ސިޒޭރިއަން ހަދަން މީހަކު ހޭނައްތާފައި އޮއްވާ މުލީ ރީޖަނަލް ހޮސްޕިޓަލުން ކަރަންޓު ކެނޑިއްޖެ ސިޒޭރިއަން ހަދަން މީހަކު ހޭނައްތާފައި އޮއްވާ މުލީ ރީޖަނަލް ހޮސްޕިޓަލުން ކަރަންޓު ކެނޑިއްޖެ

މ. މުލީ ރީޖަނަލް ހޮސްޕިޓަލަށް ސިޒޭރިއަން ހަދަން މީހަކު ހޭނައްތާފައި އޮއްވާ ކަރަންޓުގެ ހިދުމަތް އިއްޔެ މެދުކެނޑިއްޖެ އެވެ.
މުލިން އަދަދު އަށް މައުލޫމާތު ދިން މީހަކު ބުނީ އެ ރަށު ހޮސްޕިޓަލަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުނީ މީހަކު ވިހަން ވެއްދުމަށް ފަހު އޭނާ ހޭނައްތާފައި އޮއްވާ ކަމަށެވެ. ކަރަންޓުގެ ހިދުމަތް އަނބުރާ ލިބުނީ 10 މިނެޓާއި 15 މިނެޓާއި ދެމެދުގެ ވަގުތެއްގައި ކަމަށް އޭނާ ބުންޏެވެ.
"ސިޒޭރިއަން ނުއެއް ފައްޓާ. އެކަމަކު ސިޒޭރިއަން ފައްޓަންވެގެން މީހާ ހޭނައްތާފައި އޮއްވާ ކަރަންޓު ދިޔައީ. ގާތްގަނޑަކަށް 10 މިނެޓާއި 15 މިނެޓު ފަހުން ކަރަންޓު ދިނީ،" އޭނާ ބުންޏެވެ.
މުއްޔަށް ކަރަންޓުގެ ހިދުމަތް ދެނީ ފެނަކަ ކޯޕަރޭޝަނުންނެވެ. ނަމަވެސް މުލީ ރީޖަނަލް ހޮސްޕިޓަލުގެ ބެކަޕް ޖެނެރޭޓަރު އޮޕަރޭޓު ކުރަނީ ސިއްހީމަރުކަޒުންނެވެ.
އަދަދު އަށް އެނގިފައިވާ ގޮތުގައި ހޮސްޕިޓަލުން ކަރަންޓުގެ ހިދުމަތް ކެނޑުނު ވަގުތު ބެކަޕް ޖެނެރޭޓަރު މަސައްކަތެއް ނުކުރެ އެވެ. ބެކަޕް ޖެނެރޭޓަރަށް މައްސަލައެއް ދިމާވެފައި ހުންނަތާ ދެ އަހަރެއްހާ ދުވަސް ވެދާނެ ކަމަށް މައުލޫމާތު ލިބެ އެވެ.
މުލީ ރީޖަނަލް ހޮސްޕިޓަލުން ބުނާ ގޮތުގައި އެ ތަނުން ކަރަންޓު ކެނޑުނުތާ ދެ މިނެޓު ފަހުން ކަރަންޓުގެ ހިދުމަތް އަނބުރާ ލިބުނެވެ. ނަމަވެސް މުލީ ފެނަކަ ބްރާންޗުން ބުނާ ގޮތުގައި ސިއްހީމަ ރުކަޒަށް ކަރަންޓުގެ ހިދުމަތް އަނބުރާ ދިނީ ހަތަރު ވަރަކަށް މިނެޓުންނެވެ.
މުލީ ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރު، ހުސައިން ލަތީފް އަދަދު އަށް ވިދުވީ ހޮސްޕިޓަލުން ކަރަންޓުގެ ހިދުމަތް މެދުކެނޑުނުތާ ދެ މިނެޓު ފަހުން ކަރަންޓުގެ ހިދުމަތް އަނބުރާ ދެވުނު ކަމަށެވެ. އޭނާ ވިދާޅުވީ ބެކަޕް ޖެނެރޭޓަރަށް ކުރިން މައްސަލައެއް ދިމާވިޔަސް މިހާރު އެ މައްސަލަ ހައްލުކޮށްފައިވާ ކަމަށެވެ.
"ކަރަންޓު ދިޔައީ މީހަކު ސިޒޭރިއަންއަށް ވެއްދިތަނާހެން. މިދަންނަވާހެން ކަރަންޓު ގޮއްސަ ދެ މިނެޓު ތެރޭގައި ކަރަންޓު އަތުވެއްޖެ. ތަންކޮޅެއް ކުރިން މައްސަލައެއް ދިމާވި (ޖެނެރޭޓަރަށް). މައްސަލަ ހައްލުކޮށްފައިވާނީ،" އޭނާ ވިދާޅުވި އެވެ.
މުލީ ފެނަކަ ބްރާންޗުގެ މެނޭޖަރު އަދަދު އަށް ވިދާޅުވީ މުޅި ރަށުން ކަރަންޓުގެ ހިދުމަތް އިއްޔެ މެދުކެނޑުނީ އަންޑަ ވޮލްޓޭޖެއްގެ ސަބަބުން ކަމަށެވެ. އޭނާ ވިދާޅުވީ ހޮސްޕިޓަލަށް ހަތަރު މިނެޓު ތެރޭގައި ކަރަންޓު ދިންއިރު، މުޅި ރަށަށް ފަސް މިނެޓު ތެރޭގައި ކަރަންޓު ދިން ކަމަށެވެ.
މުލީ ރީޖަނަލް ހޮސްޕިޓަލުގެ ޖެނެރޭޓަރަށް ދިމާވެފައިވާ މައްސަލަ ހައްލުނުވެ ގިނަ ދުވަސްތަކެއް ފާއިތުވެފައިވާތީ އެކަމާ ގުޅިގެން ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް އެބަހުއްޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ