިމެއް ނެތި މަސްހުނިވަމުން ލޯބިވެ ކުރާ ކައިވެންޏެވެ. ކައިވެނިކުރުމަށްފަހު ގިނަ ފަހަރަށް އަނބިމީހާއަށް އެކަން ގޯސްވެއެވެ. ފިރިމީހާ ގެއްލިދާނެތީ ކަންބޮޑުވެއެވެ. އެހެންވެ ކޮފީތަކަށް ދިއުމަށް ނުޤަބޫލުވެއެވެ. އެކަމަކު ފިރިމީހާ ހުންނަނީ އެކަން ހުއްޓައިލާ ގޮތަކަށް ނޫނެވެ. ނަތީޖާއަކަށް ވަނީ ދާދި އަވަހަށް ކައިވެނި ރޫޅުމެވެ.
މިޘާލަކަށް އަނެއްކާވެސް ބުނަންއޮތީ ކޮފީ މޭޒުތަކުގެ ވާހަކައެވެ. މިމައްސަލަ ބޮޑުވެ ކަންބޮޑުވާންޖެހޭ މީހުން ގިނަކަމުންނެވެ. ކޮންމެ ރެއަކު ކޮފީތަކުން ބައްދަލުވާ ދެމީހުން ލޯބިވެދާނެއެވެ. ކައިވެނިވެސް ކޮށްފާނެއެވެ. ކައިވެނީގެ ފަހުން އެކަކު އަނެކަކަށް ކޮފީއަށް ދިއުން މަނާކުރިއްޔާ އެކަން ހުއްޓުވޭނެ ހެއްޔެވެ؟ ދެން ނިކަން ބުނެބަލާށެވެ! ބޮޑެތި ފާފަތައް ކުރުމުން ބައްދަލުވާ މީހުންގެ ކަންކަން ހުންނާނީ ކިހިނަކުން ހެއްޔެވެ؟
އަހުރެން މިދައްކަނީ ރިވެތި ގޮތުގައި ކޮފީތަކަށް ގޮސް ހިތްހަމަޖެހުން ހޯދާ މީހުންގެ ވާހަކައެއް ނޫނެވެ. ކަންކަމަށް މަޝްވަރާކުރަން ކޮފީއަށްދާ މީހުންގެ ވާހަކައެއް ނޫނެވެ. ދެޖިންސުގެ މީޓިންގޕޮއިންޓަކަށް ކޮފީމޭޒުތައް ނުރަނގަޅު ގޮތުގައި ކަްނކަންކުރާ މީހުންގެ ވާހަކައެވެ.
މިއަދު ކުރިމަތިވާ އެންމެ ބޮޑު އެއް މައްސަލައަކީ ނުބައި ޢަމަލުތައް ކުރުމުގެ ތެރެއިން ބައްދަލުވާ މީހުންނާއި ގުޅުން ބަދަހިކޮށް ލޯބިވެވޭކަމެވެ. އެލޯބީގައި އެތައް ހިސާބަކަށް ކުރިއާދަތަނުން ގުޅުން ކެނޑުމުން ދެރަވެ ހިތާމަކުރާކަމެވެ.
ދުނިޔަވީ ގޮތުން ބެލިނަމަވެސް ނުބައި ޢަމަލުތައް ކުރަމުން އަންނަ މީހަކަށް އެކަންކަން ކުރުން ހުއްޓައިލުން ފަސޭހައެއް ނުވާނެއެވެ. އުފާ ހޯދުމުގެ ބޭނުމުގައި ދޮގުތަކެއް ހަދައިފާނެއެވެ. ނަމަވެސް އެފަދަ މީހުންނަށް އެއްވެސް މީހަކު ދެކެ ޙަޤީޤީ ލޯތްބެއް ނުވެވޭނެއެވެ. ނުބައި ޢަމަލުތައް ނުކުރަންވީވެސް ނުބައި ޢަމަލުކުރާ މީހުންނާ ގުޅުން އުފައްދައިގެން ނުވާނީވެސް މިބުނި ސަބަބުތަކަށްޓަކައެވެ.
މިއީ ދައްކަން ލަދުވެތި ވާހަކަތަކެވެ. ނަމަވެސް ނުދައްކައި ތިބެވެން ނެތީއެވެ. މަގުފުރެދިގެންދާ މީހުންވެސް ބާކީކޮށްނުލައި އެމީހުންނަށްވެސް ވިސްނައިދޭން މަސައްކަތްކުރަން އެބަޖެހެއެވެ. ވިސްނިގެން އިޞްލާޙްވެސް ވެއެވެ.
ނަމަވެސް އިޞްލާޙް ވެވެނީ މިބުނި ކަންކަމަށް ވިސްނައި ނުބައި ޢަމަލުތައް ކުރުން ހުއްޓާލަން މަސައްކަތްކޮށް ކާމިޔާބުކުރާ މީހުންނަށެވެ. ނުބައި ޢަމަލުތައްކުރާ މީހުންނާއި ގުޅުން ނުބާއްވައި ރަނގަޅު ގޮތުގައި އުޅޭ މީހުންނާއި ގުޅުން އުފައްދާ މީހުންނަށެވެ.
ވީމާ ނަޞޭޙަތަކީ ﷲ ތަޢާލާއަށް ބިރުވެތިވެ އަވަހަށް ތައުބާވުމެވެ. މުޅިން އައު ޙަޔާތެއް ފަށަން މަސައްކަތްކުރުމެވެ. ނުބައިކަންކަން ކުރާ މީހުންނާއި ގުޅުން ނުބޭއްވުމުގެ އިތުރުން ނުބައި ކަންކަން ކުރާ މާޙައުލުތަކަށްވެސް ރައްކައުތެރިވުމެވެ. ނުފިހޭނެ ކަމަށް ބަލައިގެން ގައަށް ހޫނުފެން އަޅާނަމަ ނުފިހި ނުހުންނާނެކަން ޤަބޫލުކުރުމެވެ.
- އަލަފް / މިއަދުނޫހަށް
ނުބައި ޢަމަލުތައް ކުރަމުން ލޯބިވެ ކައިވެނިކުރިޔަސް އުފާވެރި ދިރިއުޅުމެއް ނުލިބޭނެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ