ޓޫރިޒަމުގައި ދިވެހިރާއްޖެއާ ވާދަވެރިކަން އޮތުމަށްވުރެ މުހިންމީ ސްރީލަންކާ އާއި ރާއްޖެއާ ދެމެދު އެއްބާރުލުން ދިނުމުގެ ރޫހެއް އޮތުންކަމަށް އަވައްޓެރި ލަންކާގެ ޓޫރިޒަމް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ޗެއާމަން ބުއްދިކާ ހެވަވަސަމް ވިދާޅުވެއްޖެއެވެ.
ސްރީލަންކާގައި އިއްޔެ ނިމިގެންދިޔަ ސައުތު އޭޝިއަން ޓްރެވަލް އެވޯޑް 2025 ހަފްލާގައި ވާހަކަދައްކަވަމުން ބުއްދިކާ ވިދާޅުވީ ދެކުނު އޭޝިއާގައި ހުރި ޓޫރިޒަމްގެ ފުރުސަތުތައް ގުޅިގެން ބޭނުންހިފަންޖެހޭ ކަމަށެވެ. ރާއްޖެއާ ލަންކާގެ ފަތުރުވެރިކަމުގެ ސިނާއަތަށް ނިސްބަތްކުރައްވައި ބުއްދިކާ ވިދާޅުވީ ވާދަވެރިކަމަކަށްވުރެ އެއްބާރުލުންދިނުމުގެ ރޫހެއްގައި ދެ ޤައުމު ގުޅިގެން މަސައްކަތްކޮށްފިނަމަ، އެކަމުގެ ހެޔޮ ނަތީޖާ ދެ ޤައުމަށްވެސް ފެނިެގންދާނެ ކަމަށެވެ.
އަވައްޓެރި ލަންކާގެ ޓޫރިޒަމް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ޗެއާމަންގެ އެ ވާހަކަފުޅަށް ރާއްޖޭގެ ފަރާތުން އެ ހަދްލާގައި ބައިވެރިވި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުގެ ޗެއާމަން ޢަބްދުﷲ ގިޔާޝްވެސް ވަނީ ތާއީދުކޮށް ހަމަ އެމޭރުމުން ވާހަކަފުޅު ދައްކަވާފައެވެ.
ގިޔާޝް ވިދާޅުވީ ޓޫރިޒަމް ސިނާއަތުގައި ރާއްޖެއާ ލަންކާއާ ދެޤައުމު ވާދަވެރިކަމުގައި ދެކޭދެކުން ހުއްޓާލަންޖެހޭކަމަށާއި، އޭގެ ބަދަލުގަިއ ދެ ޤައުމު ގުޅިގެން ކުރެވެންހުރި ކަންކަން ކުރަންޖެހޭ ކަމަށެވެ. އެގޮތުން ރާއްޖެއާ ލަންކާއާ ދެޤައުމުގެ ދެމެދުގައި ޒަމާނުއްސުރެ އެކި ދާއިރާތަކުން އޮތް ވަރުގަދަ ގުޅުން އޭނާ ފާހަގަކުރެއްވިއެވެ. ގިޔާޝް ވިދާޅުވީ ދުނިޔޭގެ އިގްތިސާދުގެ ވަރުގަދަ ބާރަކަށް އޭޝިއާ ވަމުންދާކަމަށާއި، މި އަންނަ ބަދަލުތަކުން ލިބޭ ފައިދާ ހޯދުމަށް ދެ ޤައުމުން އަމަލީ ގޮތުން މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ.
ރާއްޖެއާ ލަންކާ އާ ދެޤައުމު ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތުގެ ކުރިއެރުމަށް މަސައްކަތްތަކެއް ކުރަންޖެހޭކަމަށް ދެ ޤައުމުގެ ކަމާބެހޭ އޮފިޝަލުން ވިދާޅުވިއިރު، ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި ލަންކާއަކީ ވަރަށް މުހިންމު ޤައުމެކެވެ. އެގޮތުން އަވައްޓެރި ސްރީލަންކާގެ ޤައުމީ އެއާލައިނަކީ ރާއްޖެއަށް ފަތުރުވެރިން ގެނައުމުގައި އެންމެ ގިނަދުވަސްވީ އެއާލައިނެވެ. މީގެ އިތުރުން ރާއްޖެއަށް ފަތުރުވެރިން އެންމެގިނައިން އަންނަ އެއް މަގަކީވެސް ކޮލަމްބޯކަން ފަތުރުވެރިކަމުގެ ސިނާއަތުން ފާހަގަކުރެއެވެ.
ލަންކާގެ ޓޫރިޒަމަށް ބަލާއިރު، އެޤައުމަށް ކޮންމެ އަހަރަކުވެސް ގިނަ އަދަދެއްގެ ދިވެހިން އެކި ބޭނުންތަކުގައި ޒިޔާރަތްކުރެއެވެ. އެގޮތުން ޗުއްޓީހޭދަކުރުމަށާއި، ވިޔަފާރީގެ ބޭނުންތަކުގައި މިހާރުވެސް ގިނަ އަދަދެއްގެ ދިވެހިން ލަންކާއަށް ކޮންމެ މަހަކުވެސް ޒިޔާރަތްކުރަމުން ދެއެވެ.
ޓޫރިޒަމުގައި ރާއްޖެއާ ވާދަވެރިކަން އޮތުމަށްވުރެ މުހިންމީ އެއްބާރުލުން ދިނުމުގެ ރޫހެއް އޮތުން: ލަންކާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ