ކްލަބް މޯލްޑިވްސް ކްލަސިކް: ކްރިމިނަލް ކޯޓާއި އެމްއެމްއޭ ދެ ވަނަ ބުރަށް ކްލަބް މޯލްޑިވްސް ކްލަސިކް: ކްރިމިނަލް ކޯޓާއި އެމްއެމްއޭ ދެ ވަނަ ބުރަށް

ކްލަބް މޯލްޑިވްސް ކްލަސިކްގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ، އެމްއެމްއޭ ސޯޝަލް ކްލަބާއި ކްރިނިލް ކޯޓު މުބާރާތުގެ ދެ ވަނަ ބުރުން ޖާގަ ހޯދައިފި އެވެ.
މުބާރާތުގައި ރޭ ކުޅުނު މެޗުތަކަށް ފަހު، ކޮންމެ ޓީމެއް ވެސް ވަނީ ދެ މެޗު ކުޅެފަ އެވެ. ގަދަ 16 ބުރުގެ ހަ ޖާގައެއް މިހާތަނަށް ބަލާއިރު ވަނީ ޔަގީންވެފަ އެވެ. އެއީ، ޓްރާންސްޕޯޓް ރެކްރިއޭޝަން ކްލަބާއި، ޓީމު ބަދަހި، ކްލަބް ބީސީސީ، ހުޅުމާލެ ހޮސްޕިޓަލް، އެމްއެމްއޭ އަދި ކްރިމިނަލް ކޯޓެވެ.
ގްރޫޕް ޖީގައި ރޭ ކްރިމިނަލް ކޯޓުން ވަނީ 7-0 އިން ޕީއެސްއެމް ބަލިކޮށްފަ އެވެ. އެ ގްރޫޕްގެ އަނެއް މެޗުން ތައުލީމީ ގުޅުމާއި މީރާ ވަނީ ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ. ކްރިމިނަލް ކޯޓު އެއް ވަނައިގައި އޮތީ ހަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް މީރާ އަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ތައުލީމީ ގުޅުމަށް ވަނީ ޕޮއިންޓެއް ލިބިފަ އެވެ. ޕީއެސްއެމް ވަނީ ދެ މެޗުން ވެސް ބަލިވެ، ޕޮއިންޓެއް ނުލިބި ކަޓައިފަ އެވެ.
ކްރިމިނަލް ކޯޓަށް ރޭގެ މެޗުގައި ލަނޑުތައް ޖަހައިދިނީ، މުހައްމަދު ޝާއިފް ޝާމިރު ހަަތަރު ގޯލާއި އާދަމް މާއިން ނަސީރު، ޔައިޝް މުސްތަފާ އަދި އަހުމަދު އައުސާމް ހުސެއިން އެވެ.
ގްރޫޕް އެޗްގައި ރޭ އެމްއެމްއޭ އިން ވަނީ ޕެމާ އަތުން 4-3 އިން މޮޅުވެފަ އެވެ. އެމްއެމްއޭގެ ލަނޑުތައް ޖެހީ، އުނައިސް ޒުބައިރު، އަލީ ޔަޒީދު، އަބްދުﷲ ނާސިފް އަދި މުހައްމަދު މޫމިން އެވެ. ޕެމާގެ ތިން ގޯލުގެ ތެރެއިން ދެ ލަނޑު އަހުމަދުﷲ މުހައްމަދު ސަދާތު ޖެހިއިރު، އަނެއް ލަނޑަކީ، އެމްއެމްއޭގެ މުހައްމަދު ފައިޒާމް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
މި މެޗުން ލިބުނު ތިން ޕޮއިންޓާ އެކު، އެމްއެެމްއޭ އެއް ވަނައިގައި އޮތީ ހަ ޕޮއިންޓާ އެކު އެވެ. ފަހު މެޗުގައި އެ ޓީމުން ކުޅޭނީ ދެ މެޗުން ވެސް ބަލިވެފައި އޮތް ވިޔަރެސްއާ އެވެ. ދެ ވަނައިގައި އޮތް ސިޓީ ކައުންސިލާއި ތިން ވަނައިގައި އޮތް ޕެމާ އަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ.
ވިޔަރެސް އިން ރޭ ކުޅުނު މެޗުން، މާލެ ސިޓީ ކައުންސިލް އަތުން 7-2 އިން ވަނީ ބަލިވެފަ އެވެ. ސިޓީ ކައުންސިލްގެ އަބްދުﷲ މުއާޒް (އޮޓޯ) ހެޓްރިކެއް ހެދިއިރު، އަނެއް ލަނޑުތައް ޖެހީ، އިބްރާހިމް އަގީލް ދެ ލަނޑާއި އިބްރާހިމް އިލާން އިސްމާއިލް އަދި އިބްރާހިމް ޝަހުދު އެވެ. ވިޔަރެސްގެ ލަނޑުތައް ޖެހީ، އަބްދުﷲ ޝަހީމް އާއި އަހުމަދު މިއާޒް އެވެ.
ގްރޫޕް އެފްގައި ރޭ އެމްސީއެލްޕީން ވަނީ ފަހަތުން އަަރައި 2-1 އިން ޓީމު ދަރުމަވަންތަ ބަލިކޮށްފަ އެވެ. މި މެޗުގައި، އިސްމާއިލް އަރީޝްގެ ލަނޑުން ދަރުމަވަންތަ އިން ލީޑުނެގިއިރު، ދެ ވަނަ ހާފުގައި، އެމްސީއެލްޕީ މޮޅުވީ ހަސަން ހިޒާމް އަހުމަދު އާއި އަލީ ރިޒާ ޖެހި ގޯލުންނެވެ. ގްރޫޕް އީގައި ކްލަބް ބިނާރާ އިން ވަނީ 3-0 އިން ބަންޑާރަ ކްލަބް ބަލިކޮށްފަ އެވެ. އެ ޓީމުގެ ލަނޑުތައް ޖެހީ، އަލީ އިރުފާދު އާއި ނައްސާހު އިބްރާހިމް ނާސިރު އެވެ. އަނެއް ލަނޑަކީ، ބަންޑާރަ ކްލަބްގެ މުހައްމަދު ޝަހުޒާން ޒާހިދު އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ