އިގްތިސާދީ ގޮތުން އެންމެ ކުރިއަރާފައިވާ ޖީ20 ސަމިޓް އެމެރިކާއާ ނުލައި ފަށައިފި
ޖޮހަނަސްބާގް (23 ނޮވެންބަރު 2025) : ދުނިޔޭގައި އިގްތިސާދީ ގޮތުން އެންމެ ވަރުގަދަ 20 ގައުމު ހިމެނޭ ޖަމާއަތް (ޖީ ޓުވެންޓީ) ގެ އިސްވެރިންގެ ބައްދަލުވުން އެމެރިކާއާ ނުލައި ދެކުނު އެފްރިކާގެ ޖޮހަނަސްބާގް ގައި އިއްޔެ ފަށައިފިއެވެ. އިއްޔެ ފެށުނު ޖީ20 ގެ ގައުމުތަކުގެ ސަމިޓްގެ އެޖެންޑާގައި ހިމެނެނީ މައިގަނޑު ހަތަރު ކަމެކެވެ. އޭގެ ތެރޭގައި ދުނިޔޭގެ މުއްސަނދި ގައުމުތަކާއި އެންމެ ފަގީރު ގައުމުތަކާ ދެމެދުގައިވާ އިގްތިސާދީ ތަފާތުތައް ކުޑަކުރުމުގެ ޕްލޭނެއް ރޭވުމާއި، އެންމެ ފަގީރު ގައުމުތަކަށް ކުރިމަތިވެފައިވާ ދަރަނީގެ މައްސަލަ ލުއިކޮށްދިނުމަށް މަސައްކަތްކުރުން، މޫސުމަށް އަންނަ ބަދަލުތަކާއި ގުދުރަތީ ކާރިސާތަކާ ގުޅިގެން ފަގީރު ގައުމުތަކަށް ލިބޭ ގެއްލުންތައް ފޫބެއްދުމުގައި އެހީތެރިވެދިނުން، އެފްރިކާގެ ގައުމުތަކުގައި އަގުބޮޑު އަދި ނާދިރު މައުދަންތައް ނުއަގުގައި ނުވަތަ ހެޔޮއަގުގައި ހޯދުމަށް ބޮޑެތި ގައުމުތަކުގެ ކުންފުނިތަކުން ކުރާ ވާދަވެރި މަސައްކަތްތަކަށް އެފްރިކާގެ ގައުމުތައް ހޭލުންތެރި ކުރުވުން ހިމެނެއެވެ. ޖީ20 ގެ މި ސަމިޓްގައި އެންމެ ބޮޑަށް ފާހަގަ ކުރެވިފައިވާ ކަމަކީ މި ސަމިޓްގައި ބައިވެރިވުމަށް އެމެރިކާ ފުރަތަމަ ފަހަރަށް ދެކޮޅު ހަދާފައިވުމެވެ. އެމެރިކާ ވަނީ ދެކުުނު އެފްރިކާގައި ބާއްވާ މި ސަމިޓް ބޮއިކޮޓްކޮށްފައެވެ. ޖީ-20 ގެ ސަމިޓް ދެކުނު އެފްރިކާގައި މުހައްލިލުން ދެކޭގޮތުގައި މިކަމުގެ މައިގަނޑު ސަބަބަކީ ސަމިޓް ބާއްވާ ދެކުނު އެފްރިކާއަކީ އިސްރާއީލުން ޣައްޒާގައި ހިންގާ ހަނގުރާމައިގެ ޖަރީމާތަކާއި ނަސްލު ނައްތާލުމުގެ ގަތުލުއާންމުތަކާ ދެކޮޅަށް ބައިނަލްއަގްވާމީ މަހުފަލްތަކުގައި އެންމެ ބޮޑަށް ވާކާލާތު ކުރާ ގައުމަކީ ދެކުނު އެފްރިކާ ކަމަށްވުމެވެ. އެމެރިކާއަކީ އިސްރާއީލުން ޣައްޒާގައި ހިންގާ ހަނގުރާމައިގެ ޖަރީމާތަކާއި ނަސްލު ނައްތާލުމުގެ ގަތުލުއާންމުތަކަށް އެންމެ ބޮޑަށް ވާގިވެރިވާ ކަމަށް ތުހުމަތު ކުރެވޭ ގައުމެވެ. އަދި އިސްރާއީލުން ފަލަސްތީނުގެ ބިންތަކުގައި ހިންގާ ސްޓޭޓް ޓެރަރިޒަމްގެ އަމަލުތަކަށް ސްޕޮންސާ ކުރާ މައިގަނޑު ގައުމުގެ ގޮތުގައި ބެލެވޭ ގައުމަކީވެސް އެމެރިކާއެވެ. މި ސަމިޓްގައި ހަމައެކަނި އެމެރިކާގެ ރައީސް ބައިވެރިވެވަޑައި ނުގަންވަނީ އެއްނޫނެވެ. އެމެރިކާ ވަނީ ސަމިޓް ބޮއިކަޓްކޮށް ސަމިޓަށް އެއްވެސް މަންދޫބަކު ނުފޮނުވާނެކަމަށްވެސް ބުނެފައެވެ. މުރާސިލުން ބުނާގޮތުގައި އެމެރިކާއިން ދުނިޔޭގެ މިފަދަ ބޮޑެތި ބައިނަލްއަގްވާމީ އިވެންތްތައް ބޮއިކަޓް ކުރުމަކީ ބައިނަލްއަގްވާމީ މުޖްތަމައުގައި އެމެރިކާ އެކަހެރިވަމުންދާކަމުގެ ހެއްކެކެވެ. ބްރަޒީލްގައި އިއްޔެ ނިމުނު ކޮޕް 30 ގެ ތިމާވެއްޓާބެހޭ ސަމިޓަށްވެސް އެމެރިކާ ހާޒިރެއް ނުވެއެވެ. އެމެރިކާވަނީ އެ ސަމިޓް ވެސް ބޮއިކަޓްކޮށްފައެވެ. ވައިޓް ހައުސް ބުނާގޮތުން އެމެރިކާގެ އަތުގައި މިހާރުއޮތް ޖީ-20 ގެ ރިޔާސަތު ދެކުނު އެފްރިކާއާ ހަވާލުކުރުމަށްޓަކައި އެމެރިކާގެ ދެވަނަ ދަރަޖައިގެ ޑިޕްލޮމެޓަކު ސަމިޓްއަށް ކުޑައިރުކޮޅަކަށް މިއަދު ހާޒިރުވެ ވަޑައިގަންނަވާނެއެވެ. ޚަބަރުތައް ބުނާގޮތުން ޖީ-20 ގެ ރިޔާސަތު ދެކުނު އެފްރިކާއާ ހަވާލުކުރުމަށް ޓަކައި ސަމިޓަށް ވަޑައިގަންނަވާނީ ދެކުނު އެފްރިކާގައި ހުންނަވާ އެމެރިކާ އެންބަސީގެ ޝާޒްޑިއެފެއާ އެވެ. ޖީ20 ގައި ހިމެނޭ ގައުމުތަކަކީ އެ ގައުމުތަކުގެ އިގްތިސާދު ނުވަތަ ގައުމީ އާމްދަނީ (ޖީޑީޕީ) އެއް ޓްރިލިޔަން ޑޮލަރަށް އަރާ ގައުމުތަކެވެ. "ޖީޑީޕީ" އެއް ޓްރިލިޔަން ޑޮލަރަށް އަރާ ގައުމުތަކުގެ އަދަދަކީ 20އެވެ. މީގެތެރެއިން އެންމެ ކުރީގައި އުޅެނީ ދުނިޔޭގެ ބޮޑު ދެ ބާރުކަމަށްވާ އެމެރިކާއާއި ޗައިނާއެވެ. މި ސަމިޓްގައި ޖީ20 ގައި ހިމެނޭ އެމެރިކާ ނޫން ހުރިހާ ގައުމުތަކެއް ބައިވެރިވިއެވެ. ނަމަވެސް ޗައިނާ، ރަޝިއާ، ސައޫދީ އަރަބިއާ، އާޖެންޓީނާ، ނައިޖީރިޔާ އަދި މެކްސިކޯގެ އެންމެ އިސްވެރިން އެކި ސަބަބުތަކާ ގުޅިގެން ސަމިޓްގައި ބައިވެރިވެ ވަޑައިނުގަންނަވައެވެ. މި ގައުމުތަކުން ބައިވެރިވަނީ މަތީފެންވަރުގެ މަސްއޫލުވެރިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ