'ހަޔާތުގެ ސަފްހާތަކުން ބާބެއް: އެކްޒީމާގެ ދަތުރު' ނަމުގައި ޑރ ޝިރާނީ ލިޔުއްވި ފޮތް ނެރެފި

އެކްޒީމާއަކީ އެބައްޔެއްގެ އުނދަގުލާއިވޭން އެތައް ކުޑަކުދިންނެއް އުފުލާބައްޔެކެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން، 10 އިންސަތަ އަށްވުރެ ގިނަ ކުޑަކުދިން ދުނިޔޭގައި މިބަލި ތަހައްމަލު ކުރަމުންދެއެވެ. މިބައްޔަކީ އޭގެ ސަބަބުން ކުުއްޖާގެ އާންމު ދިރިއުޅުމަށް ހާއްސަގޮތެއްގައި އެކަމުގެ ސަބަބުން ކެއުމާއި ނިދުންފަދަ ކަންކަމަށް އުނދަގޫވެ މައިންބަފައިންނަށްވެސް އެތަކެއް ހިތާމައަކާއި އުނދަގުލެއްކުރިމަތިކުރުވާ ބައްޔެކެވެ. އަދި މިކަމުގެ ސަބަބުން ކުއްޖާއަށާއި މައިންބަފައިންނަށް ޖިސްމާނީ އަދި ނަފުސާނީ ގޮތުން އެތަކެއް ކަންތައްތަކެއް ތަހައްމަލު ކުރަންޖެހެއެވެ.
މިފަދަ އާއިލާތަކަށް އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ ނިޔަތުގައި ޑރ. ޝިރާނީ ލިޔުއްވާއިވާ ފޮތް "ހަޔާތުގެ ސަފްހާތަކުން ބާބެއް :އެކްޒީމާގެ ދަތުރު" ވަނީ މިއަދު ރަސްމީކޮށް ޕަބްލިޝްކޮށްފަ އެވެ. މަންމަ، ޚަދީޖާ އާދަމް، ކޮއްކޮމެން ސަނާ އަބްދުއްރަހްމާން، ޝަމްރާ އަބްދުއްރަހްމާން އަދި ނެނީ މަރިޔަމް ޝާދިޔާއަށް ހަދިޔާކޮށް ލިޔުއްވާފައިވާ މިފޮތް ނެރެދެއްވީ ޑރ. ޝިރާނީގެ މައްމައާއި ބައްޕަ އެވެ.
"އަޅުގަނޑުގެ އަތުން ލިޔެ މިގޮތަށް ނެރުނު ފުރަތަމަ ފޮތް ނެރެދިނުމަށް މަންމައާއި ބައްޕައަށްވުރެ ވަކި ޝަރަފުވެރި އިއްޒަތްތެރި ބަޔަކު ތިބި ކަމަކަށް ގަބޫލެއް ނުކުރަން". ޑރ. ޝިރާނީ ވިދާޅުވި އެވެ.
ޑރ. ޝިރާނީ ވިދާޅުވި ގޮތުން މިފޮތް ލިޔުއްވުމަށް ގަސްތުކުރެއްވީ ދަރިފުޅަކީ މިބަލި ތަހައްމަލުކުރާ ކުއްޖަކަށްވާތީ ދިމާވި އަދި ދިމާވާ ގޮންޖެހުންތައް ހިއްސާކޮށް މިފަދަ އެހެން އާއިލާތަކަށް މިއާއިލާގެ ތަޖުރިބާއިންނާއި އަދި މިބަލި ތަހައްމަލުކުރާ އެހެން އާއިލާތަކުގެ ތަޖުރިބާއިން އެހީތެރިކަމެއް ފޯރުކޮށްދިނުމަށްޓަކަ އެވެ. މީގެ އިތުރުން އެކަން ތަހައްމަލުކުރާ ފަރާތްތަކުގެ ހިތްވަރުން އެހެން ބަޔަކަށް ހިތްވަރު ފޯރުކޮށްދިނުމެވެ.
މިފޮތުގައި އެކްޒީމާ އާއި ބެހޭގޮތުން ކުޑަކުދިންގެ ޙާއްސަ ޑރ. އައިމިނަތު އަބޫބަކުރު ހިއްސާކުރައްވާފައިވާ މައުލޫމާތު ހިމަނުއްވާފައިވެއެވެ. މީގެ އިތުރުން ފޮތުގެ އެޕެންޑިސްގައި ކުޑަކުދިންނަށް ދިމާވާ ބައްޔެއްކަމުގައިވާ "ފެބްރައިލް ސީޒާސް" ނުވަތަ ހުންއައުމުން ފިޓްޖެހުމާއި ގުޅޭގޮތުން ޑރ. އާއިޝަތު ސޮފާދެއްވައިފައިވާ މައުލޫމާތުވެސް ކިޔުންތެރިންނަށް ހަދިޔާއެއްގެ ގޮތުން ހިމަނުންވާނޭކަމަށް ޑރ ވިދާޅުވި އެވެ.
އެކްޒީމާ ބައްޔާ ބެހޭ ގޮތުން ޑރ ޝިރާނީ ލިޔުއްވި ފޮތް.--"ހަޔާތުގެ ސަފްހާތަކުން ބާބެއް :އެކްޒީމާގެ ދަތުރު" އޭނާގެ މަންމަ އާއި ބައްޕަ ނެރެދެއްވަނީ--
މިފޮތުގެ ދިވެހި އެޑިޓް ދިވެހި މުދައްރިސް އަހްމަދު ޒަކަރިއްޔާ، އަދި އިނގިރޭސި އެޑިޓް އިނގިރޭސި ޓީޗަރު މުހައްމަދު ހުސެއިން ކުރައްވާފައިވާއިރު ލޭއައުޓް ހެއްދެވީ އަހްމަދު ރިލްވާނެވެ. އަދި ކަވާ ފޮޓޯނަންގަވައި ދެއްވީ މުހައްމަދު މިހާޒެވެ. ރަސްމީ ޕަބްލިޝާއަކީ ސެގްމެންޓް.ބައި އެވެ.
އުމުރުން 25 އަހަރުން ފެށިގެން އަމިއްލަ ބްލޮގްގައި ލިޔުމުގެ އިތުރުން އެކި ނޫސްތަކުގައި އެކިކަހަލަ އާޓިކަލްތައް ލިޔަމުންގޮސް ފޮތަކާ ހިސާބަށް ދެވުނީ ވަރަށް މަސައްކަތުން ކަމުގައި ޑރ ޝިރާނީ ވިދާޅުވި އެވެ.
" މިފޮތް 25 އޮކްޓޯބަރ ގައި ރަސްމީކޮށް މިނެރުނީ މިއީ އަޅުގަނޑުގެ އުފަންދުވަހުގެ މުނާސަބަތުގައި، މިއީ ދަރިފުޅުގެ އުފަންދުވަހުގެ ހަދިޔާ. ފޮތެއްނެރުމުގެ ހުވަފެނަކީ އަޅުގަނޑު 13 އަހަރުގައި ދެކެން ފެށި ހުވަފެނެއް. އުމުރުން 25 އަހަރުން ފެށިގެން އަމިއްލަ ބްލޮގްގައި ލިޔުމުގެ އިތުރުން އެކި ނޫސްތަކުގައި އެކިކަހަލަ އާރޓިކަލްތައް ލިޔަމުންގޮސް ފޮތަކާހިސާބަށް މިއާދެވުނީ ވަރަށް މަސައްކަތުން. އެހެންކަމުން މިއަދު ދަރިފުޅަށް އަދި އެހެން ކުޑަކުދިންނަށް ބުނެލަދޭން ބޭނުންވަނީ ހުވަފެންދެކޭޭށޭ. ވަގުތާއި ހިތްވަަަރާއި، މަސައްކަތާއި އަދި ދުޢާއާއެކު ކޮންމެ ހުވަފެނަކީވެސް ކުލަޖެއްސިދާނެ ހުވަފެނެއްކަން މިފޮތުން ބުނެދޭން ބޭނުންވޭ. ހަމަ މިއާއެކު އެކްޒީމާ ހުންނަކުދިންނާއި އެކުދިންގެ ބެލެނިވެރިންނަށް މިފޮތުން އެހީތެރިކަމެއް ލިބި، މިދަތުރުގައި އެމީހުން ތިބީ އެކަނިނޫންކަން ބުނެދިނުމަކީ މިފޮތުގެ އެންމެ ބޮޑު މަގުސަދު. މިފޮތަށް އެކިގޮތްގޮތުން އެހީތެރިވި ފަރާތްތަކަށް ހާއްސަކޮށް ފިރިމީހާ އަށް ވަަރަށް ބޮޑަށް ޝުކުރިއްޔާ." ޑރ. ޝިރާނީ ވިދާޅުވި އެވެ.
މިފޮތުގެ ކޮޕީއެއް މިހާރު ކުޅުދުއްފުށީގެ ޕަބްލިކް ލައިބްރަރީއަށް ހަދިޔާކުރައްވާފައިވާއިރު، މިފޮތް އާންމުންނަށް ގަންނަން ލިބޭނެގޮތަށް ކުރިއަށްއޮތް މަހެއްގެ ތެރޭގައި ލިބެންހުންނާނެކަމަށާއި އަދި ޕްރި އޯޑަރކުރުމަށް ހުޅުވާލާނެކަމަށްވެސް މައުލޫމާތު ދެއްވައެވެ. މިފޮތް ޕްރިންޓްކު ރެވިފައިވަނީ ދިވެހި އަދި އިނގިރޭސިބަހުން އެއްފޮތްތަކުން ފެންނަން އޮންނާނެގޮތަށްކަން ފާހަގަކޮށްލަމެވެ.
އެކްޒީމާ ބައްޔާ ބެހޭ ގޮތުން ޑރ ޝިރާނީ ލިޔުއްވި ފޮތް.--"ހަޔާތުގެ ސަފްހާތަކުން ބާބެއް :އެކްޒީމާގެ ދަތުރު" ވަނީ މިއަދު ރަސްމީކޮށް ޕަބްލިޝްކޮށްފަ--
އެކްޒީމާ ބައްޔާ ބެހޭ ގޮތުން ޑރ ޝިރާނީ ލިޔުއްވި ފޮތް.--"ހަޔާތުގެ ސަފްހާތަކުން ބާބެއް :އެކްޒީމާގެ ދަތުރު" ވަނީ މިއަދު ރަސްމީކޮށް ޕަބްލިޝްކޮށްފަ--
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ