އައްޑޫސިޓީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުލުން މިއަދު ކުރިއަށްދިޔައިރު، ވޯޓުގެ އެންމެހާ ކަންކަން ކުރިއަށްގޮސްފައިވަނީ ވަރަށް އަމާން އޮމާންކޮށްކަމަށް ފުލުހުން ބުނެފިއެވެ.
މިއަދު ނިމިގެންދިޔަ ވޯޓާ ގުޅޭގޮތުން ފުލުހުން މިރޭ ބުނެފައިވަނީ، އައްޑޫ ސިޓީގައި ހިޔާލު ހޯދުމަށް ނެގި އާންމު ވޯޓާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ކުރި މަސައްކަތުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުން ބޭނުންވި އެއްބާރުލުން ލިބިގެންދިޔަކަމަށެވެ. އެގޮތުން ފުލުހުންގެ އިދާރައިން ވަނީ އައްޑޫސިޓީ ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަމަށް އިހުލާސްތެރިކަމާއެކު ޝުކުރު އަދާކުރާކަމަށް ބުނެފައެވެ.
އާއްމުގޮތެއްގައި ރާއްޖޭގައި މިހާތަނަށް ބޭއްވިގެންދިޔަ ގިނަ އިންތިހާބުތަކުގައި ކޮންމެވެސް ވަރެއްގެ ހަމަނުޖެހުމެއް ނުވަތަ ހިޔާލު ތަފާތުވެ ކޮންމެވެސް ވަރަކަށް ހަލަބޮލިވެގެން ދެއެވެ. ނަމަވެސް މިއަދު ނެގި ވޯޓުގައި ކަންކަން ދިޔައީ ވަރަށް ރަނގަޅަށްކަމަށް އިދާރާތަކުން ވަނީ ފާހަގަކޮށްފައެވެ.
މިއަދު ނެގި ފެންނަ ނުފެންނަ ވޯޓުގެ ވަގުތީ ނަތީއްޖާ ދައްކާ ގޮތުން މީދޫ އަދި ހުޅުދޫގެ ރައްޔިތުން ބޭނުންވަނީ އެ ރަށްތަކުގައި ވަކި ކައުންސިލެއް އޮންނަ ގޮތަށް ބަދަލުކުރުމަށެވެ. އެހެން ނަމަވެސް ފޭދޫގެ ރައްޔިތުން ބޭނުންވަނީ ސިޓީ ކައުންސިލުގެ ބައެއްގެ ގޮތުގައި އެ ރަށް ބޭއްވުމަށެވެ.
މިއަދު ނެގި ވޯޓުގައި، ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން ބައިވެރިވެފައި ނުވާކަން ފާހަގަކޮށްލެވެއެވެ. އިލެކްޝަނުން ބުނީ ވޯޓު ދިނުމުގެ ހައްގުލިބިފައިވާ 9،576 މީހުން ތިބިއިރު، ވޯޓު ލާފައިވަނީ 4493 މީހުން ކަމަށެވެ. އެއީ ވޯޓުލެވޭ އާބާދީގެ 47 އިންސައްތައެވެ.
އައްޑޫސިޓީ ވޯޓުގެ ކަންކަން ދިޔައީ ވަރަށް އަމާން އޮމާންކޮށް: ފުލުހުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ